މުޞްޙަފް - 12

(11 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ރަނގަޅަށް ވިސްނައިފިން." މެހެމަލް މިހެން ބުނެފައި އެ ފޮތް މަތީގައި އަތް ބާއްވައިލިއެވެ. ހީވަނީ އެ ކުއްޖާއަށް ގެންދިޔަ ނުދޭން އުޅެނީހެންނެވެ.

"އެހެން ވެއްޖެއްޔާ ގެންދޭ. އެކަމަކު ހަނދާން ކުރާތި. އަހަރެން މެހެމަލާ މި ހަވާލު ކުރަނީ ވަރަށް ބޮޑު ބުރައެއް. މި ފޮތުގައި ބުނާ ގޮތަށް އަމަލުތައް ބަހައްޓައިފިނަމަ ހުރިހައި ކަމެއް ބަދަލު ވެގެން ހިނގައިދާނެ. އޭގެ ފަހުން މެހެމަލް ދިރިއުޅޭނީ މި ފޮތުގައި. މި ފޮތާ ވާހަކަ ދައްކާނެ. މި ފޮތް ނޫން އެއްޗެއް ނުފެންނާނެ. މި ފޮތާ ހިތައިވެދާނެ. މި ފޮތާ ހެދި މޮޔަ ވެދާނެ... ދެން މި ފޮތް ދޫކޮށްލާން އުޅެފިއްޔާ ބަރުބާދުވެ ނިމިގެން ހިނގައިދާނެ. ލިބުނު ހުރިހައި އެއްޗެއް އަތުން ބީވެގެން ހިނގައިދާނެ. ކުރީއްސުރެ އަތުގައި ހުރި އެއްޗެއް ބޮޑު އަޒާބަކަށް ވެގެން ހިނގައިދާނެ. ގެންދޭ... މި ފޮތް ހިފައިގެން ދޭ."

އެ ކުއްޖާ އެ ކަޅު ބޭރުގަނޑުލީ ފޮތް މެހެމަލަށް ފޯރުކޮށްލިއެވެ. މެހެމަލް އިބްރާހީމް އެ ފޮތުގައި ހިފި އިރު އަތް ތުރުތުރުއަޅައެވެ.

"ޝުކުރިއްޔާ. މި ފޮތް އަނބުރައި ދޭން ޖެހޭނެތަ؟"

"ނުޖެހޭނެ."

"އަހަރެން މުޅި ފޮތް އެކީގައި ކިޔައި ނިމުނީމާ ހަދާނީ ކިހިނެއް؟"

"އަލުން ފަށައިގެން ކިޔާ. މިއީ ބައު ވާނޭ ފޮތެއް ނޫން."

"ޝުކުރިއްޔާ." އޭނާ ތުރުތުރުއަޅާ އޮތް އަތަކުން ފޮތް އަތުލުމަށް ފަހު ގެޔާ ދިމާއަށް ބާރަށް ހިނގައިގެންފިއެވެ. ފޮތުގެ ބޭރުގަނޑު ވަރަށް ފިންޏެވެ. އޭނާ ހިނގަމުން ދިޔައީ ވަރަށް ބޮޑު އުއްމީދަކާ އެކީގައެވެ. މިދަނީ ވަރަށް އާދަޔާ ޚިލާފު އަދި ސިއްރުން ފުރިފައިވާ ހަގީގަތްތަކެއް ކަޝްފު ކުރާށޭ ހިތުގައި އޮތެވެ.

