
ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނާމެދު ވަރަށްބޮޑަށް ފަޚުވެރިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަޢީދު ވިދާޅުވީ އެކުންފުނީގެ މުވައްޒަފުންނަކީ ޤައުމީ ޚިދުމަތުގައި ސާބިތުވެތިބި ނަމޫނާ ބައެއް ކަމަށެވެ. ރާއްޖެއަށް ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ރޯދަމަސް ކުރިމަތިވުމުން ވެސް އަމިއްލަ ޢާއިލާއަށްވުރެ ވެސް ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނައި އެކުންފުނީގެ މުވައްޒަފުން ކުރީ ސަފަށް ނުކުމެ މަސައްކަތް ކުރަމުންދިއުމަކީ ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަ ކަމަށާއި އެހެން ކުންފުނިތަކުން ވެސް އެ ނަމޫނާ ބަލައިގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑާ ގުޅޭ އެކި ޙަރަކާތްތަކުގައި ފެނަކަ ކޯޕަރޭޝަންގެ 350 އަށްވުރެގިނަ މުވައްޒަފުން ޙަރަކާތްތެރިވަމުން އެބަދެއެވެ. އޭގެ ތެރެއިން 35 މީހަކު މަސައްކަތް ކުރަމުން ގެންދަނީ ވިލިވަރު ފެސިލިޓީ ބިނާކުރުމުގެ މަސައްކަތުގައެވެ. އަދި ހުޅުމާލޭގައި ހަދަމުންދާ މެޑިކަން ފެސިލިޓީގެ މަސައްކަތުގައި ވެސް އެކުންފުނީގެ މުވައްޒަފުން އެއްވެސް ޖެހިލުމެއްނެތި ކުރަމުންދާ މަސައްކަތްތަކަކީ ފަޚުރުވެރިވާންޖެހޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކުންފުނީގެ މުވައްޒަފުންނަކީ އެއް ޓީމެއް ކަމަށާއި އެއްބަނޑު އެއްބަފާ ކަމުގެ ކުލުނާއެކު އެންމެން ގުޅިގެން ޤައުމަށް ޚިދުމަތް ކުރުމުގައި ދެމިތިބޭނެ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ އެއްބައިވަންތަކަމުގެ ޖޯޝެއް ފެނަކަ ޓީމުން ފެނިގެންދަނީ ކުންފުނީގެ މެނޭޖުމެންޓުން ވެސް މުވައްޒަފުންނާ ބަހައްޓަވާ ގާތްކަމާއި ކުރާ އިތުބާރުގެ ސަބަބުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
"ފެނަކައިގެ ލޮބުވެތި މުވައްޒަފުންނަށް މި ޙައްސާސީ ވަގުތު ދިވެހި ޤައުމަށްޓަކާ ވަރުބަލިކަމެއްނެތި މުރާލި ކަމާއެކު ވަމުންދާ ޤުރުބާނީއަކީ މިއަދު ލާމަސީލު ނަމޫނާއެއް. އައްސަރިބަހާއި ސާބަސް ހަމަ،" ސަޢީދު ކުރައްވާފައި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.