(25 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދުވާލުވެސް އެގެ ފެންނަނީ ހަމަ ރޭގަނޑު ފެނުނުހައި އާލީޝާންކޮށެވެ. ގޭގެ ކުޑަދޮރުތައްވެސް އާދައިގެ ގެއެއްގެ ބޮޑުދޮރަށްވުރެ ބޮޑެވެ. ކުޑަދޮރުތަކުގައި ދަމައިފައި ހުރި ފެހިކުލައިގެ ފޮތިތަކުން ޝާހީ އަސަރު ފެންނާން ހުއްޓެވެ.
އޭނާ ހުމާޔޫންގެ ފަހަތުން ގޮސް ބޮޑުކޮޓަރި ތެރެއަށް ވަދެއްޖެއެވެ.
"އިށީނދޭ." އޭނާ ސޯފާއަކަށް އިޝާރާތް ކޮށްލަމުން ކުރިމަތީގައި ހުރި އެހެން ސޯފާއެއްގައި އިށީނދެއްޖެއެވެ.
"ޝުކުރިއްޔާ." މެހެމަލް ހިތާ ދެކޮޅަށް ކަހަލަ ގޮތަކަށް އިށީނދެއްޖެއެވެ. އޭނާ އިށީން ސޯފާ ހުރިތަން އޮތީ ކުޑަކޮށް އަލި ފަނޑުކޮށެވެ. ހުމާޔޫނަށް އޭނާގެ ވުޖޫދުވެސް ފެންނާނީ އެކަހަލަ ގޮތަކަށްކަން ނޭނގެއެވެ.
"ދައްކާން ބޭނުން ވާވަކައެއް އަވަހަށް ދައްކާ."
"ބިރު ގަތީތަ؟" ހުމާޔޫން އެއްފައި މައްޗަށް އަނެއް ފައި އެއްލައިގެން އިނދެ ލާނެތް ވައްތަރަކަށް ހިނިތުންވެލިއެވެ.
"އަހަރެން މިއީ ބިރު ގަންނަ މީހެއް ނޫން. އެކަމަކު އަހަންނަކަށް ހުމާޔޫނަށް އެއްގޮތަކަށްވެސް އިތުބާރެއް ނުކުރެވޭ."
"އެއްގޮތަކަށްވެސް ނުކުރާތި. އެކަމަކު އަހަރެން މެހެމަލް ވަގަކަށް ނުނަގަން. އެހެންވީމާ ކޯޓުގައި އަހަންނާ ދެކޮޅަށް އެކަހަލަ ބަޔާނެއް ނުދެވޭނެއެއްނު؟"
"އަހަރެން ހުމާޔޫނާ ދެކޮޅަށް ބަޔާނެއް ދޭން އެބަ އުޅެއޭ ބުނީ ކާކު؟"
"މެހެމަލްގެ ބޮޑުބޭބެ... އާޣާ ކަރީމް."
މެހެމަލް އަނގައިން ނުބުނެ އޭނާގެ މޫނަށް ފުންކޮށް ބަލައިލިއެވެ. ވެގެން އުޅޭ ގޮތް މިހާރު ކޮންމެވެސް ވަރަކަށް ވިސްނޭން ފަށައިފިއެވެ.
"އޭނާ ބުނީ އަހަރެން މެހެމަލް ވަގަށް ނަގައިގެން ގެނައީ ކަމަށް ކޯޓުގައި މެހެމަލް ބަޔާނެއް ދޭނެއޭ. އަހަންނަށް ލަފާ ކުރެވޭ ގޮތުގައި އެކަހަލަ ބަޔާނެއް ދޭން އެމީހުން މެހެމަލަށް އޮންނާނީ މަޖުބޫރު ކުރުވާފައި."
"ތިޔަ ކަމަށް އަހަންނަށް ކޮންމެހެން މަޖުބޫރު ކުރުވަން ޖެހޭނެއޭ ހުމާޔޫންގެ ހިތަށް އެރީ ކީއްވެގެން؟" މެހެމަލްވެސް އެއްފައި މައްޗަށް އަނެއް ފައި އެއްލައިގެން ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. އޭނާގެ ވާހަކައިގައި މަލާމާތުގެ އަސަރު ހުއްޓެވެ.
