
މިއަދުގެ 2 ޖެހުމާ ހަމައަށް ރަށްރަށުގައި ތިބި 4818 ފަރާތަކަށް މާލެ އައުމުގެ ހުއްދަ ދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ވިދާޅުވެއްޖެއެވެ. މިއަދު ނޭޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވީ އީދަށް ފަހު މާލެ އައުމަށް ހުއްދައަށް އެދޭ ފަރާތްތަކުގެ އަދަދު ދަނީ އިތުރުވަމުން ކަމަށެެވެ. ކުރިޔަށް އޮތް ތަނުގައި ޕޯޓަލް މެދުވެރިކޮށް މާލެ އައުމަށް އެދޭ ފަރާތްތަކަށް ހުއްދައަށް އެދުމުން ދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މެޑިކަލް އެމަޖެންސީ ތަކުގައިވެސް ހުއްދަދެވޭ ފަރާތްތައް މިހާރުވެސް ހުއްދަ ދެވޭ އުސޫލުގެ ދަށުން ހުއްދަ ދޭނެކަމަށް ވިދާޅުވިއެވެ.
ނަވީން އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން ބޭރަށް ނުކުތުމާއި ވިޔަފާރިތަކަށް އެދި ދޫކުރާ ހުއްދައަށް އެދެންޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށްކަމަށެވެ. އަދި ހުއްދަ ލިބޭނީ ސިޓީ ކައުންސިލުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާ ފަރާތްތަކަށް ކަަަމަށެވެ. ހުއްދަ ނުވަތަ ޕާމިޓް ލިބިގެން ނުކުންނަވާއިރުވެސް، މީހުންނާއި ޖަމާވެގެން ތިބެ ވާހަކަ ނުދެއްކުމަށާއި، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަލުތައް އަޅައިގެން ނުކުތުމަށްވެސް އިލްތިމާސްކުރެއްވިއެވެ.އަދި ޓެކްސީތަކުން މީގެ ކުރިން މަގުމަތިން ދާއިރު ދަތުރަކަށް އެދޭ މީހުން ނެގުމުގެ މަސައްކަތް ކުރި ކަމުގައިވިޔަސް ކުރިޔަށް އޮތް ތަނުގައި، އީޒް ޑައުންވެގެން އަންނަ އިރުގައި އެފަަދަ ކަންތައްތައް ނުކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައް ކޮށްފިނަމަ ޑްރައިވަރުގެ އިތުރުން ދެން އަރައި ތިބި މީހުންވެސް ނުރައްކަލަށް ހުށަހެޅޭނޭކަމަށް ވިދާޅުވިއެވެ.