
އައްޑޫ ސިޓީ ގަމާއި ފުވައްމުލަކު ސިޓީއަށް މޯލްޑިވިއަން އިން ކުރަމުން ގެންދާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވިއަން އިން ވިދާޅުވެއްޖެއެވެ.
މެނޭޖަރ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މޫސާ ވަސީމް ވިދާޅުވީ އެގޮތަށް ނިންމެވީ ކަރަންޓީން ފެސިލިޓީތަކުގައި އުޅެފައި ދޫކޮށްލާ މީހުން އިތުރުވަމުންދާތި އެ މީހުން އެނބުރި ރަށަށް ދިޔުމަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.
މޫސަ ވިދާޅުވީ ދަތުރުތައް އިތުރުކުރާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. އެހެންނަމަވެސް އިތުރުކުރާނީ ކިހާވަރަކަށް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. މިދުވަސްވަރަކީ ކޮވިޑްގެ ސަބަބުން މޯލްޑިވިއަންގެ ދަތުރުތައް ވަރަށް ބޮޑުތަނުން މަދު ކޮށްފައިވާ ދުވަސްވަރެކެވެ.
މޫސަ މިރޭ ވިދާޅުވީ މޯލްޑިވިއަންއިން މިހާރު ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހީން ގެނައުމަށް މިހާރު މޯލްޑިވިއަންއިން ކުރަމުންދާ ދަތުރުތަކަށް ބަދަލުވެސް ގެނެސްފައެވެ. މޫސަ ވިދާޅުވީ ކޮލަމްބޯގެ ޓީކެޓެއް މިހާރު ވިއްކަނީ 220 ޑޮލަރަށް ކަމަށެވެ. ކޮޗިން އަށް 149 ޑޮލަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓްރިވެންޑްރަމަށް ޓިކެޓް ވިއްކާނީ 199 ޑޮލަރަށެވެ. އަދި މެލޭޝިއާގެ ޓިކެޓް ވިއްކާނީ 330 ޑޮލަރަށް ކަމަށް މޫސަ ވިދާޅުވިއެވެ.