އިންސާނީ ޙަޔާތުގެ ދިގު ތާރީޚުގައި އިންސާނުންނަށް ތަފާތު ބަލިމަޑުކަމާއި ވަބާތަކާ ކުރިމަތިވެފައިވެއެވެ. ޠާޢޫންތަކާއި، ފެންބޮޑުވުންތަކާއި، ބިންހެލުންތަކާއި، ހަނަފަސްކަމުގެ ބަލާތަކެވެ. އިންސާނުންނަށް ވީތީ މުސްލިމުންނަށް ވެސް މި ފަދަ ބަލާތަކާއި ވަބާތަކާ ވަނީ ކުރިމަތިވެފައެވެ. މުސްލިމުންގެ ތާރީޚުގެ ޞަފްޙާތަކުން މިފަދަ ޙާދިސާތަކުގެ ޚަބަރުތައް ކިޔާލަން ލިބެއެވެ. މުސްލިމުންނާ ކުރިމަތިލާން ޖެހުނު އެންމެ ބިރުވެރި ބަލާއަކަށް ވެފައިވަނީ ޠާޢޫން ބައްޔެވެ. މި ވަބާ މިޞްރާއި، ޝާމުކަރައާއި، ޢިރާޤާއި ، މަޣްރިބު ކަރައާއި، އަންދަލުސްގައި އެތައް ފަހަރަކު ފާޅުވެ އެތައް ހާސް ބަޔަކު ހަލާކުކޮށްލައިފާ ވެއެވެ.
އަލްމަޤްރީޒީއާއި އިބްނު ކަޘީރާއި، އިބްނު އިޔާސާއި، އިބްނު ބަޠޫޠާއާއި، އިބްނު ޢަޛާރާފަދަ އިސްލާމީ މުއައްރިޚުން އެބޭބޭކަލުންގެ ފޮތްފޮތުގައި މި ފަދަ ޠާޢޫންތަކާއި ބަލިމަޑުކަމުގެ ވާހަކަތައް ގެނެސް ދެއްވައިފައިވެއެވެ. އަދި އިބްނު ރުޝްދު ފަދަ ފަޤީހުން ވެސް މި ފަދަ ބަލިތަކުގެ ވާހަކަ ދައްކަވައިފައި ވެއެވެ. އެއީ މިފަދަ ވަބާތަކުގެ ސަބަބުން އިސްލާމީ މުޖްތަމަޢަށް ކޮށްފައިވާ އިޤްތިޞާދީ، އިޖްތިމާޢީ ، ސިޔާސީ ، އަދި އަޚްލާޤީ ނުބައި އަސަރގެ ފުންކަމާ ހެދިއެވެ.
މި ދުވަސްވަރު މުޅި ދުނިޔެ ހާސްވެ ކަންބޮޑުވެ ބިރާސްވެފައި މިވަނީ މިހާރު ދުނިޔެއަށް ޢާޢްމުވެ ފެތުރެމުންދާ ކޮރޯނާ ވަބާ ( ކޯވިޑް- 19) ގެ ސަބަބުންނެވެ. މި ވަބާގެ ސަބަބުން ދުނިޔޭގެ ހުރިހާ ޤާއުމުތަކެއްގައި މި ވަނީ ޞިއްޙީ ކުއްލި ޙާލަތު އިޢުލާންކޮށްފައެވެ. ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދަނީ މަރުވަމުންނެވެ. މި ބައްޔަށް ފަރުވާއެއް ފެނޭތޯ ކަމާބެހޭ އިޚްޞާއީންނާއި ދާއިރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ ބަލިމަޑުކަމާއި ވަބާތަކަކީ ﷲގެ ޤަޟާއާއި ޤަދަރުގެ ދަށުން ހިނގަމުންދާ ކަންތައްތަކެއްކަން ޤަބޫލުކުރާ ބަޔަކަށް މުސްލިމުން ވާތީ އެމީހުން މި ބަލިން ދިފާޢުވެވޭތޯ ވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. އަމިއްލަ އަތުން ހަލާކަށް އެއްލައިލެވޭ ބަޔަކަށް ވެގެން ނުވާނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَأَنفِقُوا۟ فِى سَبِيلِ ٱللَّـهِ وَلَا تُلْقُوا۟ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ ۛ وَأَحْسِنُوٓا۟ ۛ إِنَّ ٱللَّـهَ يُحِبُّ ٱلْمُحْسِنِينَ [1]- اللَّه ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ! އަދި إحسان ތެރިވާށެވެ! ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ. )
