އިންޓަރނެޓްގެ އަގު ހެޔޮ ނުކުރާތީ ރެގިއުލޭޓްރީ އޮތޯރިޓީގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަނީ

މިދަނޑިވަޅުގައި އިންޓަރނެޓްގެ އަގު ހެޔޮ ނުކުރާތީ ރެގިއުލޭޓްރީ އޮތޯރިޓީ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް ދެއްވުމަށްއެދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މެމްބަރ މީކާއީލް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކޮމިޔުނިކޭޝަން އޮތޯރިޓީގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަމުން ނުދަނީ ކީއްވެތޯ ސާފުކުރުމަށް، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީއަށް އެ އޮތޯރިޓީގެ އިސްވެރިން ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ދަނޑިވަޅަކީ ގިނަ ރައްޔިތުންތަކެއް ގޭގައި ތިބެގެން ވަޒީފާ އަދާ ކުރަން މަޖުބޫރުވެ ދަރިވަރުންވެސް އެމީހުންގެ އުނގެނުމުގެ ކަންކަން ގޭގައި ތިބެގެން ކުރަން މަޖުބޫރު ވެފައިވާ ދަނޑިވަޅަކަށް ވާހިނދު، މުޢާސަލާތީ ޚިދުމަތް، އަދި ވަކިން ޚާއްޞަކޮށް އިންޓަނެޓްގެ ޚިދުމަތް މިވަނީ ޒަރޫރީ ޚިދުމަތަކަށް ވެފައިކަން މީކާއީލްގެ ސިޓީގައި ވަނީ ފާހަގަކުރައްވައިފައވެ.

ނަމަވެސް މި ޚައްސާސް ދަނޑިވަޅުގައިވެސް ދިވެހިރާއްޖޭގައި މުޢާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮށް އެއަގުތައް ފާސްކުރުމުގެ ބާރު ކޮމިއުނިކޭޝަންސް އޮތޯރިޓީއަށް ޤާނޫނުން ލިބޭއިރު މިހާރުގެ ޙާލަތަށް ރިޢާޔަތް ކޮށް އިސްވެ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ސިޓީގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.