ސަރުކާރަކީ ޤާނޫނީ ގޮތުން ވެރިކަން ހިންގުމުގެ ބާރު ލިބިފައިވާ ބާރެވެ. ޤައުމުގެ ކަންކަން ހިންގެވުމުގެ މަސްއޫލުވެރީންނެވެ. ވެރިންނަކީ ރައްޔިތުންނަށް ޓަކައި ރައްޔިތުންގެ ކަންކަން ކޮށްދޭން އިސްކޮށްކޮށްފައި ތިބޭ ބަޔަކެކެވެ. ރައްޔިތުންގެ ތެރެއިން އެ މީހުން އިންތިޚާބުކޮށްފައި ތިބޭ ބަޔެކެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި އެ މީހުން ޢައްޔަންކޮށްފައި ތިބޭ ބަޔެކެވެ. އެހެންކަމުން ރައްޔިތުންނާއި ވެރީންނަކީ ދުރު ނުކުރެވޭނެ ފަދަ ގުޅުމެއް އެ ދެމެދުގައި ޤާއިމުވެފައިވާ ދެ ބަޔެކެވެ. ފައިސާ ފޮއްޗެއްގެ ދެފަރާތް ފަދައިން އެކައްޗަކާ ނުލައި އަނެކައްޗެއް ދެމި ނޯންނާނެ އެއްޗެކެވެ. ވީމާ އެ މުޖުތަމަޢެއްގައި ހިންގާ ކޮންމެ ކަމެއް މި ދެ ފަރާތުން އެއް ވަރަކަށް ޙިއްޞާކޮށް ތަޙައްމަލުކުރާންޖެހޭނެއެވެ.
މިއަދު ދުނިޔޭގެ ހުރިހާ މުޖުތަމަޢެއް ފަދައިން ދިވެހި މުޖުތަމައުގައި ވެސް މި ވަނީ "ކޮވިޑް"ގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ފެތުރިފައެވެ. މި ކަން މައިތިރިކުރެއްވުމަށްޓަކައި އުނދަގޫ ފިޔަވަޅުތަކެއް ކަމާބެހޭ އިދާރާތަކުން ގެންދަވަނީ އަޅުއްވަމުންނެވެ. އިޖުތިމާޢީ ގައިދުރުކަން ޚިޔާރުކުރުމާއި ގިނަ މީހުން އެއްތާނުވުމާއި ރަށްރަށް ފުރަބަންދުކުރެއްވުމެވެ. މާލޭގައި ބޭރަށް ނުކުމެ ނޫޅުމެވެ. ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅުއްވައިފައިވާ މުހިއްމު ފިޔަވަޅުތަކެކެވެ. ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅުއްވައިފައިވާ މުހިއްމު ފިޔަވަޅުތަކެކެވެ. ދިވެހީން މި ތިބެނީ ބަސްއަހައިގެން ކިޔަމަންތެރިކަމާއެކީގައެވެ. ކިތަންމެ ދަތި ޙާލެއް ތަޙައްމަލުކުރާންޖެހުނު ނަމަވެހެވެ. މަދު މީހަކު އަމުރާ ޚިލާފުނުވާ ވާހަކައެއް ނޫނެވެ. އެހެންކަމުން މި ކަމާ ގުޅޭ ގޮތުން އެޅޭ ކޮންމެ ފިޔަވަޅަކީ ވެސް ސަރުކާރާއި ރައްޔިތުން އެއްވަރަކަށް ޙިއްސާވާ ފިޔަވަޅުތަކެކެވެ.
