އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އެލަވަންސް ދިނުމާ ގުޅޭ އުސޫލު އާއްމުކޮށްފި 

Photo: corporatemaldives.com

ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު އާއްމުކޮށްފި އެވެ. 

މިއީ  ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަވަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، "އިންކަމް ސަޕޯޓް އެލަވަންސް" އެއް ދިނުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކޮށްދޭ އުސޫލެކެވެ. 

މިއުޞޫލުގެ ދަށުން މާލީ އެހިތެރިކަން ފޯރުކޮށް ދިނުމަށް ހަމަޖައްސައިފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަވެސް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މާލީ އެހީތެރިކަމަށް ހުށަހަޅައިފައިވާ ފަރާތެއްނަމަވެސް ދިނުމަށް ކަނަޑައަޅައިފައި ވަނީ މަހަކަށް 5000 ރުފިޔާއެވެ. ނަމަވެސް  އެލަވަންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ  5000 ރުފިޔާ ނުވަތަ އެއަށް ވުރެ މަތީ ޢަދަދެއްގެ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، މި އުސޫލުގެ ދަށުން ދެވޭ އެލަވަންސަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ކަމުގައެއް ނުބެލޭނެކަމަށް ވެސް އުޞޫލުގައި ބުނެފައިވެއެވެ. އަދި އެލަވަންސް ހޯދުމަށް ހުށަހަޅާ ފަރާތަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްގެ އެހެން އާމްދަނީއެއް ނުވަތަ މުސާރައެއް ލިބޭ ފަރާތެއްނަމަ، އެ ފަރާތްތަކަށް ފޯރުކޮށްދެވޭނެ އެލަވަންސަކީ  5000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއްކަމަށް ވެސް އުޞޫލުގައި ބުނެއެވެ. 

ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވަންސަށް އެދޭ ފަރާތަކީ މިއަހަރުގެ މާރޗް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ވަޒީފާއެއްގައި ހުރި ފަރާތަކަށް ވާންޖެހެއެވެ. އަދި އެފާރަތަކީ ސުރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމަށް ވާންޖެހޭނެ ކަމަށްވެސް އުޞޫލުގައި ބުނެފައި ވެއެވެ. އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ ފަރާތަކަށް ވެސް ވާން ޖެހެއެވެ. 

މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ކަމަށް އުޞޫލުގައި ބުނެފައި އެވަނީ، މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކެވެ. 

ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ކަނޑައަޅައިފައިވަނީ ތިން މަސް ދުވަހަށެވެ. އެއީ މިއަހަރުގެ އޭޕްރީލް، މެއި އަދި ޖޫން މަހަށެވެ. 

އެލަވަންސަށް އެދޭނެ އުޞޫލާއި އެލަވަންސް އެދޭފަރާތްތަކުން ދޮގުމަޢޫލޫމާތު ދީފައިވާނަމަ ޢަމަލު ކުރަންޖެހޭ އުޞޫލުވެސް މިއުޞޫލުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެލަވަންސް ހޯދަން ބޭނުންވާ މީހުން އެއްބަސް ވާންޖެހޭ އިޤްރާރުވެސް އުޞޫލުތަކުގެ ޖަދުވަލުގައި ހިމަނާފައި ވެވެއެވެ.  

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.