ޠާޢޫނާއި ވަބާ
ޠާޢޫނަކީ ބެކްޓީރިޔާއަކުން ޖެހޭ ބައްޔެކެވެ. މި ބަލި އިންސާނާއަށް ޖެހެނީ މި ބެކްޓީރިޔާ އުފުލާ ސެއްޅި ފަދަ އެއްޗެއް އިންސާނާގެ ގައިގައި ހެފުމުންނެވެ. މި ބަލީގެ ފުރަތަމަ ޢަލާމަތްތަކަކީ ހުން އައުމާއި ތުރުތުރުއެޅުމާއި، ބޮލާއި ގައިގައިރިއްސުމާއި ، އާދަޔާ ޚިލާފަށް ވަރުބަލިވުމާއި، ހޮޑުލެވުމާއި ، އަނބުރާގަތުމާއި ހޭކެނޑުމެވެ. މި ބެކްޓީރިޔާ ވަރަށް އަވަހަށް ފުއްޕާމޭ ތެރެއަށް ދަތުރު ކުރެއެވެ. ފުއްޕާމޭގެ ޠާޢޫނަކީ އެންމެ ނުރައްކާތެރި ބާވަތެވެ. މި ފަދަ މީހާގެ ކުޅުގައި މި ބެކްޓީރިޔާ ހުންނާނެއެވެ. އޭނާ ކެއްސައިލާ ކޮންމެ ފަހަރަކު އެތައް ހާސް ބެކްޓީރިޔާއެއް ބޭރަށް ނުކުމެ ފެތުރިގެންދެއެވެ.
ކަމާބެހޭ މާހިރުން ޠާޢޫނާ ވަބާ ތަފާތު ކުރައްވައެވެ. ކޮންމެ ޠާޢޫނަކީ ވަބާއެކެވެ. އެކަމަކު ކޮންމެ ވަބާއަކީ ޠާޢޫނެއް ނޫނެވެ. މިހާރު ފެތުރެމުން މިދާ ކޯވިޑް- 19 އަކީ ޠާޢޫނެއް ނޫނެވެ. އެހެނަސް އެއީ ވަބާއެކެވެ. ވަބާއެއް ޢާލަމީ ވެއްޖެނަމަ އެއަށް ކިޔާނީ ( ޖާއިހާ ) އެވެ.
އިސްލާމީ ތާރީޚުން ފެނިފައިވާ ޠާޢޫންތަކާއި ވަބާތައް
އިސްލާމީ ތާރީޚުގައި މުސްލިމުންނަށް އެތައް ފަހަރަކު ޠާޢޫނާއި ތަފާތު ވަބާތައް ޖެހިފައިވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޠާޢޫންތަކާއި ވަބާތަކަކީ :-
1. ޠާޢޫން ޢިމަވާސް : މި ޠާޢޫން ފެތުރުނީ ޢުމަރު ބިނުލް ޚައްޠާބުގެ ޚިލާފަތުގައި ހިޖްރައިން18 ވަނަ އަހަރުގައެވެ. މި ޠާޢޫނަށް ޢިމަވާސް ޠާޢޫނުގެ ނަން ދެވުނީ މި ވަބާ ފެށުނީ ޢިމަވާސް ކިޔާ ރަށުން ކަމުގައި ވާތީއެވެ. އެއީ ޤުދްސާއި ރަމްލާއާ ދެމެދުގައި އޮންނަ ކުޑަކުޑަ ރަށެކެވެ. މި ޠާޢޫން ފެށުނީ މުސްލިމުންނާ ރޯމަނުންނާ ދެމެދުގައި ހަނގުރާމަތައް ގިނަވެ މަރުވި މީހުން ގިނަވެ ޖައްވު ނުސާފުވެ ތަޣައްޔުރުވުމުގެ ސަބަބުންނެވެ. މި ވަބާގައި ވަރަށް ގިނަ ބަޔަކު މަރުވިއެވެ. ކީރިތި ރަސޫލާގެ މާތް ޞަޙާބީންގެ ތެރެއިން އަބޫ ޢުބައިދަތު ބިނުލް ޖައްރާޙާއި ، މުޢާޛު ބިން ޖަބަލާއި، އަލްޙާރިޘް ބުނުލް ހިޝާމާއި، ސުހައިލު ބިން ޢަމްރާއި، ޢުތުބަތު ބިން ސުހައިލު މި ޠާޢޫނުގައި އަވަހާރަ ވިއެވެ
2. އަލް ޖާރިފު ޠާޢޫން : މިޠާޢޫން އައީ ހިޖްރައިން 69 ގައި ބަޞްރާއަށެވެ. މި ޠާޢޫން އައިސްފައި ވަނީ ޢަބްދު ﷲ ބިނުއް ޒުބައިރުގެ ދުވަސްވަރުގައެވެ. މި ޠާޢޫނަށް މި ނަން ދެވުނީ ބިން ކޮންނަ ޖައްރާފާއެއް ގޮތަށް މީހުން ކަހައިލައިގެން ގެންގޮސްފައިވާތީ ވާތީއެވެ. މި ޠާޢޫން ތިން ދުވަހުގެ ތެރޭގައި ނިމއްޖެއެވެ.
