ހަސަން އައިމަން ހިރިލަންދުއަށް ދިޔައީ ތަނަކުން ވެއްޓި ވީ އަނިޔާއިން އަދި މުޅިން ތަދު ނުކެނޑޭތީ ރުއްގަލުބޭހުގެ ފަރުވާއެއް ހޯދައިލުމަށްޓަކައެވެ. އެ ރަށަކީ މި ކަމުގެ ތަޖުރިބާކާރުން ގިނަ ރަށަކަށްވާތީއެވެ. އަދި އެ ރަށުގައި އައިމަންގެ ދެކެފަރިތަ ރައްޓެހީންތަކެއް އުޅޭތީ، މާބޮޑު ޚަރަދެއް ނުކޮށް ބޭހުގެ ކަންކަން ހަމައްސައިލުމަށްޓަކައި ހުންނާނެ ގެޔެއް ހަމަޖެހޭނެ ކަމުގެ ޔަގީންކަމާއެކީގައެވެ. އެއީ މީހުންނަށް ހެޔޮ އެހީތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށް ވެސް ވާތީއެވެ.
އައިމަން ހިރިލަންދުއަށް ދާންވެގެން އެ ރަށު ރަބަރުގަސްދޮށުގެ ޚިޔާލުކޮށް އެގޭ ދޮންހުސޭނުބެއާ ފޯނުން ގުޅައިލިއެވެ. އެއީ އައިމަންގެ ޢާއިލީ ރައްޓެއްސެކެވެ. މަންމައަޢި ބައްޕައާއި އަދި ހުރިހައި ކުދީންގެ ވެސް ޒަމާންވީ ރަޙުމަތްތެރިއެވެ.
"ރީންންންންންން. ރީންންންން..........." އައިމަން ފޯނުކޮށްލިއެވެ.
"އައްސަލާމު ޢަލައިކުމް! ދޮންހުސޭނުބެ ވާހަކަދައްކަނީ!"
"ވަޢަލައިކުމް ސަލާމް! ދޮން ހުސޭނުބޭ ކަމަކު މި ގުޅީ." އައިމަން ވާހަކަދެއްކިއެވެ.
"ކޮން ކަމަކުބާ!" ދޮންހުސޭނު ސުވާލުކޮށްލިއެވެ.
"ވަރަށް ބޮޑު ކަމަކު. މި އުޅެނީ މި ދިޔަ މަހު ގަހަކުން ވެއްޓި ވީ އަނިޔާއިން އަދި ވެސް އަރައިނުގަނެވިގެން." އައިމަން އޮޅުން ފިލުވައި ދިނެވެ. "އެހެންވެ ރުއްގަލު ބޭސްއަޅާން ތިޔަ ރަށަށް ދާންކަމަށް މި ގުޅައިލީ."
"ޑޮކްޓަރަށް ދެއްކިންތަ؟ މި ރަށު ހުންނަ ޑޮކްޓަރު މިހާރު ވަރަށް ފަރުވާ ކުޑަ."
"ޑޮކްޓަރަށް ދައްކާކަށް ނޫން ތިޔަ ރަށަށް ދަނީ ކީ. ތިރަށު ހުރޭނު ރުއްގަލު ބޭހަށް ވަރަށް މޮޅު މީހެއް. އޭނާ ގާތަށް ބޭސްއަޅާން ދާންކަމަށް މި އުޅެނީ."
"މި ރަށު ކާކު؟"
"ދޮން ހުސޭނުބެއަކަށް ނު ނަން އެނގޭނީ! ކާކުތަ އެއީ؟"
"ތި ބުނާހާ މޮޅު މީހެއް މި ރަށު އުޅޭ ކަމެއް ނުދަންނަން." ދޮންހުސޭނުބޭ ބުނެލިއެވެ. " ބޭސްކުރާ މީހުން އުޅޭ، އަމިއްލަޔަށް މޮޅުވެގެން އުޅޭ މީހުން."
"އެކަމަކު ހިތަދޫ މީހަކަށް ވަރަށް ރަނގަޅުވިކަމަށް ވަނީ. އެހެންވެ މަންޖެމެން ފޮނުވަން އުޅޭތީ ދާންކަމަށް މި ގަސްތު ކުރީ ވާ ގޮތެއް އެނގޭނީ ޚަބަރު ބަލައިލީމާތާ ދޯ!" އައިމަންގެ ވިސްނުން ބަދަލުވާ ގޮތެއް ނުވިއެވެ. "ދެން ދޮން ހުސޭނުބެއާ މި ގުޅައިލީ ތިޔަ ގޭގައި ހުރެވޭތޯ ބަލައިލާން."
"ތިޔަ ކަހަލަ ކަމަކު އައިސް މިގޭގައި ހުންނާން ވަރަށް ދަތިވާނެ." ދޮންހުސޭނު އަވަސްއަވަހަށް ބުނެލިއެވެ. "މިއީ ހަމައަށް ކައްކައިކާގެއެއް ވެސް ނޫން ވިއްޔަ!"