ނަމަވެސް ކޮންމެ ކާމީޔާބީއެއްގެ ޝަރަފު ސަރުކާރުން ލިބިގަނެ ކޮންމެ ނާކާމިޔާބީއެއްގެ ބަދުނާމު ރައްޔިތުންގެ ބޮލުގައި އެޅުއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ވަރަށް ޣައިރުޒިންމާދާރު ނިންމުމެކެވެ. ދުނިޔެއަށް "ކޮވިޑް" ފެތުރިގެން ދިޔަ ދުވަސްވަރު ދިވެއްސަކަށް ބަލި ނުޖެހި އޮތް ދުވަސްވަރު އެއީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް ބުނެ އޭގެ ކްރެޑިޓް ސަރުކާރުން ނެގިއެވެ. ނަމަވެސް ދިވެހީންނަށް ބަލިޖެހި، މުޖުތަމަޢުގައި ފެތުރިގަތުމުން އެއީ ބުނާ ގޮތް ރައްޔިތުން ނަހަދައިގެން ވީ ކަމެއްކަމަށް "ބޮޑެތި މީހުން" އިޢުލާންކުރިއެވެ. ނަމަވެސް އަމުރަށް ނުކިޔަމަންތެރިވަނީ މަދު މީހެއް ކަމަށް ވެސް ބުނެއެވެ. 2020 އެޕްރީލު 18 ވަނަ ދުވަހުގެ ރޭ ދަންވަރު އެންއީއޯސީ ގައި ބޭއްވި ނޫސް ކޮންފަރެންސްގައި، އޭސީޕީ އަބްދުﷲ ފައިރޫޝް ވިދާޅުވީ ޤާނޫނީ ފިޔަވަޅު އަޅާންޖެހޭވަރުގެ ކަމެއް ދިވެހީންގެ ފުށުން ނުފެންނަ ކަމަށެވެ. މަނާކުރެވިފައިވަނިކޮށް މަގުމައްޗަށް ގިނައިން ނުކުމެ އުޅެނީ ބިދޭސީންކަމަށެވެ.
ވީމާ ބަލިފެތުރުމުގެ ބަދުނާމު ރައްޔިތުންގެ ބޮލުގައި އެޅުވުމަކީ އިންސާފެއް ނޫނެވެ. އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު އަޅުގަނޑުގެ ޢާއިލާއަކީ ކުޑަ ކުއްޖަކާއެކު ހަތް މީހުން ހިމެނޭ ގޭބިސީއެކެވެ. ގޭގައި ފުރަބަންދުވުމާއެކު، ކާބޯތަކެތި ހޯދާން އެޕްރީލު ސޯޅަ ވަނަ ދުވަހުއްސުރެ މަސައްކަތްކޮށްކޮށް އިންދައި ފޯނުނެގީ ސަތާރަ ވަނަ ދުވަހު މެންދުރު ފަހުން ހަމައެކަނި ރެޑްވޭވުންނެވެ. އެ ތަނުން ބުނީ ކުރީ ދެދުވަހުގެ އޯޑަރުތަކުގެ ޑެލިވަރީ ނުނިމޭތީ އިތުރު އޯޑަރެއް ބަލައިނުގަންނަ ކަމަށެވެ. ނަމަވެސް ހުއްދަ ހޯދައިގެން ރެޑް ވޭވްގެ ކޮންމެ ފިހާރައަކަށް އައި ނަމަ ވެސް ބޭނުން އެއްޗެއް ގަންނާން ލިބޭނެ ކަމަށެވެ. އެހެންކަމުން ފުލުހުންނާ ގުޅޭތޯ މަސައްކަތް ފެށީމެވެ. ނުގުޅެއެވެ. އަބަދުވެސް އެންގޭޖެވެ. އެންމެން އެއް ފަހަރާ ގުޅާން ފެށީމާ ވާނީ ވެސް އެހެންނެވެ. ފުލުހުންގެ ޕޯޓަލްއަށް މެސެޖް ފޮނުވީމެވެ. އަދި މިހާތަނަށް ޖަވާބެއް ނުލިބެއެވެ. ހުއްޓައިނުލައި ގުޅާން ކުރި މަސައްކަތުން، އަށާރަ ވަނަ ދުވަހު މެންދުރުފަހު ފުލުހުންނާ ގުޅުނެވެ. ވާހަކަދެއްކެވީ އަންހެން ބޭފުޅެކެވެ. އަޅުގަނޑު ކާބޯއެއްޗެއް ގަންނަން ފިހާރައަކަށްދާން ހުއްދަ ހޯދާން ކުރި މަސައްކަތުގެ ވާހަކަ ދެންނެވީމާ ވިދާޅުވީ މިހާރު ހުއްދަ ދެއްވުން ހުއްޓަވައިލައްވައިފި ވާހަކައެކެވެ. އަޅުގަނޑު ދެން ހަދާނީ ކިހިނެއްތޯއޭ ދެންނެވީމާ ވިދާޅުވީ ފަހުން އެބަ ގުޅުއްވާ ކަމަށެވެ. އަދި މިހާތަނަށް ޚަބަރެއް ނުވެއެވެ. ފަހުން ފުލުހުން މާލެ، ސަރަޙައްދުތަކަކަށް ބައްސަވައިލައްވައިގެން ތަޢާރުފުކުރެއްވި ޕޯޓަލްގައި ވެސް އަޅުގަނޑުމެން ދިރިއުޅޭ ކޮށި ހިމެނުއްވިފައެއް ނެތެވެ. ގޭގޭގެ ލިސްޓަކީ މާކުރީގެ އަދާހަމަނުވާ ލިސްޓެކެވެ. އެ ވާނީ "ޓެކްނިކަލް އެރަރ" އެއް ކަމަށެވެ.