3. އަލްފަތަޔާތު ޠާޢޫން : ހިޖްރައިން 87ވަނަ އަހަރު ޖެހުނު މި ވަބާ އައިސްފައި ވަނީ ޢިރާޤަށާއި ޝާމުކަރައަށެވެ. މި ބައްޔަށް އަލްފަތަޔާތު ޠާޢޫނޭ ކިޔުނީ މި ވަބާ ފުރަތަމަ ޖެހުނީ ބިކްރުވެރި އަންހެންކުދީންނަށް ކަމަށް ވާތީއެވެ. މި ޠާޢޫނަށް އަޝްރާފު ޠާޢޫނޭ ވެސް ކިޔުނެވެ. އެއީ މި ވަބާގައި ޤައުމުގެ ޢިއްޒަތްތެރީންތަކެއް އަވަހާރަވެފައިވާތީއެވެ.
4. މުސްލިމު ބިން ޤުތައިބާ ޠާޢޫން : މިއީ އުމަވީ ވެރިކަމުގައި އައި އެންމެ ފަހު ވަބާއެވެ. މި ޠާޢޫނަށް މި ނަންދެވުނީ މި ވަބާގައި އެންމެ ފުރަތަމަ އަވަހާރަވީ ޤުތައިބާ ބިން މުސްލިމު ކަމުގައިވާތީއެވެ. ބަޞްރާއަށް އައި މި ވަބާ ތިން މަސް ދުވަހަށް ދެމިގެން ދިޔައެވެ. މި ޠާޢޫނުގައި ބައެއް ދުވަސްދުވަހު ހާހެއްހާ މީހުން މަރުވެފައި ވެއެވެ.
5. އިބްނު ކަޘީރު ވިދާޅުވެފައިވާ ގޮތުގައި ހިޖްރައިން 656 ވަނައަހަރު މުޣޫލުން ބަޣްދާދަށް އަރައި އެ ރަށް ސުންނާފަތިކޮށް ޖަމާޢަތުގެ ނަމާދާއި ހުކުރު ނަމާދު ކުރުން މަނާކޮށް މިސްކިތްތައް ބަންދު ކުރިއެވެ.ސާޅީސް ދުވަސް ވީއިރު ބަޣްދާދު ގައި ތިބީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނާއި މަރުވެ ކުނިވެފައިވާ ޤަބްރުތަކެވެ. ވާރޭ ވެހުމުގެ ސަބަބުން ޤަބްރުތަކުގެ ކުނިބުނިތައް މުޅި ރަށު ތެރެއަށް ވަނީ ފެތުރިފައެވެ. ޖައްވު ވިސަޑުވެ އެ ވިސަޑު ފެތުރި ޝާމު ކަރައާ ހަމައަށް ފެތުރިގެން ދިޔައެވެ. މީސްތަކުންނަށް ވަބާއާއި ފަނާވުމާއި ހަނާވުން ކުރިމަތިވިއެވެ. " [2]
6. މަމާލިކުންގެ ވެރިކަމުގެ ދުވަސްވަރުގައި ޝާމު ކަރައަށް ޠާޢޫނެއް އައެވެ. ހިޖްރައިން 748 ވަނަ އަހަރު މި އައި ޠާޢޫނުގެ ނަމަކީ " އަލްއަޢުޡަމު ޠާޢޫން " އެވެ. މި ނަން ދެވުނީ މި ޠާޢޫނުގެ ވަރުގަދަކަމާއި މި ޠާޢޫނުގެ ސަބަބުން މަރުވި މީހުން ގިނަކަމާއި ލިބުނު ގެއްލުންތައް ބޮޑުކަމުންނެވެ.މި ޠާޢޫނު ޙަލަބާއި ދިމަޝްޤާއި ޤުދްސާއި އައްސޭރިފަށުގެ ވަރަށް ގިނަ ރަށްތަކަށް ޖެހުނެވެ.