ގޭގެ ދޮރާށި ހުޅުވި ވަގުތު ދެފައި ތުރުތުރު އަޅާ ކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ. ހިތް ތެޅޭ ވަރުން ހީވަނީ ދެންމެ ދެންމެ މޭ ފޫއަޅުވައިފައި ބޭރަށް ނުކުމެދާނޭ ހެންނެވެ. ވަރުބަލިވެފައިވާ އަންހެން ކުއްޖަކު އެ އައީ ވަރަށް ބޮޑު ބުރައަކާއިގެންނެވެ. މި ފިޔަވަޅު އެޅުނީ ބަރުބާދީގެ ރާސްތާއަކަށް ނުކުންނާން ނޫން ބާވައޭވެސް އޭނާގެ ހިތަށް އެރިއެވެ. ރަމަލު ޖެހުމާއި ފާލު ބެލުމާއި ސިހުރުހާހޫރައަކީ ރަނގަޅު އިލްމެއް ނޫނެވެ. އެކަން އެނގި ހުރެ އޭނާއަށް މި ކުރެވެނީ ކޮން ކަހަލަ ކަމެއް ބާވައެވެ؟

ވިސްނައިލާން ޖެހޭނެއޭވެސް އޭނާގެ ހިތަށް އެރިއެވެ. އެކަމަކު މިހާރު އެހެރީ ދަތުރަށް ނުކުމެއެވެ. އެނބުރި ދިއުމަކީ ދެން ކުރެވޭނޭ ކަމެއް ނޫނެވެ.

މުދަލާއި ފައިސާ... ލޯބިވެރިޔާ... ފައިދަށުގައި...

ވަރަށް ގިނަ ތަކެތި އެއް ކުރާން އޭނާ ބޭނުން ވެއެވެ. އޭނާގެ ހުރިހައި މައްސަލައެއްގެ ހައްލަކީ މި ފޮތެވެ. އޭނާގެ ހަނދާނަށް އައީ ބޭގަމް ނުޢުމާންގެ ދަރިފުޅާ އޭނާޔާ ދެވާން ނިންމި ނިންމުމަށް ވީ ގޮތެވެ. ރޭ ފަވާދްގެ ވާހަކައަށް އެހެން މީހުން ރައްދު ދިން ގޮތް ހަނދާން ވިއެވެ. ފައިސާއާއި މުދާ އޭނާގެ ހަނދާނަށް އައެވެ. އެއީ ހައްތަހައިވެސް އޭނާގެ މުދަލާއި ފައިސާއެވެ. އެކަމަކު މިއަދު އެ ތަކެތީގެ ބޭނުންކޮށް، އުފާކޮށް އުދުހެމުން ދަނީ އެހެން ބައެކެވެ. އެ ފޮތަކީ ޚަޒާނާއެއްގެ ތަޅުދަނޑިއެވެ. އެފަދަ ތަޅުދަނޑިއެއް އަނބުރައި ދެވޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެ ފޮތް މޭގައި ޖައްސައި ބާރު ކޮށްގެން ހުރެ ގޯތި ތެރެއަށް ވަދެއްޖެއެވެ.

"ތިޔަ އައީ ކޮން ތަނަކުން؟"

އޭނާ ހުރީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެކަމަކު އެ އަޑު އިވުނީމާ ބިރުން ސިހިފައި ދެ ފިޔަވަޅެއް ފަހަތަށް އެޅުނެވެ.

ކުރިމަތީގައި ޝައްކުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލަހައްޓައިގެން އެހެރީ އޭނާގެ ކުޑައަންމަ، މެހެތާބެވެ.

"އެއީ... އެއީ.. ކުޑައަން..." އޭނާ ހިކިފައިވާ ތުންފަތުގައި ދޫ ކާއްތައިލިއެވެ. "މި އައީ ނާދިޔާ ގެއަށް ގޮސްފައި. އޭނާގެ އަތުން ފިލާވަޅެއް ނޯޓު ކުރުވައިގެން. ބަސް ހުއްޓާ ތަނަށް ގޮސް އޭނާޔާ ބައްދަލު ކުރީ. އަހަރެން ދިޔައީ މަންމަ ގާތު ބުނެފައި."