ހުމާޔޫން ސިހިފައި އަހައިލިއެވެ. "ކީކޭ؟"
"އެސްޕީ ސާހިބް. އަހަރެން މިގޭގައި ބަހައްޓައިގެން އުޅުނީއަކީ އަހަރެންގެ ރުހުމަކު ނޫނެއްނު؟"
"މިސް މެހެމަލް އިބްރާހީމް. އެހައި ބޮޑެތި ބަޔާނަކީ އެހައި ފަސޭހައިން ދެވޭ ކަހަލަ އެއްޗިއްސެއް ނޫނެއްނު؟ އަހަރެންގެ ކުށެއް ނެތްކަން މެހެމަލަށް ރަނގަޅަށް އެނގޭނެ."
"ކުށެއް ނެތޭ؟ އެ ރޭ ގެއަށް ދިޔަދިންނަމަ އަހަރެން ވީ ބަދުނާމެއް ނުވާނެ."
"މެހެމަލް ހޭނެތުނީނު؟ އެ ވަގުތު މައްސަލައިގެ އިސް މީހަކަށް ހުރީ އެސްއެސްޕީއެއް. ހުމާޔޫން ދާވޫދެއް ނޫން. ފާރުމަތީން އަރައިގެން ފިލައިގެން ނުދިޔަ ނަމަ ބަޔާނެއް ނެގުމަށް ފަހު އެ ރޭ މެހެމަލް ގެއަށް ގެންގޮސް ދިނީމުސް."
"އަހަރެން ކޮޓަރީގައި ބަންދުކުރި އިރަކު ބަޔާނެއްގެ ވާހަކައެއް ނުދައްކާ."
"އަހަންނަށް ގާނޫނު ދަސްކޮށްދޭން ނޫޅޭ. އެއީ އަހަރެން ތަހުގީގުކުރާ ގޮތް."
"ތަހުގީގުކުރާ ގޮތުގެ ސަބަބުން މީހަކު ކިތަންމެ ބޮޑަކަށް ބަދުނާމު ވިޔަސް އެންމެ ރަނގަޅުތަ؟"
"އާނ. އަހަންނަށް ވަރިހަމަ."
"ހުމާޔޫން..." އެތާގައި ހުރި ގަސްމުށިގަނޑުން އޭނާގެ ބޮލުގައި ޖަހައިފާނަމޭ މެހެމަލްގެ ހިތަށް އެރިއެވެ.
"މެޑަމް. އެރޭ ކަމަނާ ގެއަށް ގެންދިއުމަކީ ކުރެވެން އޮތް ކަމެއް ނޫން. އެ ވަގުތު އަހަރެމެން ތިބީ ފަވާދް މަޅިއަކަށް ފައްތައިގެން. އޭނާ ވީއްލިދާނެތީ ވިސްނަން ޖެހިފައި އޮތީ. މެހެމަލް ފާރުމަތީން އަރައިގެން މިސްކިތަށް ދިޔަކަން އަހަންނަށް އެނގޭ. ފަތިސް ނަމާދަށް ނުގޮވަނީހެއް މިސްކިތަށް ވަންނާން ހުންނަ ދޮރެއް ނުހުޅުވާނެ. އެހެންވީމާ އަހަރެން މަޑުކޮށްގެން ހުރީ. ބަންގީގެ އަޑު އިވުމާއެކު އަހަރެން ދިޔައީ އެހެން ވެގެން."
"ތިޔަ ހުރިހައި ވާހަކައެއް އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން." އޭނާ ތެދުވެއްޖެއެވެ. އެވަގުތު މޫނަށް އަލި އެޅުނީމާ ހުމާޔޫނަށް އޭނާގެ މޫނުމަތީން ފެންނާން ހުރި ނުރުހުމުގެ ކުލަވަރު ފާހަގަ ކުރެވޭނެއެވެ.
"އަޑު ނާހާ. އެކަމަކު އަހަރެންގެ ކާޑު ހިފައިގެން ދޭ. ފަހަރެއްގައި އަހަރެންގެ އެހީތެރިކަމެއް ބޭނުން ވެދާނެ." ހުމާޔޫން އުޅުނީ ގަދަކަމުން ނަމަވެސް އޭނާގެ އަތަށް ކާޑެއް ދޭށެވެ.
"އެއްވެސް އެހީތެރިކަމެއް ބޭނުމެއް ނުވާނެ." އޭނާ ކާޑުގައި ހިފަމުން ބުނެލިއެވެ. އެޔާއެކު ބާރަށް ހިނގާފައި ގޮސް އެ ގެއިން ނުކުމެއްޖެއެވެ.
