އައިޖީއެމްއެޗުގައި ނިޔާވާ މީހުންގެ މޫނު ދެއްކުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މީގެ ކުރިން ހޮސްޕިޓަލުގައި މީހަކު ނިޔާވެއްޖެނަމަ އެމީހެއްގެ މޫނު ދެކިލަން ހޮސޕިޓަލަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރެއެވެ. ނަމަވެސް މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ ބަލި ފެތުރުމާއި ކޮންޓްރޯލް ކުރުމުގެ ގޮތުން އެގޮތަށް އަމަލުކުރަން ނިންމީއެވެ.
އެހެންކަމުން ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މޫނު ދެކިލުމަށް އެދޭ ފަރާތްތަކުން މާލެ ސިޓީ ކައުންސިލުންނައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަމަލުކުރުމަށް ހަމަޖައްސަވާ އިންތިޒާމެއްގެ ދަށުން އަމަލުކުރުމަށް އެ ހޮސޕިޓަލުން އެދެއެވެ.
އައިޖީއެމްއެޗުގެ މި ނިންމުމަކީ މިހާރު ރާއްޖެ އޮތް ހާލަތުން ވިލީ ފެތުރުމެއް ފެށިފައިވާތީ އެކަމާ ގުޅިގެން ނިންމި ނިންމުމެކެވެ. ރާއްޖެ އޮތް ހާލަތުން މީހަކަށް ބަލިޖެހިފައި އެކަން ނޭނގި އޮވެދާނެއެވެ. ނުވަތަ ބަލީގެ އަލާމާތްތައް ނުފެނި ގިނަ އަދަދެއްގެ ބަޔަކު ތިބެދާނެއެވެ. ތަޖުރިބާކާރުން އަބަދު އެކަން ފަހަގަކުރާކަމަށް ނޫސްބުޔާނުގައި ވެއެވެ.
އެހެންކަމުން މިފަދަ ހާލަތެއްގައި ހޮސޕިޓަލު ތެރެއަށް ބަލި ވަދެ، ޑޮކްޓަރުން ނުވަތަ ނަރުހުންނަށް ނުވަތަ އެހެން މުއައްޒަފުންނަށް ބަލިޖެހުމުގެ ފުރުސަތު އޮތްކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި މި ބައްޔަކީ ނުހޯދޭ ގިނަ ކަންތައްތަކެއް އަދިވެސް ހުރި ބައްޔަކަށް ވާތީ ކޮންމެހެން ވަންނަން ޖެހޭ ބަޔަކު ފިޔަވައި އެއްވެސް ބަޔަކު ހޮސޕިޓަލަށް ޒިޔާރަތް ނުކުރުމަށްވެސް އައިޖިއެމްއެޗުން އިލްތިމާސް ކުރެއެވެ.