"އެހެންތަ؟ ބަލަ މިގޭގެ ވެރިޔަކީ ކަލޭގެ އަމާތަ؟ އޭނާގެ ހުއްދަ ހޯދައިލީމާ އެ ނިމުނީތަ؟"

"އެ... އެ... އަސަދު... އަސަދުބޭބެ ގާތުވެސް ބުނިން." މެހެތާބްގެ ކުރިމަތީގައި ބުނާނޭ އެއްޗެއް ނޭނގިގެން އާގަންނާން ފެށި ފަހަރެއް މި ނޫނިއްޔާ އަދި ނާދެއެވެ.

"ހޫނ... ދޭ. އަހަރެންގެ ބޮލަށް ތުރާ ނުކޮށް ދާން އުޅޭ." މެހެތާބް ފޫހި ގޮތަކަށް އަތުން އިޝާރާތް ކުރަމުން ބުނެލިއެވެ.

އޭނާ ކޮޓަރިއަށް ވަދެ، އަލަމާރި ހުޅުވައިފައި ހުރިހައި ހެދުމެއްގެ ދަށަށް އެ ފޮތް ލައި ފޮރުވައިފިއެވެ. އަލަމާރި ރަނގަޅަށް ލެއްޕުމަށް ފަހު މީހަކަށް ފެނުނުތޯ ބަލަން ވެގެން ވަށައިގެން ހޯދައި ބަލައިލިއެވެ.

"މެހެމަލް." ބޭރުން މަންމަ ގޮވައިލީ އަޑު އިވުނެވެ.

މެހެމަލް މޫނުގައި ހުރި ދައު ފޮހެލުމަށް ފަހު ބޭރަށް ނުކުމެއްޖެއެވެ.

މުސްރަތު އޭރުވެސް އުޅެނީ ބަދިގޭގެ މަސައްކަތުގައެވެ. މެހެމަލް ބަދިގެއަށް ވަން އަޑު އިވިފައި އެނބުރި ބަލައިލިއެވެ. "ދަރިފުޅު ދިޔައީ ކޮލެޖަކަށްނު؟ މިހައި އަވަހަށް އައީ ކިހިނެއް ވެގެން؟"

"ހަމަ އަވަހަށް އައީ."

"ކަމެއް ވީތަ؟"

"ނޫނޭ. މިއަދު އެންމެންނަށް އަހަރެންގެ ފިކުރު ކުރެވެނީ ކީއް ވެގެން؟ އަހަރެން ދިޔައީ ނާދިޔާ އަތުން ނޯޓު އަތުލަން. އަތުލައިގެން މި އައީ." އެއްވެސް ކަމަކާ ނުލައި އޭނާ ނުރުހުން ވެއްޖެއެވެ. އަދި ތެލިތަށްޓާ ކުޅޭން ފަށައިފިއެވެ.

"މަންމަ ހަމަ އަހައިލީ. ދެން އެންމެ ރަނގަޅު. ސައި ބޯން އިށިނދޭ."

"ނުބޯނަން. ބަނޑުހައެއް ނުވޭ." އޭނާ ބޭނުން ވަނީ ރެކިގެން ނުކުންނާށެވެ. އެހެންވީމާ އަވަސް އަވަހަށް ނުކުމެގެން ބަގީޗާ ތެރެއަށް ހިނގައްޖެއެވެ. މިހާރުވެސް ސިކުނޑީގައި އެނބުރެނީ އަލަމާރިގައި އޮތް ފޮތެވެ.

އެ ދުވަހު އޭނާ މަންމަޔާއެކު މަސައްކަތް ކުރާން އުޅުނީވެސް މެސެނެއް ހެންނެވެ. އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނެތެވެ. އޭނާގެ ހިތް ގޮވަމުން ދިޔައީ އެ ފޮތަށެވެ. ޚިޔާލު ދޫވަނީ އެ ފޮތާ ދިމާއަށެވެ. އޭނާ ދެ ފަހަރަކު ކޮޓަރިއަށް ވަދެ އަލަމާރި ހުޅުވައިފައި އެ ފޮތުގައި އަތް ޖައްސައިވެސްލިއެވެ.

