
ބައްޔަށް ޕޮޒިޓިވް ވެ ފުރަތަމަ ދެނެގަނެވޭ މީހާއަކީ ކްލަސްޓަރ އެއްގެ ފެށުންކަމަށް ނުބެލެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިއަދު ފުރަތަމަ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެވުނު މައުލާމާތަށް ބިނާކޮށް ހީވާ ހީވުމަށް ބިނާކޮށް ނުރަނގަޅު މައުލޫމާތު ރިޕޯޓުކުރެވިފައި ހުރިކަމަށެވެ. އެގޮތުން 21ވަނަ ކޭސް އެއްބާރުލުން ނުދޭ ވާހަކަ ރިޕޯޓުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. ޑރ. ނަޒްލާ ވިދާޅުވިގޮތުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ 21ވަނަ ކޭސްއާ ގުޅުން ހުރި ފަރާތަކުން އެއްބާރުލުން ނުދޭ ވާހަކައެވެ.
ބަލި މީހުންނާއި ބހެ ގޮތުން ނުވަތަ ބައްޔާ ގުޅޭ ގޮތުން ތެދު ނޫން މައުލޫމަރު ނުފެތުރުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ. މި ދަނޑިވަޅުގައި ރަނގަޅު މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޮޅުން އަރާ ކަމެއް އޮތް ނަމަ އެކަން ސާފުކުރެއްވުމަށް ޑރ. ނަޒްލާ އެދިވަޑައިގެންނެވިއެވެ.
"އެއްވެސް ކްލަސްޓަރ އެއްގެ އެންމެ ފުރަތަމަ ފެންނަ މީހާއަކީ އެ ކްލަސްޓަރ ގެ ފެށުން ކަމަކަށް ނުބެލެވޭނެ. އެއީ ފުރަތމަ ދެނެގަނެވިފައިވާ މީހާ. އެއްވެސް މީހަކީ ބަލި ޖެއްސި މީހާ އާ ބަލިގެނައި މީހާ އޭ ހީވާ ގޮތަށް ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް އެ ކްލަސްޓަރ ގެ ފެށުން ހޯދިފައިނުވާ ކަމަށާއި އެކަން ހޯދުނު ދުވަހަކުން ހާމަކުރައްވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"ސީދާ އިންޑެކްސް ޚޭސްއަކީ ކޮބައިކަން ހޯދިފައެއް ނުވޭ. ހޯދުނު ދުވަހަކުން ދަންނަވާނަން. ކޭސްތަކުގެ ފޮޓޯ ނުވަތަ ކޭސްހެން ހީވާ މީހުންގެ ފޮޓޯ. ބަލި ނުޖެހޭ މީހުންގެ ފޮޓޯވެސް ހާމަކޮށްފައި އެބަހުރި." ޑރ. ނަޒްލާ ވިދާޅުވިއެވެ.