މިއަދުގެ ވާހަކަ ގުޅެނީ ލަފްޒަކާއެވެ. އާދެ، ދީން މި ލަފްޒާއެވެ. 'ދީން' މި ކަލިމައިގެ މަފްހޫމަކީ، މި ލަފްޒުގައި އެކުލެވޭ މާނައަކީ ކޮބާތޯ، ބަލާލުމާއެވެ. އާންމު ގޮތެއްގައި، ދެ ގޮތަކަށް ދީން މި ލަފްޒު ބޭނުންކުރެވޭ ތަން ފެނެއެވެ. ދުނިޔޭގައި ތަފާތު ދީންތައް ވެއެވެ. އިސްލާމްދީނާއި މަސީހީ ނުވަތަ ނަސާރާދީނާއި ޔަހޫދީދީން ފަދަ ސަމާވީ ނުވަތަ އާސްމާނީ ދީންތަކެވެ. މީގެ އިތުރުން، ބުޑިސްޓުދީނާއި ހިންދީދީން ފަދަ ދީންތަކެވެ. މިތަނުގައި ދީން ބޭނުންކުރެވިފައިވަނީ ތަންކޮޅެއް ފުޅާ މާނައެއްގައެވެ. ވަކި ޖަމާއަތްތަކަކަށް އިޝާރަތްކުރާ މުއައްސަސީ މާނައެއްގައެވެ. މީގެ އިތުރުން، އެހެން މާނައެއްގައި ވެސް ދީން މިލަފުޒު ބޭނުންކުރެވެއެވެ. މި ނަންގަންނަ ދެ ޖުމްލައަށް ބައްލަވާލައްވާށެވެ. 'ނަމާދަކީ އިސްލާމީ ދީނީ އަޅުކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމެވެ.' 'ކީރިތި ގުރުއާނުގައި އައިސްފައިވާ ދުނިޔަވީ އުގޫބާތްތަކުގެ ސޫރައާ މެދު، އެއީ ދީނީ ކަމެއްތޯ ނުވަތަ ނޫންތޯ މުސްލިމުންގެ އިލްމުވެރިން ސުއާލުކުރައްވައެވެ. ބައެއް އިލްމުވެރިން، އެއީ ދީނީ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާއިރު އަނެއްބައި އިލްމުވެރިން ދެކިވަޑައިގަންނަވަނީ އެއީ ސަގާފީ ކަމެއްގެ ގޮތުގައެވެ.' މިތާނގައި ދީން ބޭނުންކުރެވެނީ ވަކި ޚާއްސަ މާނައެއްގައެވެ. މާތްކަލާނގެ ކިބައަށް ބޯލަނބައި ކިޔަމަންގަނެ، އެކަލާނގެއަށް އަޅުކަން ކުރުމުގެ މާނައިގައެވެ. މިލިޔުމުގައި ބަލާލަން ގަސްދުކުރަނީ މި ނަންގަތް ދެވަނަ މާނައިގެ މައްޗަށެވެ. މިފަދަ ޚާއްސަ ގޮތެއްގައި ދީން މި ލަފްޒު ބޭނުންކުރެވޭ އިރު، ދީނުގެ މާނައަކީ ކޮބައިތޯގެ މައްޗަށެވެ. އާދެ، އިސްލާމް ދީނުގެ 'ދީނީ' މަފްހޫމަކީ ކޮބައިތޯގެ މައްޗަށެވެ.
އިސްލާމް ދީނުގައި 'ދީނު'ގެ މަފްހޫމު ދެނެގަތުމަށްޓަކައި ހަތަރު ލަފްޒެއްގެ މާނައިގެ މައްޗަށް ބަލައިލާންޖެހެއެވެ. ދީން، 'އިސްލާމް'، 'ޝަރީޢަތް' އަދި 'ފިގުހު'، މި ހަތަރު ލަފްޒެވެ. އެހެންވެ، މިއަދުގެ ވާހަކައިގައި، ކުރުގޮތަކަށް ނަމަވެސް، މި ލަފްޒުތަކުގެ މާނައިގެ މައްޗަށް ބަލާލާނަމެވެ. ދީނުގެ މަފްހޫމު ފަހުމްކޮށް ދެނެގަތުމަށްޓަކައެވެ.