އަދިވެސް ކިޔަމަންތެރިކަމާއެކު އަޅުގަނޑުމެންގެ ޢާއިލާ މި ތިބީ ގޭގައެވެ. ޝަކުވާއެއް ނުކުރަމެވެ. އަމުރާ ޚިލާފެއް ނުވަމެވެ. ދެ ދުވަސްފަހުން ރަމަޟާން މަސް އަންނާނެއެވެ. އާމްދަނީ ހޯދާނެ ހުރިހާ މަގެއް ބަންދުވެފައިވާ އިރު، ހުރި ފައިސާ ކޮޅަކަށް ކާބޯތަކެތި ގަނެވޭނެ ގޮތެއް ނެތެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް މަދު މީހަކު މަގުމައްޗަށް ނުކުމެ ވިޔަފާރިކުރާކަން ވެސް އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުމެން މި ތިބީ ކިޔަމަންތެރިކަމާއެކު ގޭގައެވެ. ޑެލިވަރީ ކޮށްދޭ ދެތިން ތަނަކަށް އޯޑަރ ފޮނުވައިގެން އިންތިޒާރުގައެވެ. ހޯމަވިލޭރޭ މިލިއަން މާޓުން ބައެއް ތަކެތި ގެނެސްދިނެވެ. އޯޑަރުކުރި ގިނަ ތަކެތި ހަރުގަނޑުތަކުން ހުސްވެފައިވާތީ ގެނެސްދިނީ އެންމެ ހަކުރުކިލޯއަކާއި ބިސްކޯދާއި ސައިފަތެވެ. މި ތަކެތި ލިބުނީ ހަމަ އެކަނި އިސްކުރުން އަންނަ ބޯ ފެންފޮދަކާއި ޖޫސް ފޮދަކަށް ބަރޯސާވެގެން ތިން ދުވަސް ހޭދަކުރި ފަހުންނެވެ. ކެތްތެރިކަމުގެ އިމްތިޙާނެކެވެ.
އަޅުގަނޑު ދަންނަވައިލާން މި އުޅުނީ އަޅުގަނޑުމެންގެ ގިނަ ދިވެހީންނަކީ ކޮންމެ ފަދަ ޙާލެއްގައި ވެސް އަމުރަށް ތަބާވާ ކިޔަމަންތެރި ބަޔެކޭއެވެ. މިއާ ޚިލާފަށް އުޅޭ މީހުންނާމެދު، އަދި ޕާޓީކޮށް މަސްދަތުރު ބާއްވައި ހެދި މީހުންނާމެދު، ފިޔަވަޅުއެޅުއްވުމާއި ނޭޅުއްވުމަކީ އަދި އެހެންކަމެކެވެ. އެކަމަކު، ބަލިފެތުރުމުގެ ޒިންމާ ހަމައެކަނި ރައްޔިތުންގެ ބޮލުގައި އަޅުއްވައި އެއީ ރައްޔިތުން ބަސްނާހައިގެން ވީ ކަމެއް ކަމަށް ނަހައްދަވާށެވެ! ކޮންމެ ކާމިޔާބީއަކީ ސަރުކާރުގެ މޮޅުކަމާއި ކުޅަދާނަކަމުން ވީ ކަމެއްކަމަށް ދަޢުވާ ނުކުރައްވާށެވެ! ކޮންމެ ދެރަކަމަކީ، ބުނާ ގޮތް ރައްޔިތުން ނަހަދައިގެން ވާ ކަމަކަށް ނަހައްދަވާށެވެ! ހުރިހައި ބަދުނާމެއް ކިޔަމަންތެރި ރައްޔިތުންގެ ބޮލުގައި ނާޅުއްވާށެވެ! ކާމިޔާބީ އާއި ނާކާމިޔާބީއަކީ ވެސް ރައްޔިތުންނާއި ސަރުކާރު ޙިއްސާވާ އެއްޗަކަށް ހައްދަވާށެވެ! އުފަލާއި ހިތާމަ ވެސް އެއްވަރަކަށް ތަޙައްމަލުކުރައްވާށެވެ!
Varah ran'galhu vaahaka kolheh. liyumah like dheven huttaa dhushin kuree dhuvahaku..miadhu like jahaalan balaili iru ebai ghaaibu vejje..mulheen sakaraathennu