ކޮވިޑް-19: އެއްބާރުލުން ދޭކަމަށްވާނަމަ ބަލިފެންނަ މީހުންގެ އަދަދު މަދުކުރެވިދާނެ: ޑރ. އަފްޒަލް

ކަރަންޓީނުގެ ދުވަސްވަރު ކަމާބެހޭ ފަރާތްތަކަށް ރައްޔިތުން އެއްބާރުލުން ދީފިކަމަށްވާނަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރެވިދާނެ ކަމުގެ އުންމީދު އައި ޖީއެމްއެޗުގެ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މިދުވަސްކޮޅު މިހާގިނަ މީހުން ފެންނަމުންދަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަމަށެވެ. ޑޮކްޓަރ ވިދާޅުވީ މިވަގުތަކީ އެއްވެސް އޮޅުވާލުމެއްނެތި ކަމާބެހޭ ފަރާތްތަކަށް ތެދުމައުލޫމާތު އެންމެންވެސް ދޭންޖެހޭ ވަގުތު ކަމަށެވެ. އެގޮތަށް ތެދަށް މައުލޫމާތު ދީފި ކަމަށްވާނަމަ މިހާރު ފެންނަ މީހުންގެ އަދަދު ވެސް މަދުކުރެވިދާނެ ކަމަށެވެ.

"ކަރަންޓީނުގެ މިހާލަތުގައި އަލަށް ސްޕްރެޑްވުމުގެ ފުރުސަތު ކުޑަވާނެ. އެހެންނަމަވެސް މިހާރުގެ ސުވާލަކީ މިހާ ގިނައިން ކޭސް ފެންނަނީ ކީއްވެގެންހޭ؟ އަޅުގަނޑުމެންނަށް މިފެންނަނީ ބެކްލޮގެއް. ފެންނަ ކޮންމެ މީހަކާ ވިދިގެން ކޮންޓެކްޓް ޓްރޭސިންގައި ފެންނަ މީހުން ޓެސްޓް ކުރެވި އިތުރަށް ފެނިގެން މިދަނީ. އުންމީދު ކުރަނީ ކަރަންޓީން ދުވަސްވަރު ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ފުރިހަމަ އެއްބާރުލުން ދެއްވައިފިނަމަ އަދި އަޅުގަނޑުމެންދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށްފިނަމަ އިރާދަކުރެއްވިއްޔާ މި ނަމްބަރުތައް، ކަރަންޓީނުގެ ދުވަސްތައް ކުރިއަށްދާ ވަރަކަށް އިތުރަށް ފެންނަލެއް މަދުވާނެޔޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް-19 ހުރިބަޔަކު ފެނި އެބަޔަކު އައިސޮލޭޓް ކުރެވި އެބަޔަކަށް ފަރުވާދެވި އަދި އެބައެއްގެ ކޮންޓެކްޓްސްތައް އެނގި އެހުރިހާ ކަމެއްވުމުން ދެން ފެންނަ މީހުންގެ އަދަދު މަދުވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ޑރ. ވިދާޅުވއެވެ. ޑރ. އަފްޒަލް ވިދާޅުވީ މިހާލަތުގައި ރައްޔިތުންގެ ކެންތެރިކަން ވަރަށް މުހިންމުކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިއީ މުޅި ރާއްޖެ ލޮކްޑައުންކޮށްފައިވާ ދުވަސްވަރަކަށްވާތީ  ޑެލިވަރީކޮށްދޭ މީހުންނާވެސް ގައިދުރުކަން ބަހައްޓަންޖެހޭ ކަމަށެވެ. އަދި ޑެލިވަރީއަށްފަހު ރަނގަޅަށް އަތް ދޮވެ ސާފުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޑރ. ވިދާޅުވީ މިހާރުވެސް ހުޅުމާލޭގައި 9 ތަނެއް މޮނިޓަރިން ހާލަތުގައި އެބަހުރި ކަމަށެވެ. އަދި މާލޭގައި 52 ތަނެއް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން އެހެން ތަނުގައި 12 ތަނެއް މޮނިޓަރިންގެ ހާލަތުގައިވާ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.