ހުމާޔޫން އޭނާ ދިޔަތަން ބަލަން ހުރީއެވެ.
އަށެއް
ބޮޑެތި މީހުން ތިބީ ފެންޑާގައި ގޮނޑިގޮނޑީގައި އިށީނދެގެންނެވެ. އޭނާ ކާޑު ޖީބަށް ލައި ފޮރުވައިގެން މަޑުމަޑުން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.
"މެހެމަލް." ޣަފްރާން އަމުރުވެރި ރާގަކަށް ގޮވައިލިއެވެ. އާޣާ ކަރީމް އޭނާ ފެނުމާއެކު މޫނު އަނބުރައިލިއެވެ. އެއްކަލަ ދުވަހުގެ ފަހުން އާޣާ ކަރީމް އޭނާޔަކާ އަނގަޔަކުން ނުބުނެއެވެ.
"ލައްބަ." އޭނާ ހުއްޓިއްޖެއެވެ.
"ތިޔަ އައީ ކޮން ތަނަކުން؟"
"މި އައީ ރިޕޯޓު ކުރަން ފުލުސް އޮފީހަށް ގޮސްފައި."
"ކީކޭ؟" ޣަފްރާން ރުޅި އައިސް ރަތް ވެފައި އޭނާޔާ ދިމާއަށް ހިނގައިގެންފިއެވެ.
"މި ނަންގަތީ އަޅުގަނޑު މި އައީ ފަވާދް އާޣާއާ ދެކޮޅަށް ފުލުސް އޮފީހުގައި ރިޕޯޓު ކޮށްފައޭ. ކިހިނެއްތޯ ވީ؟ އަޅުގަނޑަށް ރިޕޯޓު ނުކުރެވޭނީތޯ؟" މެހެމަލް އޭނާގެ ކުރިމަތީގައި ހުރެގެން ވަރަށް ސާބިތުކަމާއެކު ވާހަކަ ދެއްކިއެވެ. "މީގެ ފަހުން އަޅުގަނޑާ ސުވާލު ނުކުރައްވާތި. އަޅުގަނޑު ކޮންމެ ތަނަކަށް ދިޔަޔަސް އެއީ އެކަކާވެސް ބެހޭ ކަމެއް ނޫން. އަޅުގަނޑާ ސުވާލު ކުރެއްވުމުގެ އެއްވެސް ހައްގެއް..."
އޭނާގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް އަރައިފިއެވެ.
އެޔާއެކު އޭނާއަށް ދެފިޔަވަޅެއް ފަހަތަށް ޖެހެވުނެވެ. ޔަގީންކަމެއް ނެތް ގޮތެއްގައި ޣަފްރާނާ ދިމާއަށް ބަލައިލިއެވެ.
"ކަލޭ ރިޕޯޓު ކުރާނަންތަ؟" އޭނާ މެހެމަލްގެ އިސްތަށިގަނޑުގައި ހިފައި ލަތްކެއް ޖެހިއެވެ.
"އާނ... ރިޕޯޓު ކުރާނަން... އެއްވެސް މީހަކަށް އަހަރެން ނުހުއްޓުވޭނެ."
އަސަދުވެސް ގޮނޑިން ތެދުވެއްޖެއެވެ. ދެ ބޮޑުބޭބެއިން ވެގެން އޭނާގެ ގައިގައި އެޔެއް މިޔެއް ނުބަލައި ތަޅަން ފަށައިފިއެވެ.
އާޣާ ކަރީމް ގޮނޑީގައި އިށީނދެގެން މަންޒަރު ބަލަން އިނީއެވެ. މެހެތާބާއި ނާޢިމާއާއި ފިޒާއާ ތިން މީހުންވެސް އޭނާއަށް އަނިޔާ ކުރަމުންދާ މަންޒަރު ބަލަހައްޓައިގެން ތިބީއެވެ. ސާމިޔާ ހުރީ ބަދިގޭ ދޮރުމަތީގައެވެ. ދެން ތިބި އަންހެނުން ސިޑިމަތީގައި ކުޅިބަލަން ތިއްބެވެ.
އެމީހުން ހަމައެކަނި ތެޅީއެއް ނޫނެވެ. ހުތުރު އެއްޗެހިވެސް ކިޔަމުން ދިޔައެވެ. މެހެމަލް ސޯފާއެއްގެ މައްޗަށް ވެއްޓިއްޖެއެވެ. ރޮއިރޮއި އަވަދިވާ ވަރު ވެއްޖެއެވެ. އެކަމަކުވެސް އެމީހުން ދުލެއް ނުކުރެއެވެ.
