
ދާދިފަހުން 94 ވަނަ އުފަންދުވަސް ފާހަގަކުރެއްވި އިނގިރޭސި ރާނީ އެލަޒަބަތު 2 ހުސް ވަގުތުގައި އެންމެ ކުރައްވާ ހިތްޕުޅުވާ ކަމަކީ އަސްދުއްވުމެވެ. އެކަމަނާ ވިންޑްސަރ ގަނޑުވަރު ގެ ބަގީޗާ ތެރޭގައި ދާދި ފަހުން އެކަމަނާގެ އަސްކޮޅަށް ސަވާރުވެވަޑައިގެން އަސްދުއްވަވާ މަންޒަރުތަކެއް ޝާހީ ގަނޑުވަރުން ވަނީ ހާމަކޮށްފައެވެ.
އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް އިން އަރުވާފައިވާ އިރުޝާދާއި އެއްގޮތަށް ރާނީއާއި ފިރިކަލުން ފިލިޕް ގެންދަވަނީ މާރިޗު މަހުގެ 19 ވަނަ ދުވަހުއްސުރެ ވިންޑްސަރ ގަނޑުވަރުގައި އެކަހެރިވެވަޑައިގެން ދުވަސްތައް ހޭދަކުރައްވަމުންނެވެ.
އެލިޒަބަތު 2 އަކީ ތުއްޕުޅު އިރުއްސުރެ އަސް ގެންގުޅުއްވުމަށާއި، އަސް ދުއްވެވުމަށް ލޯބިކުރައްވާ ބޭފުޅެކެވެ. އުމުރުފުޅުން 18 އަހަރުފުޅުގައި އެކަމަނާއަކީ ކުޅަދާނަ އަސްވާރެކެެވެ. އަސް ރޭސްތަކުގައި އެކަމަނާގެ އަސްކޮޅުތަައް ބައިވެރިކުރެއްވުމަކީވެސް އެކަމަނާ ކުރައްވާ ކަމެކެވެ. އެކަމަނާގެ އަސްކޮޅުތައް ވަނީ މިހާތަނަށް 1600 އަށްވުރެ ގިނަ ރޭސް ކާމިިޔާބުކޮށްފައެވެ.