'ދީން' މިލަފްޒުގެ އަސާސީ މާނައަކީ ބޯލަނބައި ކިޔަމަންގަތުމެވެ. ދީނީ އިސްތިލާހުގައި، އެއީ މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންގަތުމެވެ. މީގެ އިތުރުން، މި ބޯލަނބައި ކިޔަމަންގަތުމުގެ ނުވަތަ ނުގަތުމުގެ ނަތީޖާކަމަށްވާ 'ޖަޒާދިނުން' މިމާނައިގަ ވެސް 'ދީން'، މި ލަފްޒު، ބޭނުންކުރެވެއެވެ. ދީނުގެ މިނަންގަތް އަސާސީ މާނައަށް ބަލައި، ނަމާދަކީ ދީނީ އަޅުކަމެކޭ ބުނެވޭ ބުނުމުގެ މާނައަކީ އެއީ މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންގަތުން ރަމްޒުކޮށްދޭ ކަމެއްކަމެވެ. މި އަޅުކަމަކީ އެކަން މެދުވެރިކޮށް، މުއުމިނާގެ ނަފްސު މާތްކަލާނގެއާ ގުޅުވާލައި އޭނާއަކީ މާތްކަލާނގެއަށް އީމާންވާ މީހެއްކަން އޭނާގެ އަމިއްލަ ނަފްސަށް ހަނދާކޮށްދޭ ޚާއްސަ އަޅުކަމެކެވެ. މިގުޅުމާއި ހަނދާންކޮށްދިނުން، މުއުމިނާގެ ނަފްސު ވަކި ގޮތަކަށް ހާނުވައި ބަހައްޓުވަން އޭނާގެ މައްޗަށް ލާޒިމުކުރުވާ އަޅުކަމެވެ. އެ ގޮތަކީ ކޮބައިތޯއެވެ؟ އެ ގޮތް އިސްލާމް މި ލަފްޒުގެ މާނައިން ސާފުވެއެވެ.
'އިސްލާމް' މި ލަފްޒުގެ އަސާސީ މާނައަކީ އިސްތިސްލާމުވުމެވެ. ނަފްސު ދީލާލައި އަމާންދިނުމެވެ. މިކަން ހިތަށް ގެނެސްގަތުމަށްޓަކައި މިނަންގަންނަ މަންޒަރު ހިތަށް ގެންނަވާށެވެ. ދެބައެއްގެ ދެމެދުގައި ހަނގުރާމައެއް ކުރެވި، އެއްބަޔަކު ގަދަވެ، އަނެއްބަޔަކު ބަލިވާ މަންޒަރެވެ. ބަލިވާ ބަޔަކަށް ޖެހޭނީ ގަދަވާ ބަޔެއްގެ ކުރިމަތީ އިސްތިސްލާމުވުމަށެވެ. އަމާންދީ ދީލާލާށެވެ. ގަދަވާ ބަޔަކުގެ އެދޭ ގޮތަކަށް، ބަލިވާ ބަޔަކު ކަންތައް ކުރަންޖެހެއެވެ. ދީނީ އިސްތިލާހީ މާނައިގައި މި ގޮތުން އިސްތިސްލާމުވަނީ، ނުވަތަ އަމާންދީ ތިމާގެ އަމިއްލަ ނަފްސު ދީލާލަނީ މާތްކަލާނގެ ކިބަފުޅަށެވެ. ދެންމެ މިނަންގަތް ހަނގުރާމައި މަންޒަރުގެ ދީލާލުމާއި މާތްކަލާނގެ ކިބަފުޅަށް ދީލާލުމުގެ ތަފާތެއް ވެއެވެ. ހަނގުރާމައިގައި ދީލާލަނީ ހަނގުރާމައިގެ މައިދާނުގައި ބަލިވެ، އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. މާތްކަލާނގެ ކިބަފުޅަށް މުއުމިނާގެ ނަފްސު އޭނާ ދީލާލަނީ އެކަލާނގެއަށް އީމާންވުމުގެ ސަބަބުންނެވެ. އަދި އެކަމާ ރުހި ގަބޫލުވެ، ހުރެގެންނެވެ. މާތްކަލާނގެ ކިބަފުޅަށް މުއުމިނާ އިސްތިސްލާމުވަނީ އޭނާގެ ނަފްސު ހިފަހައްޓައި ކޮންޓުރޯލު ކޮށްގެންނެވެ. ހެޔޮކަންތައްތައް ކުރުމަށް ނަފްސު ހާނުވައި، ނުބައި ކަންތައް ކުރުމުން ނަފްސު ދުރުހެލިކުރުވައި، މިގޮތުގައި ނަފްސު ދަމަހައްޓަން މަސައްކަތްކޮށްގެންނެވެ. ދީނީ ބަހުރުވައިގައި، މިފަދައިން ދީލާލުމަށް ތަގުވާވެރިވުމޭ ކިޔެއެވެ. މާތްކަލާނގެއާއި މުއުމިނާގެ ނަފްސު ގުޅުވާލައި އެކަލާނގެ މަތިން ހަނދުމަކުރުން ލާޒިކުރާކަމަކީ މިއެވެ. ތަގުވާވެރިވުމަށް މަސައްކަތްކުރުމެވެ. މުއުމިނާގެ ކިބައިގައި ދީންވެރިކަން އަށަގަނެ، ސޯލިހު އަޅަކަށްވެ، ރޫހާނިއްޔަތުގެ ސިފަ ލިބި، އެކަން ކުރިއަރައި ތަރައްގީވަނީ މި ނަންގަތް ތަގުވާވެރިވުމުގެ ސިފަ އިތުރުވީ ވަރަކުންނެވެ.
