
ޓޮޮރޮންޓޯ ފިލްމް ފެސްޓިވަލްގެ އަހަރީ ހަފްލާގައި ކުއަންޓިކޯގެ ތަރި ޕްރިޔަންކާ ޗޯޕްރާއަށް ޝަރަފުގެ އިނާމެއް ދޭނެއެވެ. ފިލްމު ފެސްޓިވަލްގެ ހަރަކާތްތައް ފެށޭނީ ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަހުއެވެ.
ފިލްމް ފެސްޓިވަލް ފެށުމަށް ބާއްވާ ހަރަކާތެއްގައި ފެސްޓިވަލްގެ އާޓިސްޓިކް ޑައިރެކްޓަރު ކެމެރޮން ބެލީ އާއެކު ޕްރިޔަންކާ ބައިވެރިވާނެއެވެ. މި ހަރަކާތުގައި އޭނާއަށް ހޮލީވުޑުން ފުރުސަތު ލިބުމުގެ ކުރިން ބޮލީވުޑުގައި ކުރި ތަޖްރިބާ ހިއްސާކުރާނެއެވެ.
ޕްރިޔަންކާ ހޮލީވުޑަށް ތައާރަފްވި ފިލްމަކީ ބޭވޮޗް އެވެ. ދާދި ފަހުން އޭނާ ވަނީ އިތުރު 2 ފިލްމެއްގެ ޝޫޓިންގައި ބައިވެރިވެފައެވެ. އެއީ "އަ ކިޑް ލައިކް ޖޭކް" އާއި "އިޒްންޓް އިޓް ރޮމޭންޓިކް" އެވެ. އޭނާ ވަނީ 2009 ވަނަ އަހަރާއި 2014 ވަނަ އަހަރުވެސް ޓޮރޮންޓޯ ފެސްޓިވަލުގައި ބައިވެރިވެފައެވެ.
ޓޮޮރޮންޓޯ ފެސްޓިވަލުގައި އޭނާ ފިލްމީ ކެރިއަރުގެ އިތުރުން ކުރާ އިޖްތިމާއީ މަސައްކަތުގެ އަގު ވަޒަންކޮށް އެކަމުގެ ޝަރަފު ވެސް ދޭނެއެވެ. ޕްރިޔަންކާ އަކީ މިހާރުވެސް ޔުނިސެފްގެ ގްލޯބަލް ގުޑްވިލް އެންބެސެޑަރެވެ. ގްލޯބަލް ގުޑްވިލް އެންބެސެޑަރުގެ ގޮތުގައި އޭނާ ދާދި ފަހުން ސައުތު އެފްރިކާއަށް ދިޔައެވެ.