"ބުނޭ... ރިޕޯޓު ކުރާނަންތަ؟" އެމީހުން އޭނާއަށް އަނިޔާ ކުރަމުން ދިޔައިރު މި ސުވާލުވެސް ކުރަމުން ދިޔައެވެ. މެހެމަލްގެ ގައިގައި ޖަވާބެއް ދޭނޭ ހިތްވަރު ނެތޭންދެން އަނިޔާ ކޮށްފައި ސޯފައި ކޮޅުފައިން ޖަހައިފައި ދެމީހުން ބޭރަށް ނުކުމެއްޖެއެވެ.
"މަންމާ... މަންމާ..." އޭނާ ސޯފާގައި އޮވެ ގިސްލަމުން ދިޔައެވެ. އަޑު އިވޭ ހިސާބަކު މުސްރަތެއް ނެތެވެ. ބޮޑެތި މީހުން މަޑުމަޑުން ގޮސް ބޭރަށް، ބަގީޗާ ތެރެއަށް ނުކުމެއްޖެއެވެ. ސިޑިމަތީގައި ތިބި މީހުންވެސް ހިނގައްޖެއެވެ.
"ކަލޭމެން އެންމެން މަރުވޭ... ކަލޭމެންގެ ހުރިހައި ދަރިން ﷲ މަރުގަންނަވާނެނަމަ ކޮންފަދަ... ކަލޭމެންގެ ދަރިން ގަތުލު ކުރާނީ އަހަރެން..." އޭނާ ބަދުދުޢާ ކުރަމުން އަމުނަމުން ގެންދިޔައެވެ.
އިރުކޮޅެއް ފަހުން ފެންޑާގެ ދޮރު ހުޅުވިއްޖެއެވެ. އެތެރެއަށް ވަނީ ޙަސަނެވެ. އޭނާ އެ އައީ އޮފީހުންނެވެ. ހުރީވެސް ރަސްމީ ހެދުމުގައެވެ. ޓައީގެ ގޮށް ދޫކުރަމުން އެތެރެއަށް ވަން ވަގުތު މެހެމަލް މަންމައަށް ގޮވާ އަޑު އިވިގެން ބަލައިލިއެވެ. އޭނާ އޮތް ހާލު ފެނުނީމާ ބަލަހައްޓައިގެން ހުއްޓި ހުރެއްޖެއެވެ.
މެހެމަލް އޮތް ހާލާއި ސޯފާގައި ހުރި ބާލިސްތައް ބިންމަތީގައި ހުރިތަނާ ފެނުނީމާ އޭނާ ކުރިއަށް ޖެހިލިއެވެ. "މެހެމަލް... ކާކު... ކާކު ކުރި ކަމެއް؟"
"ކަލޭވެސް ގޮސް ތަނަކަށް ވަދެ މަރުވެގަނޭ." ޙަސަން އަތް ދިއްކޮށްލީމާ އޭނާ ފޮޅުވައިލިއެވެ. "ކަލޭމެން އެންމެން މަރުގަންނަވާށި. ޔަތީމަކަށް އަނިޔާ ކުރާކަށް ބިރެއް ނުގަނޭތަ؟ ކަލޭމެންގެ ދަރިން ނުބައި މަރަކުން މަރުވާނެ..."
"މެހެމަލް... ބުނެބަލަ. ތިޔައީ ކާކު ކުރި ކަމެއް؟ އަހަރެން..."
"ރައްކާވޭ! އަހަންނާ ގާތް ނުވާތި!" އޭނާ އަޑުގައި ނެތް ތަނަށް ހަޅޭއް ލަވައިގަތެވެ. އަދި ތެދުވެގެން އަރިއަޅަމުން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.
* * *
ރޭގަނޑުގެ ތިންވަނަ ދަމަށް އަޅައިގަތީމާ އޭނާ މަޑުމަޑުން ކޮޓަރިން ނުކުމެއްޖެއެވެ. ދޮރު ހުޅުވި އަޑު ކުޑަކޮށް އިވުނެވެ. އެޔަށް ފަހު ހިމޭންކަން ވެރިވެއްޖެއެވެ. ފެންޑާއަށް އޮތީ އަނދިރިކަމާއި ހިމޭންކަން ވެރިވެފައެވެ.