މިހިސާބުން ކީރިތި ގުރުއާނުގެ އާޔަތަކާއި އެ އާޔަތުގެ މާނަ ލިޔެލަން ގަސްދުކުރަމެވެ. ދީނާއި އިސްލާމް މި ދެ ލަފްޒު، މަތީގައި ބަޔާންކުރެވިދިޔަ، މާނައިގައި ބޭނުންކުރެވިފައިވާ ގޮތުގެ މިސާލެއް ގެނެސްދިނުމަށްޓަކައެވެ. އެއީ އާލު އިމްރާނު ސޫރަތުގެ 19 ވަނަ އާޔަތެވެ. إن الدين عند الله الإسلام މި އާޔަތެވެ. މާނައަކީ ހަމަކަށަވަރުން (މާތްކަލާނގެ ކިބަފުޅަށް) ބޯލަނބައި ކިޔަމަންގަނެވެނީ، އަމާންދީ (ނަފްސު) ދީލާލައިގެންނެވެ. (އާލު އިމްރާނު ސޫރަތުގެ 85 ވަނަ އާޔަތުގައިވެސް ހަމަ މިމާނަ އެކުލެވިގެންވެއެވެ.)
މައުޟޫއާގެން ކުރިއަށް ދިޔުމުގެ ކުރިން، މިތަނުގައި، މުހިއްމު ނުކުތާއެއް ފާހަގަކޮށްލަން ބޭނުމެވެ. ކީރިތި ގުރުއާނުގައި އައިސްފައިވާ 'އިސްލާމް' މި ލަފްޒާއި އަދި މިލަފްޒުން ނެގިފައިވާ 'އަސްލަމަ'އާއި 'މުސްލިމު' ފަދަ ލަފްޒުތައް ބޭނުންކުރެވިފައިވާ ގޮތުގެ މައްޗަށް އެއްޗެއް ބުނެއެވެ. އާންމު ގޮތެއްގައި، މިހާރު، 'އިސްލާމް' ނުވަތަ 'މުސްލިމު' މިހެން ބުނުމުން ވިސްނެނީ އެ ލަފްޒު އިޝާރާތްކުރަނީ ވަކި ދީނަކަށާއި އެ ދީނަށް ތަބާވާ މީހުންނަށްކަމަށެވެ. ސަލާމާއި ސަލަވާތްލެއްވި މުހައްމަދުގެފާނު ގެންނެވި ދީނަށާއި އެދީނަށް ތަބާވާ މީހުންނަށްކަމަށެވެ. އާދެ، 'އިސްލާމް' މިލަފްޒާއި އަދި 'މުސްލިމު' ފަދަ ލަފްޒުތައް މިހާރު ބޭނުންކުރެވެނީ، މިނަންގަތް 'މުއައްސަސީ' މާނައިގައެވެ. ވަކި އަގީދާއަކާއި – ގަބޫލުކުރާކުރުންތަކަކާއި – ގާނޫނުތަކެއް އެކުލެވޭ ވަކި ދީނަކާއި އެދީނަށް ތަބާވާ މީހުންގެ މާނައިގައެވެ. މިހާރު، މިގޮތަށް މި ލަފްޒުތައް ބޭނުންކުރެވުނު ކަމުގައި ވިޔަސް، ކީރިތި ގުރުއާނުގައި 'އިސްލާމް' މި ލަފްޒާއި އަދި މި ލަފުޒުން ނެގިފައިވާ 'މުސްލިމް' ފަދަ ލަފްޒުތައް ބޭނުންކުރެވިފައިވަނި މި ނަންގަތް ފަދަ މުއައްސަސީ މާނައެއްގައެއް ނޫނެވެ. މި ލަފްޒުތައް ބޭނުންކުރެވިފައިވަނީ އަރަބި ބަހުގައި އެލަފްޒުތަކުގައި އެކުލެވޭ ލަފްޒީ މާނައިގައެވެ. އާދެ، އިސްތިސްލާމުވެ، އަމާންދީ ދީލާލުމުގެ މާނައިގައެވެ. ނަފްސު ހިފަހައްޓައި ކޮންޓުރޯލުކޮށް ނަފްސު އިސްލާހުކޮށް ރަނގަޅުކުރުމުގެ މާނައިގައެވެ.
