ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ހަމައެކަނި ދަރިކަނބަލުން އައްނަބީލާ އަމީނާ މުޙައްމަދު އަމީން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ އަވަހާރަވެފައެވެ. އަމީނާ އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދުގެ ހެދުނުގެ ވަގުތެއްގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 83 އަހަރުފުޅެވެ. އަމީނާ އަވާހަރަވީ އިރު އެކަމަނާގެ ފިރިކަލަކާއި ހަތަރު ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލް އާއި އިބްރާހީމް ފައިސަލް އާއި ޝުވޭކާރު އަބްދުލްޙަމީދެވެ. އެކަމަނާއަށް ސުވަރު ގޭގެ ދައިމީ ނިޢުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ.
އައްނަބީލާ އަމީނާ މުޙައްމަދު އަމީނަކީ އެކަމަނާގެ ޅަފުރާގެ ޙަޔާތްޕުޅުގައި ދުނިޔޭގައި މަދު އިންސާނަކު ނޫނީ ކުރިމަތި ނުލާނެ ފަދަ ބޮޑު ބިރުވެރިކަމަކާއި ހިތްދަތިކަމެއް ތަޖްރިބާ ކުރައްވައިފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ފުރަތަމަ ރައީސްގެ ހަމައެކަނި އަންހެން ދަނރިކަނބަލަށް ވެވަޑައިގެންނެވުމުގެ ޝަރަފާއެކު އެ ރައީސްކަން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އުވި ދިޔައީ އެކަމަނާގެ މުސްތަޤްބަލަށް ކުރި އުއްމީދުތައް ފުނޑުފުނޑު ކޮށްލުމަށް ފަހުއެވެ. ރާއްޖެ މިއަދު މިދެކޭ ޑިމޮކްރަސީއާއި ތަޢްލީމާއި ތަހްޒީބުގެ ވިސްނުމުގެ އޮށް އިންދަވައި ދެއްވި ފުރަތަމަ ރައީސް މުޙައްމަދު އަމީން ނިމިދިޔަ ގޮތުގެ ވާހަކައަކީ ދިވެހި ތާރީޚްގައި ކަޅު އަކުރުން ލިޔެވިފައިވާ ހިތްދަތި ބިރުވެރި ލަދުވެތި ވާހަކަތަކެކެވެ. އެއީ މީހަކު ލިޔެފައިވާ ޚިޔާލީ ވާހަކައެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑުގައި ހިނގާދިޔަ ޙަޤީޤި ބިރުވެރި ވާހަކައެކެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަ ރައީސް ހަވަރަށް ދެވުމެވެ. ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާއެއް ނުލިބި ފަޅުރަށެއްގައި އޮންނަވައިގެން އަހަވާރަވެގެން ދިޔުމެވެ. ހަމައެކަނި ހުރި ދަނރިކަނބަލުންނާއި އަނބިކަނބަލުންގެ އަދި ކޮއްކޯފުޅުގެ މޫނުފުޅު ދެކެވަޑައިގަތުމަށް ކުރެއްވި އާދޭސްތަކާއެކު ވެސް އެފުރުޞަތު ލިބިވަޑައި ނުގެން އަވަހާރަވެގެން ދިޔަ ގޮތުގެ ވާހަކައެވެ.
ބައްޕާފުޅަށް ލިބިވަޑައިގެންފައިވާ އަނިޔާތައް ދަނރިކަނބަލުންނަށް ފެނިވަޑައިގެންނެވީ މޫނުފުޅު ދެކެވަޑައިގެން އެންމެ ފަހު އިޙްތިރާމް އަދާކުރެއްވުމަށް ވިހަމަނާފުށްޓަށް ވަޑައިގެންނެވުމުންނެވެ. އާއިލާއިން އެ ފުރުޞަތު ލިބިވަޑައިގެންނެވި ބޭފުޅަކީ ހަމަކަނި އަމީނާއެވެ. މުޙައްމަދު އަމީންގެ ފުރާނަ ނެތް ހަށިކޮޅު ބާއްވައިފައިވާ ތަނުން އަމީނާއަށް ފެނި ވަޑައިގެންނެވީ ވަށައިގެން އުކާލެވިފައިވާ ލޭގެ ކަފަތަކެވެ. ލިބިވަޑައިގެންފައިވާ އަނިޔާތަކުގެ ސަބަބުން ބައްޕާފުޅުގެ ދޮން މޫނުފުޅު ދުޅަވެ ކަޅުވެފައި ވާތީއެވެ. ނޭފަތްޕުޅު ޗަސްވެ ސިފަ ގެއްލިފައިވާތީއެވެ. ބައްޕާފުޅަށް އެންމެ ފަހު އިޙްތިރާމް އަދާކުރެއްވީ ކެތްތެރިކަން ކޮޅުންލައިގެން ދާ ޙާލުކޮޅު ހިތްޕުޅުގެ ގިސްލުމާއެކުއެވެ.