7. ހިޖްރައިން 795 ވަނަ އަހަރު ވަރަށް ވަރުގަދަ ބަލިމަޑު ކަމެއް ޙަލަބުގައި ފެތުރުނެވެ. މި ބަލީގެ ނަމަކީ " އަލް ފަނާއުލް އަޢުޡަމު " އެވެ. މި ބަލީގައި ޙަލަބާއި އެ ރަށުގެ އަވަށްޓެރި ކުދިކުދި ރަށްތަކުން 150 ހާސް މީހުން މަރުވިއެވެ.
8. މަޣްރިބަށް ބަލާއިރު މުރާބިޠުންނާއި ، މުވައްޙިދުންނާއި މަރީނުންގެ ޒަމާނުގައި ވަރަށް ގިނަގުނަ ވަބާތަކާއި ޠާޢޫންތަކާއި ހަނަފަސްކަމާއި ބަނޑަށް ޖެހުންތައް އައެވެ. މީގެތެރެއިން އެންމެ ވަރުގަދަ ޠާޢޫނަކީ ހިޖްރައިން 571ވަނަ އަހަރު މަޣްރިބުގެ ރަށްތަކަށާއި އަންދަލުސް އަށް އައި ޠާޢޫނެވެ.ޚަލީފާ ޔޫސުފު ބިން ޔަޢުޤޫބުގެ 4 އަޚަކު މި ޠާޢޫނުގައި އަވަހާރަ ވިއެވެ. މި ޠާޢޫނުގައި ދުވާލަކު ސަތޭކަ ފަންސާހެއްހާ މީހުން މަރުވިއެވެ. މީލާދީން 1798 ވަނައަހަރު ތޫނިސްއަށާއި ޖަޒާއިރަށާއި މަޣްރިބަށް ވަރުގަދަ ޠާޢޫނެއް އައެވެ. މި ޠާޢޫން އައީ ބޯޓުދަތުރުކުރާ މީހުންގެ ފުށުންނެވެ. މި ޠާޢޫނުގައި ދުވާލަކު ދުއިސައްތައެއްހާ މީހުން މަރުވިއެވެ.
9. ހިޖްރައިން 5 ވަނަ ސައްތައިގެ ފަހުކޮޅުގައި އަންދަލުސްއަށް އައި ވަބާތަކާ ބެހޭގޮތުން އިބްނު ޢަޛާރާ އަލްމަރާކިޝީ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ، ފާސް އަށާއި ޣަރްނާޠާއަށް 524 ހ. ގައި ވަރަށް ބޮޑު ހަނފަސްކަމެއް އައެވެ. ހިޖްރައިން 526ވަނަ އަހަރު ޤުރްޠުބާއަށް ވަރަށް ވަރުގަދަ ވަބާއެއް އައެވެ. މި ވަބާގައި މީހުން މަރުވުން ގިނަވެ އެއްޗެހީގެ އަގު ބޮޑުވިއެވެ. ގޮދަން މުއްދެއްގެ އަގު 15 ދީނާރަށް ބޮޑުވިއެވެ.
10. ދުނިޔެއަށް ބަލާއިރު " ކަޅު މަރު " ގެ ނަމުގައި މަޝްހޫރުވެފައިވާ ޠާޢޫނަކީ އެތައް ހާސް އަހަރެއް ކުރިން ދުނިޔެ ދަންނަ ވަބާއެކެވެ. ތާރީޚުން އެނގޭ އެންމެ ފުރަތަމަ ޠާޢޫނު ވަބާ ފެނިފައިވަނީ ޗައިނާއިން ޢީސާގެފާނުގެ 224 އަހަރު ކުރިންނެވެ.
11. ކަޅު ޠާޢޫނުގެ ނަމުން މަޝްހޫރުވެފައިވަ ޠާޢޫނަކީ ޔޫރަޕަށް ޖެހުނު އެންމެ ބޮޑު ވަބާއެވެ. މި ބަލި ޔޫރަޕްގައި 4 އަހަރުވަންދެން ( 1347 ން 1352 ށް) ފެތުރެމުން ދިޔައެވެ. މި ވަބާގައި ޔޫރަޕުން 25 މިލިއަން މީހުން މަރުވިއެވެ.
ވަބާތަކުގެ އިޖްތިމާޢީ ، ސިޔާސީ އަދި ރޫޙާނީ އަސަރު
ޠާޢޫންތަކާއި ވަބާތަކުގެ އަސަރު ޤައުމތަކަށާއި މީސްތަކުންނަށް ވަރަށް ބޮޑަށް ފޯރައިފައިވެއެވެ. އެކަންކަމުގެ ސަބަބުން ދައުލަތުގެ އަމްނަށާއި އަމާންކަމަށް ބިރު ފޯރިއެވެ. ދައުލަތްތަކުގެ ވުޖޫދަށް ވެސް ނުބައި އަސަރުތައް ކުރިއެވެ.
މިސާލަކަށް ޢިމަވާސް ޠާޢޫނުގެ ނުރައްކާ މުސްލިމުންނަށް ވަރަށް ބޮޑަށް ކުރިއެވެ. މި ވަބާގައި މުސްލިމުންގެ ވިއްސަކަށް ހާސް މީހުން މަރުވިއެވެ. އޭގެތެރޭގައި ބޮޑެތި ޞަޙާބީންތަކެއް ވެއެވެ. މިހާ ގިނަ ޢަދަދެއްގެ މުސްލިމުން ( ޚާޢްޞަކޮށް މުޖާހިދުން ) މަރުވުމުން ރޯމަނުންގެ ނުރައްކާތެރިކަން މުސްލިމުންނަށް އިޙްސާސްކުރަން ޖެހުނެވެ. ޝާމު ކަރައިގެ ލަޝްކަރުގެ ދެބައި ކުޅަ އެއްބައި ނެތިގެން ދިޔަކަން ރޯމަނުންނަށް އެނގުނުނަމަ އެމީހުން ޝާމުކަރައަށް ޙަމަލާދީ އިސްލާމީ ދައުލަތް ނައްތައިލުމަށް މަސައްކތް ކުރީސްކަން ކަށަވަރެވެ. އެހެނަސް މާތް ﷲ އެމީހުންގެ ނުބައިކަމުން މުސްލިމުން ރައްކައުތެރިކޮށް ދެއްވުމުގެ ސަބަބުން ޢުމަރުގެފާނަށް އިސްލާމީ ފުތޫޙާތުތައް ކުރިއަށް ގެންދެވުނެވެ.
މަމާލިކުންގެ ޒަމާނުގައި ފެތުރުނު ވަބާތަކުގެ ސަބަބުން ސަހަރުތަކާއި ރަށްފުށުގެ ރަށްރަށުގެ އާބާދީގެ ޢަދަދަށް ވަރަށް ބޮޑު ޚަލަލެއް އައެވެ. ވަބާގެ ސަބަބުން ބައެއް ކުދިކުދި ރަށްރަށް ފަނާވެ އިންދިރާސްވެގެން ދިޔައެވެ. ނަތީޖާއަކަށް ވީ ދަނޑުވެރިން މަދުވުމެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް ދަށަށް ދިޔުމެވެ. މުއްސަނދީން ފުރްޞަތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމެވެ. ފަޤީރުކަން ބޮޑުވުމުގެ ސަބަބުން ވައްކަމާއި ލޫޓުވުން އިތުރުވުމެވެ. މި ކަންކަމުގެ ސަބަބުން މުޖްތަމަޢުގެ ފޭރާން ވީދި އަޚްލާޤު ދަށަށްގޮސް ސުލޫކު ނުބައިވުމެވެ.
މީގެއިތުރަށް ވަބާގެ ސަބަބުން ތަޤްވާވެރީންނާއި ޢިލްމުވެރީންގެ އެތައް ބަޔަކު މި ދުނިޔެ ދޫކުރެއްވިއެވެ. ނަތީޖާއަކަށް ވީ ޢިލްމީ މަރްޖިޢުތައް ގެއްލުމެވެ.ރޫޙާނިއްޔަތުގެ ހުސްކަމެއް އައުމެވެ. މި ކަމާ ވިދިގެން ޖާދޫގަރުންނާއި ސިޙްރުވެރީންގެ ޙަރަކާތްތަކަށް ދިރުން ލިބުމެވެ. އެމީހުން މި ރޫޙާނީ ހުސްކަން ފުރައިލުމަށް ތެދުވުމުންނެވެ. [3]
މުސްލިމުން ވަބާތަކާ މުޢާމަލާތު ކުރީ ކިހިނެއް
ޠާޢޫން ޢިމަވާސްގެ ބިޔަ ރާޅުތަކުގެ ތެރޭގައި މުސްލިމުން ޙަރަކާތްތެރިވެފައި ވަނީ ކީރިތި ރަސޫލާ r ގެ އިރްޝާދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ " ތިޔަބައިމީހުން އެތަނެއްގައި ތިއްބާ ޠާޢޫން ބަލި ފެތުރިއްޖެ ނަމަ އެ ވަބާއިން ފިލުމަށް ޓަކައި ތިޔަބައިމީހުން އެ ތަނަކުން ބޭރަށް ނުނުކުންނާށެވެ! އަދި ތިޔަބައިމީހުންނަށް ރަށެއްގައި އެ ބަލި އުޅޭކަން އެނގިއްޖެނަމަ ތިޔަބައިމީހުން އެ ރަށަކަށް ނުދާށެވެ!" ރަސޫލާގެ މި ބަސްފުޅަކީ މި ޒަމާނުގެ ކަރަންޓީނު ނިޒާމުގެ އަސާސެވެ. މިއީ ފުރަބަންދުގެ މައިގަނޑު އުޞޫލެވެ. ރަސޫލާގެ މި ބަސްފުޅަކީ އެކަލޭގެފާނުގެ ސުންނަތުގެ ސައެންސީ މުޢުޖިޒާތެކެވެ. މި ޙަދީސްފުޅާ އެއްގޮތްވާ ގޮތުގެ މަތިން ޢުމަރުގެފާނު ޝާމު ކަރައަށް ވަދެވަޑައިނުގަންނަވާ މަދީނާއަށް އެނބުރި ވަޑައިގެންނެވިއެވެ. އެއީ މަރާ ފިއްލެވުމުގެ ގޮތުން ކުރެއްވި ކަމެއް ނޫނެވެ. މަދީނާއަށް އެނބުރިވަޑައިގަންނަވަނީ ކީއްވެގެންތޯ އަބޫ ޢުބައިދަތުގެފާނު ސުވާލު ކުރެއްވިއެވެ. އަބޫ ޢުބައިދަތުގެފާނު ވިދާޅުވިއެވެ. " ﷲގެ ޤަދަރާ ފިއްލަވަނީތޯއެވެ؟ ޖަވާބުގައި ޢުމަރުގެފާނު ވިދާޅުވިއެވެ. " ކަލޭގެފާނުނޫން މީހަކު ތިޔަހެން ބުނިނަމަ އަޅުއްވާނެ ފިޔަވަޅު ތަފާތުވާނެއެވެ. އާދޭހެވެ! ތިމަންކަލޭގެފާނު މި ފިއްލަވަނީ ﷲގެ ޤަދަރުން ﷲގެ ޤަދަރަށެވެ. " އެކަލޭގެފާނަށް ޠާޢޫނު ޖެހިވަޑައިނުގަތީ މި ފިއްލެވުމުގެ ސަބަބުންނެވެ. " މި ފަދަ ރަށަކުން ބޭރަށް ނުކުންނަން ވާނީ ޟަރޫރީ ޙާލަތުގައެވެ. ޢުމަރުގެފާނު މީސްތަކުންނާއިގެން އެ ރަށުން ބޭރަށް ވަޑައިގެންނެވުމަށް އަބޫ ޢުބައިދަތުގެފާނަށް ނަސޭހަތް ދެއްވިއެވެ. ޢުމަރުގެފާނު ވިދާޅުވީ ފެންމަދު ތެތްކަމެއް ނެތް އުސް ބިމަކަށް ވަޑައިގަތުމަށެވެ. " މިއިން އެނގެނީ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭނެކަމެވެ.
ޢުމަރުގެފާނު ދެއްވި ނަސޭޙަތްޕުޅާ އެއްގޮތަށް އަބޫ ޢުބައިދާވެސް އަދި އެކަލޭގެފާނުގެ ފަހުން އަމީރުކަމަށް އިސްވެވަޑައިގެންނެވި މުޢާޛު ބިން ޖަބަލު ވެސް ޢަމަލެއް ނުކުރައްވައެވެ. ނަތީޖާއަކަށް ވީ އެ ދެބޭކަލުންނަށް މި ޠާޢޫން ބަލި ޖެހިވަޑައިގެން އަވަހާރަވުމެވެ.
ޞައްޙަ ރިވާޔަތްތަކުން އެނގޭގޮތުގައި މި ވަބާއިން މުސްލިމުންނަށް ސަލާމަތްވެވުނީ ޢަމްރު ބުނިލް ޢާޞް ވެރިކަމާ ޙަވާލުވެވަޑައިގެން މީސްތަކުންނާއިގެ ފަރުބަދަމަތީ އުސް ސަރަޙައްދުތަކަށް ނުކުމެ ވަޑައިގެން ބައިބައިވެ ގަތުމުންނެވެ. ޢުމަރުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަމާ އުފާފުޅު ކުރެއްވިއެވެ. ޢަމްރު ބުނުލް ޢާޞް މީސްތަކުންނަށް ދެއްވި ނަސޭޙަތަކީ މިޒަމާނުގައި މި ކިޔާ ގައިދުރުކުރުމެވެ. އެހަހެރިވެ ގައިގޯޅިވެ ނޫޅުމަށް ޢަމްރު ބުނުލް ޢާޞް މީސްތަކުންނަށް ވިދާޅުވިއެވެ. މީސްތަކުން އެ ގޮތަށް ޢަމަލު ކުރުމުން މި ވަބާ ނެތިގެން ހިގައްޖެއެވެ.[4]
މުސްލިމުން އޭގެފަހުން މި ފަދަ ބަލިތަކަށް ފަރުވާދިނުމަށް ތައްޔާރުވިއެވެ. މަމާލިކުންގެ ޒަމާނުގައި މިޞްރާއި ޝާމު ކަރައިގައި ފެތުރުނު ޠާޢޫނަށާއި އެހެނިހެން ބޮޑެތި ވަބާތަކަށް ބޭސްފަރުވާކުރުމަށް ޓަކައި ހަސްފަތާލުތައް ބިނާކުރިއެވެ. މި ފަދަ ވަބާތަކުގައި މަރުވާ މީހުން ގިނަކަމުން އެމީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ވެސް އޮތީ ނުކުރެވިފައެވެ. މި މަސައްކަތް ކުރުމަށް ޓަކައި މުސްލިމުން ހިނަވައި ކަފުންކޮށް ނަމާދު ކުރުމަށް ޓަކައި ޚާއްޞަ ގެތަކެއް ބިނާކުރިއެވެ. މި ގެތަކަށް (( ޙާނޫތު ) ގެ ނަންދެވުނެވެ. މި ފަދަ ތަންތަން ބިނާކޮށް ހިންގުނީ މުއްސަނދީންގެ ވަޤްފުންނާއި ޞަދަޤާތުންނެވެ. މި ކަމުގެ ސަބަބުން މައްޔިތާ ކުނިވުމުގެ ކުރިން އޭނާގެ ކަށުކަމާކެމީގެ ކަންތައްތައް ފުރިހަމަކުރެވުނެވެ.
މި ފަދަ ދުވަސްވަރުތަކުގައި ހެޔޮކަންތައް ކުރުން ގިނަކުރުމަށާއި ނުބައިކަންތައްތައް ކުރުމާ ދުރުހެލިވުމަށް ގޮވައިލެވެއެވެ. އަދި ރާޚާނާތައް ފަދަ މުންކަރާތްތަކަށް އަރައިގަނެވޭ ބަންދުކުރެވެއެވެ.