ގައިގައި އަޅާ ވޭނުގެ ސަބަބުން ދެވޭ ނުދެވޭ ގޮތްވެސް ނޭނގި ޓީވީއާ ހަމައަށް ހިނގައްޖެއެވެ. ފޯނު ހުންނަނީ ޓީވީ ކައިރީގައެވެ. އެއީ ކޯޑްލެސް ފޯނެކެވެ. އޭނާ މީހަކުގެ ހިލަމެއް ވޭތޯ ބަލައިލުމަށް ފަހު އަތްގަނޑު ނަގައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
މިއަދު މުސްރަތު ގެޔަކު ނެތެވެ. އޭނާ މިސްކިތަށް ދާން ނުކުތްއިރު ގޭގައި އުޅެއެވެ. މި ނުލަފާ މީހުން މަންމަ ރަޒިއްޔާ ދައްތަގެއަށް ފޮނުވައިލީ ކަމަށް ވެދާނެއެވެ. އޭނާއަށް އަނިޔާ ކުރަން ރާވައިގެން ތިބީހެން ހީވެއެވެ.
އޭނާ ކޮޓަރީގެ ދޮރު ރަނގަޅަށް ތަޅުލުމަށް ފަހު ގޮސް އެނދަށް އަރައި އިށީނދެއްޖެއެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އޭނާއަށް އޭނާގެ ސޫރަ ފެންނާން ހުއްޓެވެ. ބޯ ހުރީ ހޭވިފައެވެ. ތުންފަތް ހުރީ ދުޅަ ވެފައެވެ. ކަންކަށިމަތީ އޮތީ ނޫފައިގެންފައެވެ.
ކާޑު އަދިވެސް އޮތީ އޭނާގެ ޖިންސުގެ ޖީބުގައެވެ. އޭނާ ކާޑު ނެގުމަށް ފަހު އޭގައި އޮތް ނަންބަރަށް ގުޅައިލިއެވެ.
ފުރަތަމަ ރަނގަބީލުގެ އަޑު ރަނގަޅަށް ނުވެސް ކެނޑެނީސް އެކޮޅުން ފޯނު ނަގައިފިއެވެ. "ހަލޯ."
"އެ... އެސްޕީ..." އޭނާގެ އަޑު ތުރުތުރުއަޅައެވެ.
"ކާކު؟" އެކޮޅުން އަހައިލިއެވެ.
"މެ... މެ... މެހެމަލް." ތިމާގެ ގޮތް ދޫނުކުރާ މިޒާޖުގެ މަތީން ހިތަށް އެރީމާ މެހެމަލަށް ރޮވިއްޖެއެވެ.
"މެހެމަލް؟ ކޮންތާކު؟ ކިހިނެއްވީ؟ ހާލު ރަނގަޅުތަ؟"
އޭނާ އަނގަޔަކުން ނުބުނެއެވެ. ލޮލުން ހޯސް ލައިފައި ކަރުނަ ފައިބަނީއެވެ.
"މެހެމަލް. ވާހަކަ ދައްކަބަލަ."
"އެ... އެ މީހުން އަހަންނަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފި. ތަޅައިފި."
"އޯހ..." ހުމާޔޫން ހިމޭން ވެއްޖެއެވެ. ކުޑަ އިރުކޮޅަކަށް ފަހު އަހައިލިއެވެ. "މިހާރު ކިހިނެއް؟"
"ނޭނގޭ." އޭނާ ރޯން ފަށައިފިއެވެ. "ބުނެބަލަ. ފަވާދްބޭބެ ވީ ޖަލުގައިތަ؟"
"އަދި އޮތީ ޖަލުގައި. އެކަމަކު ވަރަށް އަވަހަށް ކަފާލާތު ލިބިދާނެހެން ހީވަނީ. ޖަލުން ނުކުމެދާނެ ވަރަށް އަވަހަށް. އަހަންނާ ދެކޮޅަށް ހެކިބަސް ދޭން މެހެމަލަށް މަޖުބޫރު ކުރުވަން މަސައްކަތް ކުރާނެ."
"ދެން އަހަރެން ހަދާނީ ކިހިނެއް؟"
"އެއްބަސްވޭ."
"ކީކޭ؟" އޭނާ ހައިރާންވެފައި ފޯނުގެ އަތްގަނޑަށް ބަލައިލިއެވެ. މިއީ ކޮން ކަހަލަ ބޯހަރު އާދަމުގެދަރިއެއް ހެއްޔެވެ؟
(ނުނިމޭ)