ފޮތް ހަމަ އޮތް ގޮތަށް އެބަ އޮތެވެ.

މުޅި ދުވަހު އޭނާ އިންތިޒާރު ކުރަމުން ދިޔައީ ފޮތް ކިޔާން ފެއްޓޭނޭ ވަގުތަކަށެވެ. އެކަމަކު މަސައްކަތުގައި އުޅެފައި ލިބޭ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އައިސް އެ ފޮތް ކިޔާކަށް އޭނާއަކަށް ނުކެރުނެވެ.

ރޭގަނޑު އެންމެން ކައި ނިމިގެން ފޮނި ކާތަކެއްޗާ ދިމާއަށް އެނބުރު ވަގުތު އޭނާ އަލަމާރިން ފޮތް ނަގައިގެން މަޑުމަޑުން ސިޑިން މައްޗަށް އަރާން ފަށައިފިއެވެ. ކާގެއިން ނުކުމެގެން ބަދިގެއަށް އައި ވަގުތު މެހެމަލް ސިޑިން އަރަމުން ދަނިކޮށް މެހެތާބަށް ފެނިއްޖެއެވެ.

"މިއަދު މެހެމަލް މި އުޅެނީ ކޮން ކަހަލަ ފާޑަކަށް؟" އޭނާގެ ފަހަތުން އައި ނާޢިމާއާ މެހެތާބް ސުވާލު ކޮށްލިއެވެ. "ކޮންމެވެސް ފޮތެއް ހިފައިގެން މައްޗަށް އަރައިފި."

"އެހެންތަ؟" އޭނާ ޝައްކުގެ ރާގަކަށް ބުނެލިއެވެ. "ކިޔެވުންވެސް ނިމިއްޖެ. އެހެންވީމާ މިހާރަކު ފިލާވަޅު ދަސް ކުރާކަށް ނުޖެހޭނެ. އެ މަންޖެ ކޮންމެވެސް ސަކަރާތެއް އެބަޖަހާ."

މެހެމަލް މައްޗަށް ޓެރަހަށް އަރައިފިއެވެ. ދޮރު ލެއްޕުމަށް ފަހު ފާރު ކައިރިއަށް ޖެހިލައި ބިންމަތީގައި އިށީނދެއްޖެއެވެ. އަދި ފޮތް ކަކޫ މަތީގައި ބާއްވައިގެން ފޮތާ ދިމާއަށް ބަލާން ފަށައިފިއެވެ.

އަނިޔާއާއި މަހްރޫމީއާއި ހިތާމަ ބަރުދާސް ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައި ވުމާއެކު އިތުރަށް ކެތް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ހެޔޮ ގޮތުގައި ނުވިއްޔާ ނުބައި ގޯޅިއަކުން އަޅައިގެން ނަމަވެސް އޭނާގެ ހައްގުތައް ލިބިގަންނާން ބޭނުން ވެއެވެ.

ހިތުގެ އަޑިން ވަރުގަދަ ފައިސަލާއެއް ކުރުމަށް ފަހު މެހެމަލް އިބްރާހީމް އެ ފޮތުގެ ބޭރުގަނޑުގައި ފިރުމައިލިއެވެ. އޭނާ ފޮތް ހުޅުވައިލާން އުޅުނު ވަގުތު ކުއްލިއަކަށް ޓެރަހުގެ ދޮރު ހުޅުވިއްޖެއެވެ.

އޭނާ ގަތް ބިރުން އިސް އުފުލައި ބަލައިލިއެވެ. އެ ވަގުތު ދުނިޔެ ބާރަށް އެނބުރޭން ފެށި ކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ.

ކުރިމަތީގައި ތިބީ އާޣާކަރީމާއި މެހެތާބާއި ނާޢިމާއާއި ގޭގެ އެހެން އަންހެން ކުދިންނެވެ. އަދި އޭނާގެ މަންމަ މުސްރަތުވެސް ހުއްޓެވެ.