އިހުގެ ބައެއް ތަފްސީރު ފޮތްތަކުންނާއި އަދި މިހާރުގެ ބައެއް ތަފްސީރު ފޮތްތަކުން ވެސް، މިކަން ސާފުވެއެވެ. މިސާލަކަށް، އަޅުނގަނޑުމެންގެ އަތުގައި އޮތް އެންމެ އިހުގެ ތަފްސީރުކަމުގައިވާ ތަބަރީގެ (އަވަހާރަވީ ހިޖުރައިން 310 ވަނަ އަހަރު) ޖާމިއުއޭ ކިޔުނު ތަފްސީރަށް ބައްލަވާލައްވާށެވެ. މަތީގައި ނަންގަނެވުނު އާލު އިމްރާނުގެ 19 ވަނަ އާޔަތުގައި ވާރިދުވެފައިވާ 'އިސްލާމް' މި ލަފްޒު ތަބަރީ މާނަކުރައްވަނީ ދެންމެ މިނަންގަތް އެ ލަފްޒުގެ ލަފްޒީ މާނައިގައެވެ. އާދެ، އިސްތިސްލާމުވުމުގެ މާނައިގައެވެ. މުއައްސަސީ މާނައެއްގައެއް ނޫނެވެ. ވަކި ދީނަކަށް ތަބާވާ މާނައެއްގައެއް ނޫނެވެ. (ތަބަރީގެ އަލްޖާމިއުގެ 212/.3)
މިޒަމާނުގައި މިކަން އެންމެ ސަރީހަ ގޮތެއްގައި ބަޔާންކުރައްވާ އެއް ބޭކަލަކީ މިޒަމާނުގެ މުއުތަބަރު ތަފްސީރެއް ލިޔުއްވުމުގެ މަސައްކަތްކުރެއްވި ޝައިޚު މުހައްމަދު އަބްދުހޫއެވެ. (މީލާދީން 1905 އަހަރު އޭނާ އަވަހާރަވި އިރު، 'ތަފްސީރުލްމަނާރި'ގެ ނަމުން މަޝްހޫރުވެފައިވާ، އޭނާގެ ތަފްސީރު ފޮތުން ލިޔެވިފައިވަނީ ޔޫސުފު ސޫރަތުގެ ނިޔަލަށެވެ. އެހިސާބަށް ލިޔެވުނު ތަފްސީރު ފޮތުގައި 13 ޖިލްދު އެކުލެވިގެން ވެއެވެ.) މަތީގައި ނަންގަނެވުނު އާލު އިމްރާނުގެ 19 ވަނަ އާޔަތާއި (އަދި ހަމަ އެސޫރަތުގެ 85 ވަނަ އާޔަތުގައި) ވާރިދުވެފައިވާ 'އިސްލާމް'، މި ލަފްޒު، ޝައިޚު މުހައްމަދު އަބްދުހޫ ވެސް މާނަކުރައްވަނީ އޭގެ ލަފްޒީ މާނަކަމުގައިވާ 'މާތްކަލާނގެއަށް އިސްތިސްލާމުވެ، ނަފްސު ކޮންޓުރޯލުކޮށް ހިފެހެއްޓުމު'ގެ މާނައިގައެވެ. މުއައްސަސީ މާނާއެއްގައި، އާދެ، ވަކި ބަޔަކަށް އިޝާރަތްކޮށް، އެބައެއްގެ ޖިންސިއްޔަތު ކަނޑައަޅައި އަންގައިދޭ ލަފްޒެއްގެ ގޮތުގައި، މިނަންގަތް ދެ އާޔަތުގައި، މި ލަފްޒު ބޭނުންކުރެވިފައި ނުވާކަން އޭނާ ފާހަގަކުރައްވައެވެ. (އަލްމަނާރުގެ 258-257/3 އަދި 361-356/3 ބައްލަވާ.)
ކީރިތި ގުރުއާނުގައި 'އިސްލާމް' އާއި މި ލަފްޒުން ނެގިފައިވާ 'މުސްލިމު' ފަދަ އެހެން ލަފްޒުތައް ވެސް ބޭނުންކުރެވިފައިވަނީ މި ލަފްޒުތަކުގެ ލަފްޒީ މާނައިގައިކަން ދޭހަވާ އަނެއް ހެއްކަކީ އިހުގެ ނަބީ ބޭކަލުންނާއި އެބޭކަލުންނަށް ތަބާވީ މީހުންނަކީ ވެސް 'އިސްލާމް [ދީން]' ގަބޫލުކުރެއްވި މުސްލިމުންކަމުގައި ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައި އޮތުމެވެ. އެބޭބޭކަލުންގެ މައްޗަށް ސަލާމްލެއްވުނު އިބުރާޙީމުގެފާނާއި ޔައުގޫބުގެފާނާއި މޫސާގެފާނާއި އީސާގެފާނާއި އަދި މިނޫންވެސް ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންނާއި އަދި މި ބޭބޭކަލުންނަށް ތަބާވި މީހުންނަކީ ވެސް 'އިސްލާމް[ދީން]' ގަބޫލުކުރެއްވި 'މުސްލިމުން' ކަމުގައި ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވެއެވެ. (ކީރތި ގުރުއާނުގެ 2:131، 2:132، 3:52، 3:67، 5:54، 7:126، 10:84، 27:44 28:35، މި އާޔަތްތައް ބައްލަވާ.) މީގެ މާނައަކީ މި ބޭބޭކަލުންނަކީ މާތްކަލާނގެ ކިބަފުޅަށް، އެބޭކަލުންގެ ނަފްސުދީލާލައްވައި، ހެޔޮކަންތައްކުރައްވައި، ނުބައިކަންތައްތަކުން ދުރުހެލިވެވަޑައިގެން އުޅުއްވައި، އެގޮތުގައި މާތްކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރެއްވުމުގައި ދެމިތިއްބެވި ބޭކަލުންނަށް، އެބޭބޭކަލުން ވެވަޑައިގަތުމެވެ. އެ ބޭކަލުންނީ ސަލާމާއި ސަލަވާތް ލެއްވި މުހައްމަދުގެފާނަށް ތަބާވެވަޑައިގަތް ބޭކަލުންގެ މާނައެއްގައެއް ނޫނެވެ.
ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ ލަފްޒުތައް މާނަކުރުމުގައި އެ ލަފްޒުތައް، ކީރިތި ގުރުއާނުގައި ބޭނުންކުރެވިފައިވާ ގޮތަށް، މާނަކުރަން ޖެހެއެވެ. އިސްލާމީ އިލްމީ ތާރީޚުގައި އުފެދުނު ތަފާތު އިލްމީ އޮއިވަރުތަކުގެ ސަބަބުން – އަގީދާގެ މަޒުހަބުތަކާއި ފިގުހީ މަޒުހަބުތަކާއި މިލަލީ ބަހުސްތަކުގެ (ތަފާތު ފިރުގާތަކާއި އަދި ދީންތަކާ ކުރެވުނު ބަހުސުތަކާ ގުޅޭ) އިލްމީ އޮއިވަރުތަކުގެ ސަބަބުން - ބައެއް ލަފްޒުތަކުގެ މާނަ ފަހުން ބަދަލުވެ، އެ ލަފްޒުތަކަށް ލިބުނު އާ މާނައިގެ އަލީގައި ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ ލަފްޒުތައް މާނަކުރުމަކީ ކީރިތި ގުރުއާނުގެ މާނަ ފަހުމުކޮށް ދެނެގަތުމަށް ހުރަސްއެޅޭނޭ ކަމެކެވެ. މިޒަމާނުގައި ކީރިތި ގުރުއާން އިނގިރޭސި ބަހަށް ތަރުޖަމާކުރައްވައި ތަފްސީރުކުރެއްވި ބޭކަލެއްކަމުގައިވާ މުހައްމަދު އަސަދު، (އަވަހާރަވީ މީލާދީން 1992ވަނަ އަހަރު) އޭނާގެ ދަ މެސެޖްގެ މުގައްދިމާގައި މި މުހިއްމު ނުކުތާ ފާހަގަކުރައްވައިފައިވެއެވެ. އޭނާ ބަޔާންކުރައްވާ ގޮތުގައި 'އިސްލާމް' މި ލަފްޒާ އަދި މިލަފްޒުން ނެގިފައިވާ 'އަސްލަމަ' އާއި އަދި 'މުސްލިމު' ފަދަ ލަފްޒުތައް ކީރިތި ގުރުއާނުގައި ވާރިދުވެފައިވަނީ އޭގެ ލަފްޒީ މާނައިގައެވެ. އަދި ކީރިތި ގުރުއާން ފަހުމްކޮށް ދެނެގަތުމުގައި މިކަމަށް ސަމާލުވެ، މިފަދަ ލަފްޒުތައް ވާރިދުވެފައިވާ އަސްލުމާނައިގައި އެލަފްޒުތައް މާނަކޮށް އެ ގޮތުގައި ކީރިތި ގުރުއާން ފަހުމްކުރުމަށް އޭނާ ބާރުއަޅުއްވައެވެ. ('ދަ މެސެޖު'ގެ ސަފުހާ ނަމްބަރު iv ބައްލަވާ.)
މަތީގައި ނަންގަނެވުނު އާލު އިމްރާނުގެ އާޔަތަށް ނަޒަރު ހިންގާލުމުން، ދީނުގެ މަފްހޫމުގައި ހިމެނޭ އަސާސީ މާނަ ސާފުވެގެންދެއެވެ. އެއީ މާތްކަލާނގެއަށް އީމާންވެ، އެކަލާނގެއަށް ބޯލަނބައި ކިޔަމަންގަތުމެވެ. މި ކިޔަމަންގަތުން ފެނިގެންދަނީ ހެޔޮކަންތައްތައްކޮށް ނުބައިކަންތައްކުރުމުން ދުރުހެލިވެ ހުންނަ ހުރުމުންނެވެ. އިސްލާމް ދީނުގެ 'ދީނީ މާނަ'އަކީ މިއެވެ. އާދެ، ދީނުގެ ޖައުހަރު، އެސެންސް، ގުޅެނީ މިމާނައާއެވެ. މުއުމިނާގެ، އާދެ، މާތްކަލާނގެއަށް އީމާންވެ، ދީން ގަބޫލުކުރާ މީހާގެ، ނަފްސު އިސްލާހުކުރުމާއެވެ.