"އައިމަންއަކީ މާ ބޮޑަށް ކެއުމާ އުޅޭ މީހެއް ނޫން." އައިމަން ބުންޏެވެ. "ތިޔަ ގޭގައި ނިދައިލެވިއްޖިއްޖާ އެންމެ ރަނގަޅު."
"ދޮން ހުސޭނުބޭ މި އުޅެނީ މާލެދާން. އެހެންވެ މި ގެ ހުންނާނީ ފަޅަށް"
"އެންމެ ރަނގަޅު." ދޮން ހުސޭނުބޭގެ ވާހަކަ ހުރި ގޮތުން، އެ ގޭގައި އައިމަން ބަހައްޓާން ބޭނުން ނުވަނީކަން ވިސްނުނެވެ. "ދެން މި ފަހަރު ނުދެވުނީތާ!"
އައިމަން ދަންނަ ކިތަންމެ ބަޔަކު ހިރިލަންދޫގައި އުޅެއެވެ. އޭނާ ދޮން ހުސޭނުބެޔާ ގުޅީ މި ދިޔަ ބޮޑު އީދުގައި ވެސް ގަމަށް އައިސް އައިމަންމެންގެ ގޭގައި ހުރީމާ އެ ގުޅުން ދަމަހައްޓާން ވެގެންނެވެ. އަދި ދޮން ހުސޭނުބެމެންގެ ގެޔަކީ އެ ރަށުގައި ތަންކޮޅެއް ރަނގަޅަށް ހަދައިފައި ހުންނަ ތަނަވަސް ގެޔަކަށް ވާތީ، ހުރެލާން ފަސޭހަވާނެ ކަމަށެވެ.
ދޮން މުސާބޭގެ އާނ ބަސް ނުލިބުމުން ދެން ގުޅައިލީ ޙަސަން ޝާކިރާއެވެ. ޝާކިރަކީ މާލޭ ވަޑާންގެއެއްގައި އައިމަނާއެކު މަސައްކަތްކުރުމުގެ ސަބަބުން އެކުވެރިކަން އުފެދިފައިވާ މީހެކެވެ. އެހެންވެ އެ ގޭގައި ހުރެވޭތޯ ބަލާން ޝާކިރާ ގުޅައިލައިފިއެވެ.
"އައްސަލާމު ޢަލައިކުމް"
"ވަޢަލައިކުމުއްސަލާމް! ކޮން ބޭފުޅެއްތޯ؟" އައިމަން ސުވާލުކޮށްލިއެވެ.
"އައިމަން، ސުބްޙާނަﷲ! ހާދަ ދުވަހެއް ކޮށްލާފައޭ ތިޔަ ގުޅައިލީ. ކިހިނެއް ހާލު؟"
"ޝާކިރަށް ކިހިނެއް ތިހާ ފަސޭހައިން އައިމަންގެ އަޑު އެނގުނީ؟" އައިމަން ޙައިރާންވިއެވެ. ޙާލު ރަނގަޅު. ދެން ........."
"ޕިސްޕިސް! އައިމަންގެ އަޑު ދެން މަށަކަށް ނޯޅޭނެނު. ދިހަ އަހަރު ވަންދެން އެހި އަޑެއްވީމާ؟" ޝާކިރު ވަރަށް ގާތް ގޮތަކަށް ވާހަކަދައްކަމުން ގެންދިޔައެވެ.
"ޝާކިރު ވަރަށް ބޮޑު ކަމަކުއޭ މި ގުޅީ." އައިމަން ސީރިއަސްވެލިއެވެ. "ތިޔަ ރަށުގައި އުޅޭތަ ރުއްގަލު ބޭހަށް މޮޅު މީހުން؟"
"ސުބްޙާނަﷲ! މި ރަށު ޢާބިދާމެން ކައިރިއަށް ހެޔޮ، މީހަކު ހިމުންހިމުންވެގެން ގޯންޏަކަށް އަޅައިގެން ގެނަޔަސް. އޭނާ ގަދަކޮށްލާނެ."
"ސަމާސާ ނުކޮށް ބުނެބަލަ! ރަނގަޅު މީހުން އުޅޭތަ؟"
"މިއީ ސަމާސާއެއް ނޫން. ހަމަ ވަރަށް މޮޅު އޭނާ!" ޝާކިރު ސާފުކޮށްދިނެވެ. "ކިހިނެއްވީތަ އަނެއްކާ؟ ކާކަށް ރުއްގަލު ބޭސްކުރަންވީ؟"
"އައިމަން މި އުޅެނީ ގަހަކުން ވެއްޓުނު ފަހުން މުޅީން ރަނގަޅު ނުވެގެން." އައިމަން ބުނެލިއެވެ. "ޝާކިރުމެން ގޭގައި ހުރެވޭނެތަ؟ ޖާގަ އެބަ އޮތްތަ؟"
"އަވަހަށް އާދޭ! ކީއްކުރާން ޖާގައިގެ ވާހަކަ ދައްކަނީ؟" ޝާއިރު ލޮލުންބޮލުން އާނބަސް ބުނެލީ އައިމަންގެ ދުލުގައި އެއްބުރި އޮއްވައެވެ. "ޝާކިރު ނިދާ ތަނެއްގައި ނިދޭނެ. ޝާކިރު ކާއެއްޗެއް ކެވޭނެ."
