ފަހު ދިހައިގެ ރޭތަކުގައި ވެސް ޖަމާޢަތުގައި ނަމާދު ނުކުރެވޭނެ

ފަހު ދިހައިގެ ރޭތަކުގައިވެސް މިސްކިތްތަކުގައި ނަމާދު ނުކުރެވޭނެ ކަމަސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެ މިނިސްޓްރީން ވަނީ  ރާއްޖޭގައި ކޯވިޑް ފެތުރުން ހުއްޓުވުމަށްޓަކައި މިސްކިތްތަކުގައި ޖަމާައތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން އެ މިނިސްޓްރީން މި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މި ކަން ހާމަކޮށްފައިވަނީ މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. 

މި ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި  މި ދުވަސްކޮޅަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަށް ވުމުން، ފަހި ދިހައިގެ ރޭތަށް ހެޔޮގޮތުގައި ލިބިގަތުމަށާއި، ލައިލަތުލް ޤަދުރި ވިލޭރޭ ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމަށާއި މިހާރު ފެތުރިފައިވާ ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކުރުން އެދި މާތްﷲ ގެ ހަޟްރަތަށް ދުޢާ ދެންނެވުމުގައި ދެމިތިބުމަށް އިލްތިމާސްކުރައްވާފައިވެއެވެ. އަދި ޖަމާޢަތުގައި ނަމާދު ނުކުރެވުނު ކަމުގައިވިޔަސް ގޭގައި ބަރާބަރަށް ނަމާދުކުރުމަށާއި، ތަރާވީޙް ނަމާދާއި ސުންނަތް ނަމާދުތައް އަދާކުރުމަށާއި، ސަބަބުތަކުގައި ހިފައި، ﷲ އަށް ވަކީލުކޮށް އިސްތިޢުފާރު ކުރުމަށް މި ބަޔާނުގައި ވަނީ ދިވެހި ރައްޖޭގެ ރައްޔިތުންނަށް ނަސޭހަތްދީފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަން ރާއްޖެގައި ފެތުރުމާއި ގުޅިގެން، އެކަން ހުއްޓުވުމަށްޓަކައި އިސްލާމީކް މިނިސްޓްރީއިން ވަނީ19 އޭޕްރިލް 2020 ވީ އާދިއްތަ ދުވަހުގެ މަޢްރިބް ނަމާދުން ، ފެށިގެން 28 މޭއި 2020 ވާ ބުރާސްފަތި ދުވަހުގެ ޢަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދިކުރުން މަނާކޮށްފައެވެ. މިއީ ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ އެ ޙާލަތަށް ރިއާޔަތްކޮށް، އިތުރަށް ރާއްޖޭގައި މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި، އިސްލާމިކް ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި، ޑޮކްޓަރުންގެ ލަފާގެ މަތިން އެޅުނު ފިޔަވަޅެކެވެ. މިގޮތުން ޖަމާޢަތުގައި ފަރްޟު ނަމާދުތަކާއި، ހުކުރު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާޢަތް މިސްކިތުގައި ހެދުންވަނީ މަނާކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.