މިމަހު ނިޔަލަށް ސަރުކާރު ބަންދު ކޮށްފިއެވެ. ސަރުކާރު ބަންދުކުރީ ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން އެޗްޕީއޭ އިން ވަނީ ދެހަފާތާގެ މުއްދަތަށް މަނާކޮށްފައެވ
ސަރުކާރުގެ އޮފީސްތައް ބަންދުކަމުގައި ވިޔަސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައްދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ވަނީ ނިންމަވައިފައެވެ. އެގޮތުން އޮފީސް ހުޅުވައިގެން ޚިދުމަތެއް ދެއްވަންޖެހިއްޖެނަމަ، އެ ޚިދުމަތެއް ދެއްވުމަށް ބޭނުންވާ އެންމެމަދު މުވައްޒަފުން ނެރެގެން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފީސްތަކަށް އަންގަވާފަ އެވެ. މިގޮތަށް ހަމަޖެއްސެވީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އެފަދަތަންތަނަކީ:-
(ހ) ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
(ށ) ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
(ނ) ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
(ރ) ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛
(ބ) ބޭންކުތަކުން ދޭ ޚިދުމަތް؛
(ޅ) ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
(ކ) ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
(އ) ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
(ވ) ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
(މ) ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
(ފ) ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
(ދ) ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
(ތ) އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
(ލ) ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛
(ގ) ޖަލުތަކުގެ ޚިދުމަތް؛
(ޏ) ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛
(ސ) މޫސުމާބެހޭ ޚިދުމަތް.
ސަރުކާރުގެ އޮފީސްތައް ބަންދުކުރީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި އެޗްޕީއޭ އިން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށް ރައީސް އޮފީހުން އެދި ވަޑައިގަންނަވައެވެ. އަދި ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއްފިޔަވަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް