އިންސާނީ މުޖުތަމައަކަށް ނުވަތަ އިންސާނަކަށް ދިމާވާ މުޞީބާތަކީ ނުވަތަ ކާރިސާއަކި އެބަޔަކަށް ނުވަތަ އެމީހަކަށް ކުރިމަތިވާ ނިކަމެތިކަމެކެވެ. ގެއްލުމެކެވެ. އުފަލާއި ތިޔާގިކަމުގައި އުޅުމަށް ފަހު، ހިތާމަތައް ކުރިމަތިވެ، އަތްމަތި ދަތިވެއެވެ. އެތައް ބައެއްގެ ނުވަތަ ގާތްތިމާގެ މީހެއްގެ ފުރާނަ ގެއްލިދެއެވެ.
މިފަދަ ކަންކަން ދިމާާވާ ބައެެއްގެ ހިތަށް ޝައިޠާާނާ އެންމެ ފުރަތަމަވެސް ވައްދާނެ ޚިޔާލަކީ މިއީއެވެ. ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަންކުރާ ރަޙީމްވަންތަ ﷲ ކަންކުރެއްވީ ކިހިނެއްޔެެވެ؟ އުފާތައް ހިތާމައަށް ބަަދަލުކުރައްވައި، ތިޔާގިކަން އަތްމަތި ދަތިކަމަށް ބަދަލުކުރެއްވީއެވެ. އެހެނަސް، މިފަދަ ވަގުތުގައި އީމާންކަން މަތީ ދެމިތިބުމަކީ މުއުމިނުންގެ ގޮތެވެ. މުޞީބާތް ކުރިމަތިވީ ކީއްވެގެންކަން ރަނގަޅަށް ވިސްނައި އެކަމުން ފިލާވަޅު ލިބިގެންފިނަމަ، ލިބިގަނެވޭނޭ މުހިއްމު ފިލާވަޅަކީ މާތް ﷲ އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިނުގަންނަވާނެކަމެވެ.ެ
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴾ (ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، مؤمن ން ހަމައެކަނި، اللَّه އަށް وكيل ކުރާހުށިކަމެވެ!) (އައްތައުބާ: 51)
ގަދަކީރިތިވަންތަ ﷲ ބަޔަކަށް ދެރަ ގޮތެއް ނުވަތަ ނިކަމެތިކަމެއް ކުރިމަތިކުރައްވަނީ އެކަލާނގެ ކަނޑައަޅުން ނިންމަވާފައިވާ ހިކުމަތަކަށްޓަަކައެވެ. އަހަރުމެެން އިންސާނުންނަށް އެކަން ވިސްނައި ގަތުމަށް ވަގުތު ބޭނުންވަނީއެވެ. ނުވަތަ ނުވިސްނެނީއެވެ.
އަނިޔާވެރިވުމަކީ މާތް ﷲ އެކަލާނގެ ޒާތުުުފުޅުގެ މައްޗަށް ޙަރާމްކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން އެކަލާނގެ އެއްވެސް އިންސާނަކަށް އަނިޔާވެރިވެވޮޑިގަތުމަކީ މުސްތަޙީލުކަމެކެވެ. ޤުދްސިއްޔަ ޙަދީޘެއްގައި އައިސްފައިވާ ފަދައިންނެވެ. عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم فِيمَا يَرْوِي عَنْ رَبِّهِ تَبَارَكَ وَتَعَالَى " إِنِّي حَرَّمْتُ عَلَى نَفْسِي الظُّلْمَ وَعَلَى عِبَادِي فَلاَ تَظَالَمُوا " (އަބޫޛަރްގެ އަރިހުން ރިވާވެގެން ވެއެެެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލު صلى الله عليه وسلم އެކަލޭގެފާނުގެ މަތިވެރިވަންތަ ވެރިރަސްކަލާނގެ ޙަޟްރަތުން ރިވާކުރައްވައި ޙަދީޘުކުރައްވާފައިވާ ބަސްފުޅެއްގައި ޙަދީޘުކުރެއްވިއެވެ. އޭ "ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޒާތުފުޅުގެ މައްޗަށް ތިމަންރަސްކަލާނގެ އަނިޔާވެރިކަން ޙަރާމްކުރައްވައިފީމެވެ. ފަހެ ތިޔަަބައިމީހުން އެއްބަޔަކު އަނެއްބަޔަަކަށް އަނިޔާވެރި ނުވާށެވެ.") (ޞަޙީީޙު މުސްލިމް، ޙަދީޘު: 2577)
އެހެންކަމުން، މުޞީބާތަށް ފަހު ޔަގީންކަމާއެކު ގަބޫލުކުރަންވީ ހަގީގަތަކީ ކީރިތި ﷲއަކީ އެއްވެސް ސިފައެއްގައި އެއްވެސް މަޚްލޫގަކަށް އަނިޔާވެރިވެވޮޑިގަންނަވާނެ ކަލަކު ނޫންކަމެވެ. ވީއިރު، އިންސާނާއަށް މުޞީބާތު ސަބަބުން ގެއްލުމާއި އަނިޔާ ލިބޭނީ އޭނާ އަތުން ކުޅަ ކަމެއްގެ ސަބަބުންނެވެ. އޭނާއަށް އެ ކުރިމަތިލަނީ އޭނާ އަމިއްލައަށް ކުޅަ ކަމެެއްގެ ނަތީޖާއާއެވެ. މިކަން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ. ﴿إِنَّ ٱللَّهَ لَا يَظْلِمُ ٱلنَّاسَ شَيْـًٔا وَلَـٰكِنَّ ٱلنَّاسَ أَنفُسَهُمْ يَظْلِمُونَ﴾ (ހަމަކަށަވަރުން، اللَّه، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުރެތެވެ.) (ޔޫނުސް: 44)
މުޞީބާތު މި ހަގީގަތް ކީރިތި ޤުރްއާނުގެ އެހެން ސޫރަތެއްގައި މާތް ﷲ ވަނީ ވަރަސް ސާފުކޮށް ބަޔާންކޮށްދެއްވާފައެެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿وَمَآ أَصَـٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ﴾ (ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް ޢަފޫ ކުރައްވަތެވެ.) (އައްޝޫރާ: 30)
ވީއިރު، މުޞީބާތުގެ ވަގުތުގައި ލިބިގަންނަންވީ އެެންމެ މުހިއްމު އެއް ފިލާވަޅަކީ، އެ މުޞީބާތަކީ މާތް ﷲގެ އަނިޔާއެއް ކަމުގައި، ނުވަތަ އެކަލާނގެ އަދުރުވެރިކަމުން ބޭރުން ކުރެއްވި ކަމެއް ކަމުގައި ނުދެކި، ތިމާއަށް މުޞީބާތް ޖެހުނީ ތިމާއަށް ކުރެވުނު ކޮން ކަމެއްގެ ސަބަބުންތޯ ހޯދައި އެކަމެއް ރަނގަޅުކުރުމެވެ.
Varah kamudhiya series eh..
Liyumuge baithah kiyailumun varah ehenkahala ihusaaseh kurevenee.hithah hamajehun libi nafsah madumolhikan verivedhey
Liyuntheriyaa ah ginaguna dharuma dhevvaashi. masakkathugai barakaaiy lavvaashi