ކޮވިޑް-19: ކަރަންޓީނު ފެސިލިޓީތަކުން 189 މީހަކު ދޫކޮށްލުމަށް ސާމްޕަލް ނަގައިފި

ކަރަންޓީން ފެސިލިޓީ ތަކުގައި މިހާރު ތިބި މީހުންގެ ތެރެއިން 189 މީހަކު ދޫކޮށްލުމަށް ސާމްޕަލް ނަގައިފައިވާ ކަމަށް ނެޝެނަލް އިމަޖެންސީ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަބްދުލްޢަޒީޒު ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ ސާމްޕަލްތައް ލެބޯޓަރީއަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ވަނީ 3714 ސާމްޕަލް ނަގައިފައެވެ. އޭގެ ތެރެއިން 34 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. ރާއްޖޭގައި 16 މީހަކަށް މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ. އެ މީހުންގެ ޙާލު ރަނގަޅު ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މިހާތަނަށް ނަތީޖާ ނުލިބޭ  254 ސާމްޕަލް އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެ ތެރެއިން 246 އަކީ ކުރެއްދޫއިން ނަގާފައިވާ ސާމްޕަލްތައް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އައިސޮލޭޝަން ފެސިލީޓިތަކުގައި މިވަގުތު ޖުމްލަ 65 މީހުން އެބަތިބި ކަމަށެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި 1081 މީހުން އެބަތިބި ކަމަށް ވެސް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ބަނގްލަދޭޝާއި އެހެން ގައުމުތަކުގައިތިބި ރާއްޖޭގެ ކިޔަވާކުދިން ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިމަހު 20 ވަނަ ދުވަހު ބަނގްލަދޭޝްގެ މިލިޓަރީ ބޯޓެއްގައި އެގައުމުގައިތިބި ދިވެހި ކުދިން ރާއްޖެއަށް ގެނައުމަށްފުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މިގެންނަ ކުދިންގެ ތެރޭގައި ނޭޕާލުން އަންނަ 17 ކުއްޖަކު ވެސް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރާއްޖެ އަށް އެހީވުމަށްޓަކައި ބަނގްލަދޭޝް ސަރުކާރުން ފޮނުވާ މެޑިކަލް ޓީމެއްވެސް އަންނާނެއެވެ. އެ ޓީމުގައި ހިމެނެނީ 10 މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.