ކޮރޯނާ ވަބާއާއެކު މުޢާމަލާތު ކުރާނީ ކިހިނެއް
1. މާތް ﷲ އަޅުގަނޑުމެންނަށް އަންގަވަނީ ( އަޅުގަނޑުމެންގެ އަތުން އަޅުގަނޑުމެންގެ ނަފްސުތައް ހަލާކަށް އެއްލައި ނުލުމަށެވެ. އަދި މީހުންނަށް އީހްސާންތެރިވުމަށެވެ. ) މާތް ﷲގެ ޤަޟާ ޤަދަރަށް އީމާންވެ ތިބެ މި ފަދަ ވަބާތަކާ ކުރިމަތިލުމަށް ޓަކައި ޢަމަލުކުރަން ޖެހޭނީ މި ދަންނަވާ މިންގަނޑުތަކާ އެއްގޮތަށެވެ.
2. އަޅުގަނޑުމެން ފިލަނީ ﷲގެ ޤަދަރުން ﷲގެ ޤަދަރަށްކަން ޤަބޫލުކޮށް ރައްކައުތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅާއިރު ބަލިމީހުންނަށް ފަރުވާ ދިނުން.
3. މިފަދަ ވަބާތަކާއި ބަލިތައް ޖެހުމުން އެކަމަށް ކެތްތެރިވެ މަރުވެއްޖެނަމަ އެއީ ޝަހީދުންގެ ދަރަޖަ ލިބިގެންވާ މީހެއްކަން ޤަބޫލުކޮށް ބައްޔަށް ކެތްތެރިވެ ފަރުވާކުރުން . ކޮރޯނާ ވަބާގައި މަރުވާ މީހުންނާ ޠާޢޫނު ބަލީގައި މަރުވާ މީހުންގެ ތަފާތެއް ނެތްކަމަށް ޢިލްމުވެރިން ވަނީ ފަތުވާ ދެއްވައިފައެވެ.
4. ބަލި ފަތުރުވާ ހުރިހާ ސަބަބުތަކަކާ ދުރުހެލިވެ ކަރަންޓީނުގެ އުޞޫލުތަކަށް ތަބާވެ އެކަހެރިވެ އުޅުން. ބަލި ފެތުރިފައިވާ ތަނެއްގައި ހުރި މީހެއްނަމަ އެ ތަނުގައި ހުރުމަކީ ރުޚްޞާއެކެވެ. ބަލި ނުޖެހޭނަމަ އެތަނުން އަވަހަށް ބޭރަށް ނުކުތުމަކީ ވެސް ހަމަ ރުޚްޞާއެކެވެ. ބަލި ޖެހިއްޖެނަމަ އޭނާ އެތަނުން ބޭރަށް ނުކުމެގެން ނުވާނެއެވެ. ބޭރަށް ދިޔުމުގެ ސަބަބުން އިތުރު ބަޔަކަށް ބަލި ޖެހިދާނެތީއެވެ. ބޭރަށް ނުކުން ބަޔަކު ނުކުންނަން ވާނީ ބޭސްފަރުވާކޮށް ދިނުމަށާއި ބަލި މީހުންނަށް އެހީވުމަށެވެ. ބަލި މީހުންނަށް އަޅައިލާނެ މީހަކު ނެތި އެންމެން ރަށުން ފައިބައިގެން ނުވާނެއެވެ.
5. ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރާ އަމުރުތަކަށް ފުރިހަމައަށް ބޯލެނބުން ވާޖިބު ވާނެއެވެ. އެ ތަންތަނުން ދޭ އިރްޝާދުތަކަށް ޢަމަލު ކުރަންވާނެއެވެ. އެ ނަސޭޙަތްތަކުގެ އަޑުއަހަން ވާނެއެވެ.ޖަމާޢަތުގެ މަޞްލަޙަތަށް ޓަކައި ފަރްދީ މަޞްލާޙަތު އެއްފަރާތް ކުރަން ޖެހޭނެއެވެ.
[1] - البقرة : 195
[2] - (ابن كثير، ج13، 203).
[3] - مبارك محمد الطراونة، الأوبئة وآثارها الاجتماعية في بلاد الشام في عصر المماليك الشراكسة، 2010، المجلة الأردنية للتاريخ والآثار. ص 46- 54
[4] - علي محمد الصلابي، سيرة أمير المؤمنين عمر بن الخطاب شخصيته وعصره، (2005)، مؤسسة اقرأ، القاهرة. ޞ : 231-233
Maa sha Allah v mauloomaathu muhssandhi liyumeh, maai Allah liyun theriyaa ah faafa fussavai heyo rahmai lavvaashi eve,