
ކޮންމެ މީހެއްގެ ގައިގައި ވެސް ކޮވިޑް-19 މިވަގުތު ހުރެދާނެ ކަމަށް ބަލަންޖެހޭ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯއީސީ) ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރާއްޖެ މިހާރު މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށެވެ. "މިހާރުއޮތް ހާލަތަކީ އެންމެ ނުރައްކާތެރި ހާލަތޭ، އަޅުގަނޑުމެންގެ ތެރޭގައި މިބަލި އުޅޭކަން އަޅުގަނޑުމެންނަށް އެބައެނގޭ. މިކަމުގައި ސަމާލުވުން ކޮންމެހެންވެސް މުހިންމު،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިހާލަތުގައި އެންމެން ވެސް ޢަމަލު ކުރަންޖެހޭ ގޮތަށް ޢަމަލު ނުކުރެވިއްޖެ ކަމަށްވާނަމަ ހިފަހައްޓާ ނުލެވޭ ވަރަށް މިބަލީގެ މީހުން ރާއްޖޭގައި އިތުރުވެގެން ހިނގައިދާނެ ކަމަށެވެ. އެހެން ކަމުން ލޮކްޑައުންގެ ހާލަތުގައި ފަރުވާތެރިކަމާއެކު މިކަމުގައި ކަންކަން ކުރަން އޮންނަ ހަމައާއި އުސޫލުގެ ދަށުން މަސައްކަތް ކޮށްފި ކަމަށްވާނަމަ ސަލާމަތުގެ އައްސޭރިއަށް ދެވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ވަނީ އެފަދަ ޙާލަތަކަށް ތައްޔާރުވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެންމެން ވެސް މިކަމުގައި އެންމެ ރަނގަޅަށް އަމަލުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަގީގަތުގައި ތިޔަ ބޭފުޅުން މިހާރު ވިސްނަވަންވީ ކޮންމެ މީހެއްގެ ގައިގަ ވެސް މި ބަލި ހުރެދާނެކަމަށް. ބަލި ހުރި މީހަކު ހުރެދާނެ ކަމަށް ދެކިގެން ތިޔަ ބޭފުޅުން އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވަން އެބަޖެހޭ. މިއީ ގައުމީ ކަމެއް ކަމަށް ދެކިގެން މަސައްކުރުން އެއީ އުންމީދަކީ،" މަބްރޫކް ވިދާޅުވިއެވެ.