އިސްލާމް ދީނުގެ ދީނީ މާނަ ގުޅެނީ ހެޔޮކަންތައް ކުރުމާއި ނުބައި ކަންތައްކުރުމުން ދުރުހެލިވެ، މުއުމިނާގެ ނަފްސު އިސްލާހުކުރުމާ ކަމަށްވާއިރު، ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ކަނޑައަޅާލެވެން ޖެހެއެވެ. އެހެނީ، ހެވާއި ނުބަޔާއި، ރަނގަޅާއި ނުރަނގަޅަކީ ކޮބައިކަން ސާފުކޮށް އެނގިގެން މެނުވީ ނަފްސު އިސްލާހުކޮށް، ހެޔޮގޮތުގައި، މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިކަން އަދާ ނުކުރެވޭނެތީއެވެ. ކުރީ ހަފްތާގެ ހޯމައިގެ ވާހަކައިގައި، ބަޔާންކުރެވުނު ފަދައިން، އަލްފާތިހާ ސޫރަތް މެދުވެރިކޮށް މާތްކަލާނގެ ކިބަފުޅަށް ދުއާކޮށް، އެކަލާނގެ ހަޒުރަތުގައި މުއުމިނާ އެދެނީ ހެޔޮ ނުބައި ވަކިކުރުމުގެ ތެދުމަގު ދެއްކެވުމަށެވެ. މިމަގު ކަނޑައަޅައި ބަޔާންކޮށް، މުއުމިނުންނަށް ދެއްކިފައިވަނީ ކީރިތި ގުރުއާނުގައެވެ. އެ ފޮތުގެ ސޫރަތްތަކުގައި ބަޔާންކުރެވިފައިވާ ޝަރީއަތުގައެވެ. މިޝަރީއަތުގެ ތަފްސީލުކުރެވިފައިވަނީ ފިގުހު އިލްމުގައެވެ. އެހެންވެ، މިހިސާބުން ދެން ބަލާލަން ޖެހެނީ އިސްލާމް ދީނުގައި ދީނުގެ މަފްހޫމާ ގުޅޭ އަނެއް ދެ ލަފްޒުކަމުގައިވާ 'ޝަރީއަތާއި' 'ފިގުހުގެ' މާނައިގެ މައްޗަށެވެ.
ޝަރީއަތުގެ ލަފްޒީ މާނައަކީ މަގެވެ. ފެންއޮތް ދިމާއަކަށް ދާން އޮންނަ މަގެވެ. މިމާނަ ހިތަށް ގެނައުމަށްޓަކައި ރާއްޖޭގެ ރަށެއްގެ ވަލުތެރެ ހިތަށް ގެންނަވާށެވެ. އަދި ވަލުތެރޭގައި ހިނގުމަށްޓަކައި ހެދިފައިވާ މަގެއްގެ ސޫރަ ލޮލު ކުރިމައްޗަށް ގެންނަވާށެވެ. މިފަދަ މަގެއް ނިމެނީ ކުޅިއަކަށްކަން ނުވަތަ ޚިޔާލީ ކޯރެއްގެ އައްސޭރިފަށަށްކަން ޚިޔާލަށް ގެންނަވާށެވެ. އެފަދަ މަގަށް ކިޔެނީ 'ޝަރީއަތެ'ވެ. އެފަދަ ފެންގަނޑެއް ކައިރިއަށް ދިއުމަށް މަގެއް ކޮށައި ކަނޑާ ނަމަ، ބުނެވޭނީ 'ޝަރުއު'ކުރާކަމަށެވެ. އެފަދަ މަގެއް 'ކަނޑައި ކޮށާ'ކަމަށެވެ. ދީނީ އިސްތިލާހީ މާނައިގައި 'ޝަރީއަތް' މި ލަފްޒު އިޝާރަތްކުރަނީ 'އިލާހީ ހިދާޔަތުގެ މަގަށެ'ވެ. ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ކަނޑައަޅުއްވައި ބަޔާންކުރައްވައި، މީސްތަކުން އުޅުމަށްޓަކައި، މާތްކަލާނގެ ދައްކަވާފައިވާ އިލާހީ 'ތެދުމަގަ'ށެވެ. އާދެ، ޝަރީއަތުގެ ލަފްޒީ މާނަ، އިންސާނާގެ ޖިސްމާނީ ދިރުން ލިބިދޭ މާއްދާ ކަމުގައިވާ ފެނަށް ވާސިލުކޮށްދޭ މަގު ފަދައިން، އިސްތިލާހީ މާނައިގައި ޝަރީއަތް ދައްކަވުއިދެނީ އިންސާނާގެ ރޫހާނީ ހަޔާތުގެ ދިރުމާއި އަދި ދުނިޔަވީ ހަޔާތުގެ ދިރުން އޭގައި އެކުލެވޭ އިލާހީ މަގަށެވެ.
ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ޝަރީއަތް، އިލާހީ ތެދުމަގު، ގުޅެނީ އެފޮތުގައި ވާރިދުވެފައިވާ ހުކުމްތަކާއެވެ. ކީރިތި ގުރުއާނުގައި ހިމެނޭ ހަހާސް ދުއިސައްތަ ތިރީސް ހަ އާޔަތަކުގެ ތެރެއިން ގާތްގަނޑަކަށް އަށްސަތޭކަ އާޔަތުގައި މިހުކުމްތައް ވާރިދުވެފައިވެއެވެ. މި އާޔަތްތަކަށް 'ހުކުމުގެ އާޔަތްތަކޭ' ކިޔެއެވެ. އާދެ، 'ޝަރީއަތް' މި ލަފްޒު އިޝާރަތްކުރަނީ ޖުމްލަ ގޮތެއްގައި މި ދެންނެވި ހުކުމްގެ އާޔަތްތަކަށެވެ. ޝަރީއަތުގެ މާނަ ބަޔާންކޮށް، މި ލަފްޒު އިޝާރަތްކުރާ ހުކުމްގެ އާޔަތްތައް ސިފަކޮށް، ތައާރަފުކޮށްދޭ އެންމެ އިހުގެ ތައާރުފުކަމުގައި ބެލެވޭ ގަތާދާގެ (މިތާބިއީ ކަލޭގެފާނު އަވަހާރަވީ ހިޖުރައިން 110ވަނަ އަހަރު) ތައާރުފުގައި މިފަދައިން ބަޔާންކުރެވިފައި ވެއެވެ. ޝަރީއަތުގެ މާނައަކީ "الفرائض والحدود والأمر والنهي". ޝަރީއަތަކީ "ފަރުޟުތަކާއި އިންތަކެވެ. އަމުރުފުޅުތަކާއި ނަހީކުރެއްވުންތަކެވެ." އާދެ، ކުރުން ފަރުޟުކުރެވިފައިވާ ކަންތައްތަކާއި، އެ އިންތައް ފަހަނައަޅައި ނުދިޔުމަށް ކަނޑައެޅިފައިވާ އިންތަކެވެ. ކުރުން ފަރުޟުކުރެވިފައިވާ ކަންތައްތަކަކީ އެކަންކަން ކުރުމަށް މާތްކަލާނގެ އަމުރުފުޅު ކުރައްވާފައިވާ ކަންތައްތަކެވެ. އޭގެ އިން ފަހަނައަޅައި ނުދިޔުމަށް ކަނޑައެޅިފައިވާ ކަންތައްތަކަކީ މާތްކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތަކެވެ. (ތަބަރީގެ ޖާމިއުގެ 147/25.)
ފަރުޟުކުރެވިފައިވާ ކަންތައްތަކާއި ނަހީކުރެވިފައިވާ ކަންތައްތަކަށް އިޝާރަތްކޮށް، ހިޖުރައިން ފުރަތަމަ ދެ ގަރުނުގައި، 'ޝަރާއިއުއޭ' ކިޔުނެވެ. މި ޝަރާއިއުތައް ކީރިތި ގުރުއާނުގައި ވާރިދުވެފައިވަނީ ޖުމްލަ ގޮތެއްގައެވެ. އޭގެ ތަފްސީލުތައް ނުހިމަނައެވެ. މި ޝަރާއިއުތަކުގެ ތަފްސީލު، އެންމެ ފުރަތަމައިން، ބަޔާންކޮށްދެއްވީ ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުންނާއި އަމަލުފުޅުތަކުންނެވެ. އާދެ، އެކަލޭގެފާނުގެ ސުންނަތުންނެވެ. މިކަންކަން ފޮތްފޮތުގައި ލިޔެވި ތަދުވީނުކުރެވުމުން އެއަށް އެކަލޭގެފާނުގެ ހަދީސްފުޅުތަކޭ ކިޔުނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު، އިޖުތިހާދާއި ގިޔާސުގެ އަލީގައި ޝަރީއަތް އިތުރަށް ތަފްސީލު ކުރެވިގެން ދިޔައެވެ. މުސްލިމު ފިގުހުވެރި އިމާމުވެރި އިލްމުވެރިންނާއި އެބޭބޭކަލުންގެ ދަރިވަރުންގެ އިޖުތިހާދުގެ އަލީގައެވެ. ދެން، ޝަރީއަތުގެ ދާއިރާ ފުޅާވެ، އިޖުމާއު މެދުވެރިކޮށް މި ފުޅާކުރިކުރުމަށް ޝަރުއީ ސިފަ ލިބި، 'ތަސްދީގުކުރެވިގެން' ދިޔައެވެ. ދެން، ކީރިތި ގުރުއާނާއި ސުންނަތް ފަދަ ޝަރީއަތުގެ މަސްދަރުތަކާއި އަދި މި މަސްދަރުތައް މާނަކޮށްދޭ އިޖުތިހާދާއި ގިޔާސް ފަދަ ޒިހުނީ ވަސީލަތްތަކާއި މި މާނަކުރުން ނެރެދޭ ނަތީޖާއަށް ޝަރުއީ ސިފަ ގެނެސްދޭ އިޖުމާއު ފަދަ ޖަމާއީ ވަސީލަތްތައް ބޭނުންކޮށްގެން، ހިޖުރައިން ދެވަނަ ގަރުނު ނިމޭ ހިސާބަށް އާދެވުނުއިރު، ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ ހުކުމްތަކުގެ ތަފްސީލު ބަޔާންކޮށް، ފޮތް ފޮތުގައި ލިޔެވި، ތަދުވީނުކުރެވެން ފެށުނެވެ. މި ތަދުވީނުކުރެވުމުން އިސްލާމީ ފިގުހުގެ އިލްމު އުފެދި ފުރިހަމަވިއެވެ.
