ކޮވިޑް-19 ޖެހުމަށް ފަހު 6 މަސްދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ޖެހުމުގެ ފުރަސަތު ވަރަށް ކުޑަ: ދިރާސާ

ކޮވިޑް- 19 މީހަކަށް ޖެހުމަށް ފަހު 6 މަސްދުވަހުގެ ތެރޭގައި އޭނައަށް އެ ބަލި ދެވަނަ ފަހަރު ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އިނގިރޭސިވިލާތުގައި ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންގެ މެދުގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާ ކުރި އޮސްފޯޑް ޔުނިވަސިޓީން ބުނާ ގޮތުގައި މި ނަތީޖާގެ ސަބަބުބް ދުނިޔޭގައި ކޮވިޑް-19 އާ ހަނގުރާމަކުރުމަށް އިސް ސަފުގައި މަސައްކަތްކުރުމުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 51 މިލިއަން ސިއްހީ ޚިދުމަތްތެރިންނަށް އިތުރު ޔަގީންކަމެއް ލިބިގެން ދާނެއެވެ.

"މިއީ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު ޚަބަރެއް. އެއީ، ކޮވިޑް-19 ޖެހުނު ގިނަ މީހުން، ކުރު މުއްދަތެއްގެ ތެރޭގައި ނަމަވެސް، އަލުން އެބަލި ނުޖެހޭނެ ކަމުގެ ޔަގީންކަން އަހަރުމެންނަށް ލިބޭތީ." އޮކްސްފޯޑް ޔުނިވަސިޓީގެ ނަފީލްޑް ޑިޕާޓްމަންޓް އޮފް ޕޮޕިއުލޭޝަން ހެލްތުގެ ޕްރޮފެސަރ ޑޭވިޑް އަޔާ ވިދާޅުވިއެވެ.

ކޮވިޑް-19 އެއް ފަހަރު ޖެހިފައިވާ މީހުންނަށް ދޭތެރެ ދޭތެރެއިން ދެވަނަ ފަހަރަށް ބަލިޖެހެމުން ދާތީ، އެ ބަލިން ހަށިގަނޑުގެ ދިފާއީ ނިޒާމު ދިފާއުވުން ދެމިގެން ދަނީ ވަރަށް ކުރު މުއްދަތަކަށް ކަމަށް ބެލެވި އެކަމުގެ ކަންބޮޑުވުން ސިއްހީ ޚިދުމަތްތެރިންގެ މެދުގައި ވަރަށް ބޮޑަށް އޮތެވެ.

އެހެންނަމަވެސް، އިނގިރޭސިވިލާތުގެ ސިއްހީ ޚިދުމަތްތެރިން ހިމަނައިގެން ކުރި މި ދިރާސާއިން އެނގުނު ގޮތުގައި ކޮވިޑް-19 ޖެހުމަށް ފަހު އަލުން ޖެހުން އެއީ ނާދިރު ކަމެކެވެ.

އެޕްރީލުން ނޮވެންބަރަށް ހޭދަވި 30 ހަފުތާގައި 11052 ސިއްހީ ޚިދުމަތްތެރިން ބައިވެރިކޮށްގެން ހެދި މިދިރާސާއިން ދެއްކި ގޮތުގައި ހަށިގަނޑުގައި އެންޓި ބޮޑީ ނުއުފެދުނު 89 މީހެއްގެ ކިބައިން ވަނީ ދެވަނަ ފަހަރަށް ބަލީގެ އަލާމާތްތައް ފެނިފައެވެ. އަދި އެންޓި ބޮޑީ ހަށިގަނޑުގައި އުފެދުނު 1246 މީހުންގެ ތެރެއިން އެކަކުގެ ކިބައިންވެސް ދެވަނަ ފަހަރަށް ބަލީގެ އަލާމާތްތައް ފެނިފައި ނުވެއެވެ.

"ބަލިން ރައްކާތެރިކަން ލިބެނީ ކިހާ ދުވަހަކަށް ކަން ދެނެގަންނަން އަހަރުމެން މި މަސައްކަތްތެރިން ގާތުން ބަލަމުން ގެންދާނަން." އަޔާ ވިދާޅުވިއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.