އަމީނާއަކީ ރައީސް އަމީންގެ ހަމައެކަނި ދަރިނކަބަލުން ކަމުގައި ވުމުގެ އިތުރުން ބައްޕާފުޅަށްވެސް ހެޔޮ ނަޞޭޙަތާއި ހިތްވަރުފުޅު ދެއްވާ މަދަދުގާރެކެވެ. ހަޔާތުގެ އެންމެ ފަހު ވަގުތު ރައީސް އަމީން ދީދީ ލޮބުވެތި ދަރިކަނބަލުންނަށް ފޮނުއްވި އަސަރުން ފުރިފައިވާ ދިގު ސިޓީފުޅުން މިކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދެއެވެ. އެކަމަނާއަށް މި ސިޓީފުޅު ލިބިވަޑައިގެންފައި ވަނީ ބައްޕާފުޅު އަވަހާރަވިތާ 30 އަހަރު ފަހުންނެވެ.
މުޙައްމަދު އަމީންގެ ސިޓީފުޅުގައި ލިޔުއްވައިފައި ވެއެވެ. "ލޯބިވާ އަމީނާއެވެ! ދަރިފުޅުގެ ވެސް ޙަޤީޤީ އަގު ބައްޕައަށް މިއެނގުނީ މިފަހަރުއެވެ. ބައްޕަގެ ހަރުދަނާ ދަރިޔެކެވެ. ޤައުމަށް ތެދުވެރި ޚާދިމެކެވެ. އަމީނާގެ އޯގާތެރި ބަސްތަކުންނާއި އެހީތެރި ނަޞޭހަތްތަކުން ބައްޕައަށް ލިބުނު ސާބިތުކަމާއި ހިތްހަމަޖެހުން ބޮޑުވެފައި ސަރީހައެވެ...." މިއީ އަމީނާ އާއި ބައްޕާފުޅުގެ ގާތް ގުޅުން ވަރަށްބޮޑަށް ސާބިތު ކޮށްދޭ ވާހަކަ ކޮޅެކެވެ.
މިސިޓީ ފުޅަކީ އަމީނާގެ ކައިވެނިފުޅާ ދިމާކޮށް މުޙައްމަދު އަމީން ފޮނުއްވި ސިޓީފުޅެއް ކަމުން އެކަމަނާއަށް ބައްޕާފުޅުގެ ފަރާތްޕުޅުން މުހިންމު ނަޞޭޙަތްޕުޅުތަކެއް ވެސް ވަނީ ދެއްވައިފައެވެ.
"ލޮބުވެތި އަމީނާއެވެ! ބައްޕަ ތަކުރާރުކޮށް ބުނަމެވެ. އަންބެއްގެ ވާޖިބު ފުރިހަމައަށް އަދާކުރަން ފަށައިގަންނާށެވެ. ފިރިމީހާ ރުހޭ ހެޔޮލަފާ ގޮތަކަށް، ތިމާގެ މިޒާޖާއި، އުޅުމާއި، އެދުންތައް ބަދަލުކުރެވޭތޯ ހިތްމަތާއެކު މަސައްކަތްކުރަމުން ގެންދިޔުމީ ކޮންމެ އަންބެއްގެ މައްޗަށްވާ މުޤައްދަސް ވާޖިބެކެވެ." ދަރިއަކު ދިރިއުޅުމެއް ފަށާއިރު ބަފަޔަކު ދޭނެ އެންމެ އަގުހުރި ނަޞޭހަތް ބައްޕާފުޅު މިވަނީ އަމީނާއަށް ދެއްވައިފައެވެ. މިވާހަކަތައް މުޙައްމަދު އަމީންއާ ބެހޭގޮތުން، މުޙައްމަދު ޖަމީލް ލިޔުއްވައިފައިވާ ފޮތް "އޯކިޑް" ގައި ވަރަށް ތަފްޞީލްކޮށް ވަނީ ލިޔުއްވައިފައެވެ.
އަމީނާގެ ހަނދާންތައް ގުޅިގެން ދަނީ ޅަފުރާގައި ބައްޕާފުޅުގެ އިސް ނެންގެވުމަށް ފެށްޓެވި ޤައުމީ ޚިދުމަތާއެވެ. އަންހެނުންގެ ކުރިއެރުމަށާއި ޒުވާނުންގެ ކުރިއެރުމަށް ކުރެއްވި މަސައްކަތް ޕުޅުތަކާއެވެ. އަމީން ދީދީ ފެށްޓެވި ރާއްޖޭގެ ތަރައްޤީގެ ތަފާތު ކަންކަމާއެވެ. އެކަމަނާވަނީ 20 އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވައިފައެވެ. އަދާކުރެއްވި މުހިންމު ޚިދުމަތްތަކުގެ ތެރޭގައި މަދަރުސަތުއް ސަނިއްޔާގެ ނާޒިރުގެ ނާއިބުކަމާއި ބޮޑު ވަޒީރުގެ ސެކްރެޓަރީ ކަމާއި ތަފާތު ގިނަ ވުޒާރާތަކެއްގެ ސެކްރެޓަރީ ކަމާއި ޑިރެކްޓަރ ކަން ފާހަގަ ކު5ރެވެއެވެ. މީގެ އިތުރުން ޖިންސުއްލަތީފުންގެ ރޫޙުގެ މަޖައްލާގެ އެޑިޓަރުކަންވެސް ކުރެއްވިއެވެ. އައްނަބީލާ އަމީނާ މުޙައްމަދު އަމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވައިފައެވެ. އެކަމަނާ ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން 23 ފެބްރުއަރީ 1980 އިން 15 ޖެނުއަރީ 1989 އަށް އަދާ ކުރެއްވިއެވެ.
އަމީނާ މުޙައްމަދު އަމީނަކީ ކެތްތެރި ކަމުގެ ނަމުނާ ދެއްކެވި އަންހެން ބޭފުޅެކެވެ. އެކަމަނާގެ ޢުމުރުފުޅުން 17 އަހަރުގައި ބައްޕާފުޅުގެ ވެރިކަން ބަޣާވާތަކުން ވައްޓާލީ އެތައް އަނިޔާއެއް ބައްޕާފުޅަށް ދިނުމަށް ފަހުއެވެ. އަވަހާރަވުމަށް ދާންދެންވެސް ބައްޕާފުޅާ ބައްދަލު ކޮށްލެއްވުމުގެ ފުރުޞަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. ކައިވެނިފުޅު ބައްލަވައިގަންނަވަން ވެސް ޖެހިވަޑައިގަތީ ލޮބުވެތި ބައްޕާފުޅާ ބައްދަލުވެވަޑައި ނުގެންނެވެ. އަމީނާ އަރިހުގައި ކޮޅުނބުގައި ބައްޕާފުޅު ހުންނެވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވި އިރު އެފަދަ ގޮތަކަށް ކަންކަން ދާނެކަމަށް ހީފުޅުވެސް ނުކުރައްވައެވެ. ބައްޕާފުޅު ހަވަރަށް ދެވުނު އިރު އަމީނާ ހުންނެވީ ކޮޅުނބުގައެވެ. މާލެ ވަޑައިގެންނެވީ ބައްޕާފުޅު ދެކެވަޑައިގެން ބައްޕާފުޅާ ބައްދަލު ވެވަޑައިގެންނެވުމުގެ އުއްމީދުގައެވެ. ނަމަވެސް ބައްޕާފުޅު އަވަހާރަ ވުމަށް ދާންދެން އެފުރުޞަތެއް ލިބިވަޑައެއް ނުގަންނަވައެވެ. އަމީނާގެ ހަޔާތް ޕުޅަކީ އެތައް ބަޔަކަށް މިސާލެއްގެ ގޮތުގައިވާ ހަޔާތްޕުޅެކެވެ. އެކަމަނާ ވަނީ ބައްޕާފުޅުގެ ސިޓީފުޅުގައި ކުރެއްވި ވަޞިއްތާ އެއްގޮތަށް ނަމޫނާ ދައްކަވައި ދިވެހި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައެވެ. އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން
މަރުޙޫމާއަށް ފުރާނައަށް ހެޔޮރަޙުމަތް ލައްވައި، ސުވަރުގެ މިންވަރު ކުރައްވާށި. ވަރަށް ފުރިހަމަ ލިޔުމެއް