ފިގުހުގެ އިލްމު މައިގަނޑު ގޮތެއްގައި ދެތިން ބަޔަކަށް ބަހާލެވެއެވެ. އިބާދާތު ނުވަތަ އަޅުކަމުގެ ބަޔާއި މުއާމަލާތުގެ ބަޔެވެ. ކައިވެންޏާ ވަރީގެ ބަޔާއި އަދި އުގޫބާތްތަކުގެ ބަޔެވެ. މިފަދައިން ޝަރީއަތުގެ ހުކުމްތައް ތަފްސީލު ގޮތެއްގައި ބަޔާންކުރެވުމުން، ކީރިތި ގުރުއާނުގައި އައިސްފައިވާ ޝަރީއަތް، އަމަލީ ސިފައެއްގައި ހިންގާލެވޭނޭ ގޮތް ހަމަޖެހިގެން ދިޔައެވެ. ފިގުހު އިލްމު އުފެދި ފުރިހަމަވުމުން، ޖުމްލަ ގޮތެއްގައި، މި އިލްމަށް ޝަރީއަތުގެ އިލްމޭ ކިޔުނެވެ. އަދި ޝަރީއަތާއި ފިގުހު އެއް މާނައެއްގައި ބޭނުންކުރަން ފެށި، އިސްލާމީ ޝަރީއަތުގެ ހުކުމަތައް ދެނެގަތުމުގައި ރުޖޫއަވާން ޖެހޭ މަސްދަރަކީ ފިގުހުކަމުގައި ވެގެންދިޔައެވެ. ހެވާ ނުބައި، ރަނގަޅާ ނުރަނގަޅު ދެނެގަތުމުގެ މަރުޖިއުއަކީ ފިގުހުކަމުގައި ވެގެންދިޔައެވެ.
ދީނުގެ މަފްހޫމު ސާފުކޮށްދިނުމުގެ ގޮތުން މަތީގައި ބަޔާންކުރެވި ދިޔަ ވާހަކަތަކުގެ ޚުލާސާއެއް ލިޔެ، މިއަދުގެ ވާހަކަ ކޮޅު ނިންމާލާނަމެވެ. އިސްލާމް ދީނުގައި ދީނުގެ މަފްހޫމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މުހިއްމު ހަތަރު ލަފްޒެއްގެ މާނަ ދެނެގަންނަންޖެހެއެވެ. އެންމެ ފުރަތަމަ ދީނުގެ މާނައެވެ. އެއީ މާތްކަލާނގެ ކިބަފުޅަށް ބޯލަނބައި ކިޔަމަންގަތުމެވެ. ދެވަނައަށް އިސްލާމް މި ލަފްޒުގެ މާނައެވެ. އެއީ މާތްކަލާނގެ ކިބަފުޅަށް އިސްތިސްލާމުވުމެވެ. އެކަލާނގެ ކިބަފުޅަށް ތިމާގެ ނަފްސު ދީލާލުމެވެ. މިކަން ކުރެވެނީ، ރަނގަޅު ކަންތައްތައް ކޮށް، ނުރަނގަޅު ކަންތައްތައް ކުރުމުން ތިމާގެ ނަފްސު ދުރުހެލިކޮށް، މިގޮތުގެ މަތީ ތިމާގެ ނަފްސު ދެމެހެއްޓިގެންނެވެ. ކުރިން ވެސް ބަޔާންކުރެވުނު ފަދައިން، މިއީ، އާދެ، މާތްކަލާނގެއަށް އީމާންވެ، ނަފްސު އިސްލާހުކުރުމަކީ، އިސްލާމް ދީނުގެ ދީނީ މާނައެވެ. ދެންމެ މި ނަންގަތް ގޮތުގައި ތިމާގެ ނަފްސު ހެޔޮ ގޮތުގައި ދެމެހެއްޓުމަށްޓަކައި 'ރަނގަޅަ'ކީ ކޮބައިކަމާއި 'ނުރަނގަޅަ'ކީ ކޮބައިކަން އެނގެންޖެހެއެވެ. މުސްލިމުންނަށް، މިކަން ބަޔާން ކުރެވިފައި އޮތީ ކީރިތި ގުރުއާނުގައި ގެނެސްދެވިފައިވާ ޝަރީއަތުގައެވެ. އިލާހީ ތެދުމަގުގައެވެ. މި ޝަރީއަތް އިޝާރަތްކުރަނީ ކީރިތި ގުރުއާނުގެ ހުކުމްތަކާ ބެހޭ އާޔަތްތަކުގައި ފަރުޟުކުރެވިފައިވާ ކަންތައްތަކަށާއި ނަހީކުރެވިފައިވާ ކަންތައްތަކަށެވެ. މިކަމުގެ ތަފްސީލު ބަޔާންކުރެވިފައިވަނީ ފިގުހު އިލްމުގައެވެ. މި މައްސަލައާ ގުޅޭ އިތުރު ވާހަކަތައް ހޯމަ ދުވަހުގެ އެހެން ވާހަކައެއްގައި ގެނެވޭނެ ވާހަކަ ބުނެލަމުން، މިއަދުގެ ވާހަކަކޮޅު ނިންމާލަމެވެ.