"ވަރަށް ބޮޑަށް ޝުކުރިއްޔާ!" އައިމަން އުފަލާއެކު ޝުކުރުއަދާކުރިއެވެ. "މާދަން ހަވީރަށް ދެވޭނެ އިރާދަކުރެއްވިއްޔާ!"
"އަވަހަށް އަންނަންވީ. ޢާބިދާ ގާތު މިރޭ ބުނެލާފަ ބާއްވާނީ، އައިމަން އަންނަ ވާހަކަ. އޭނާގެ ލޫޅާފަތި އިނގިލިތަކުން ފިރުމައިލިޔަސް ތިޔަ ތަދު ފަސޭހަވާނެ." ޝާކިރު ލާނެތްވެލިއެވެ. "މި ގޭ ކޮޓަރި ތައްޔާރުކުރާނަން މާދަމާ ހެނދުނު." އައިމަން ހިރިލަންދުއަށް ގޮސް އުޅުނު އުޅުނުމުގެ ތެރޭގައި ދޮން ހުސޭނުބެ ގޭގައި ދެ ފެމިލީއެއް އުޅެމުން ގެންދަކަމާއި އިތުރު ދެ ކޮޓަރިއެއް ހުރިކަން ވެސް އެނގުނެވެ. އަދި ދޮންހުސޭނުބެ މާލެއިން އައީ ވަރަށް ފަހުންކަމާއި މިފަހަރު މުދާ ބަލައި ވެސް ދޮން ހުސެނުބެ ދަރިޔަކު ދާން އުޅޭ ކަމުގެ މަޢުލޫމާތު ވެސް ލިބުނެވެ. އަދި ޝާކިރުމެންގެ ގެއަށްވުރެ ހުރިހާ ގޮތަކުން ވެސް އެ ގެ ތަނަވަސް ވެސް މެއެވެ. ދޮންހުސޭނުވެ ދެއްކި ހުރިހައި ވާހަކަތަކަކީ އެ ގޭގައި އައިމަން ބަހައްޓާން ބޭޏުންނުވާތީ ދެއްކި ބަހަނާތަކެއްކަން ވަރަށް ބޮޑަށް ހާމަވިއެވެ.
އައިމަން ހިތަށް އެރިއެވެ. މީހަކު ކަމެއް ކޮށްނުދޭން ބޭނުން ނުވަންޏާ ހާސް ބަހަނާ ދައްކާނެތާއެވެ. ކަމެއް ކޮށްދޭން ބޭނުން ނަމަ، އެއް ވެސް ބަހަނާއެއް ނުދައްކާނެތާއެވެ. ދޮން ހުސޭނުބެއާއި ޝާކިރުގެ ތަފާތު އައިމަނަށް ފާހަގަވިއެވެ. ދޮން ހުސޭނުބެއަކީ އައިމަންގެ މައިން ބަފައިންގެ ޢާއިލީ ރައްޓެއްސެކެވެ. ނަމަވެސް ޝާކިރަކީ ހަމަ އެކަނި އެއް ވަޑާންގެއެއްގައި އެއް ޒަމާނެއްގައި އުޅެވުމުގެ ސަބަބުން ދެކެފަރިތަވެ ރައްޓެހިކަން އުފެދިފައިވާ މީހެކެވެ. ނަމަވެސް މި ދެ މީހުންގެ ތަފާތު ހުރި ގޮތް ނިކަން ދެކެބަލާށެވެ! އެހެންވީމާ ކަމެއް ކޮށްދޭން މީހަކު ބޭނުން ނަމަ ބަހަނާތަކެއް ނުދައްކާނެއެވެ. ކަމެއް ކޮށްދޭން ބޭނުން ނުވާ ކޮންމެ މީހަކު ނަމަ، ފާޑުފާޑުގެ ބަހަނާ ދައްކައި އެހެން މީހުން ބަދުނާމުކުރާނެކަން އައިމަނަށް ދަސްވިއެވެ. މިއީ ވެސް އައިމަނަށް ލިބުނު ޢިބްރަތެކެވެ.
_________________________________________
މުޞައްނިފުގެ ނޯޓެއް: މިއީ ޚިޔާލީ ހާދިސާއެކެވެ. މި ހާދިސާގައި ބޭނުންކޮށްފައިވަނީ ޚިޔާލީ ނަންތަކެކެވެ. އެ ނަންތަކާ ނުވަތަ މި ހާދިސާއާ އެއްވެސް މީހަކާ އެއްވެސް ހާދިސާއަކާ ގުޅުމެއް ހުރެއްޖެ ނަމަ އެއީ ހަމަ އިއްތިފާގެކެވެ.