"މިތާގައި ތިޔަ ކުރަނީ ކީއް؟" އާޣާ ކަރީމް ރުޅި އައިސް ފުފިފައި އަހައިލިއެވެ. "މެހެމަލް... މިތާގައި ކީއް ކުރަނީ؟"

އޭނާއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.

"އިށީނދެގެން އިނީ ކީއްވެގެން؟ އަހަރެންގެ ކުރިމައްޗަށް އާދޭ." މެހެތާބްވެސް ރުޅި އައިސްފައި ބުންޏެވެ.

މެހެމަލްގެ ކަކުލު ހުޅުން ވާގި ދޫވީހެން ހީވިއެވެ. ވަރަށް އުނދަގުލުން ކޮޅަށް ތެދުވެއްޖެއެވެ. ފޮތް އޭނާގެ އަތުގައި އޮތް ގޮތަށް އޮތެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ.

"އަ... އާ... އާޣާޖާން. އަޅު... އަޅުގަ..."

"އަހަރެން މި އަހަނީ ރޭގަނޑު މި ތަނަށް އަރައި ކީއްހޭ ތިޔަ ކުރަނީ؟"

"އަ... އަޅު... އަޅުގަނޑު ފިލާ... ފިލާވަޅު ދަސްކުރަނީ."

"ކޮން ފިލާވަޅެއް. ނިކަން ދައްކައިލަބަލަ." އާޣާ ކަރީމްގެ އަޑުގައި ހުރި ހަރުކަށިކަން ކުޑައެއް ނުވެއެވެ. އޭނާ ފޮތް އަތުލާން އަތް ދިއްކޮށްލީމާ މެހެމަލް ފަހަތަށް ޖެހިލިއެވެ.

"އެއް... އެއްޗެއް... ނޫން." އޭނާ ފޮތް ފުރަގަހަށް ލާން މަސައްކަތް ކުރިއެވެ. އެ ވަގުތު އޭނާއަށް ފެނުނީ އާޣާ ކަރީމްގެ ފުރަގަހުގައި ހުރީ އޭނާގެ މަންމަގެ ލޮލުން ކަރުނަ ފައިބާ ތަނެވެ. މެހެތާބްގެ ތުންފަތް މައްޗަށް ވެރިވެފައި ވަނީ ފަތަހައިގެ ހިނިތުންވުމެކެވެ.

"ރޭގަނޑު ދަންވަރު ފޮރުވައިގެން ތިޔަ ގެންގުޅޭ ފޮތެއް ނިކަން އަހަރެމެންނަށްވެސް ދައްކާލަބަލަ. ސިޓީ ލިޔަނީ ކާކަށްތޯ ނިކަން ބުނެބަލަ. އަހަރެން ކުރިންވެސް ބުނިން... މި ނުލަފާ މަންޖެ ކޮންމެވެސް ނުބައި ކުޅިއެއް ކުޅޭނެކަން މާ ކުރިންވެސް އަހަންނަށް އެނގޭ." އޭނާގެ ވަށައިގެން ބޮން ގޮވާހެން މެހެމަލަށް ހީވާން ފަށައިފިއެވެ.

"ނޫން... ކުޑައަންމާ..." މެހެމަލް ދެލޯ ބޮޑުކޮށްގެން ހުރެ ބޯ ހޫރަމުން ދިޔައެވެ. "އަހަރެން އެއްވެސް ކަމެއް ނުކުރަން. އަހަރެން ފިލާވަޅު..."

އާޣާ ކަރީމް އޭނާގެ އަތުން ފޮތް ޖަހައިގެންފިއެވެ. "ފިލާވަޅު ދަސް ކުރަނީ ކަމަށް ވަންޏާ ނުދައްކާން ތިޔަ އުޅެނީ ކީއްވެގެން؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.