135 ވެންޓިލޭޓަރ ގެނައުމުގެ މަސައްކަތްދަނީ ކުރެވެމުން – މަބްރޫކް

135 ވެންޓިލޭޓަރ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮވިޑް 19 އާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަރޖެންސީ އޯޕްރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބަރޫކް ވިދާޅުވީ ވެންޓިލޭޓަރ ތައް ހޯދުމުގެ މަސައްކަތްކުރިއަށް ގެންދަވައިފައި ވަނީ ހަމާކަން ބޮޑު ގޮތެއްގައި އާއްމުކޮށް ހުޅުވާލައިގެން ކަމަށެވެ. ފުރަތަމަ ހުޅުވާލި ބިޑަށް 16 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށް ޕްރަޕޯސަލް ހުށަހެޅީ ހަތަރު ފަރާތަކުން ކަމަށް ވިދާޅުވިއެވެ. އެގޮތުން އެއްފަރާތަކަށް 50 ވެންޓީލޭޓަރ އަނެއްފަރާތަށް 20 ވެންޓި ލޭޓަރ ގެންނަށް އެގްރިމެންޓް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން 65 ވެންޓިލޭޓަރަކާއި 10 ޓްރާންސްޕޯރޓް ވެންޓިލާޓަރެއް ގެނައުމުގެ މަސައްކަތް  ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

ވެންޓިލޭޓަރ ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުޙުމަތު ކޮށްފައެވެ.

ކޮވިޑް 19 އާ ގުޅިގެން ހޯދާ ވެންޓިލޭޓަރާ ގުޅޭގޮތުން ހެލްތް މިނިސްޓަރ ޢަބަދުﷲ އަމީނަށް 10 ސުވާލެއް ކުރުމަށް ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރ އަޙްމަދު ޙައިތަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވެސް ވަނީ ސިޓީ އެއް ފޮނުއްވައިފިއެވެ.

ދިހަ ސުވާލުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެއަށް ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭތޯ؟ އާއި ވެންޓިލޭޓަރުތައް ގެނައުމަށް ކުރިއަށްގެންދެވާ ޕްރޮސެސްއަކީ ކޮބައިތޯ؟ އާއި މިހާރު އެކަން ވަކި ގޮތަކަށް ނިންމާފައިވާނަމަ އެކަން ކުރިއަށްގެންދެވީ ކޮން ޕްރޮސެސްއެއްގެ ދަށުންތޯ؟ އާއި ކުރިއަށް ގެންދެވީ ބިޑްކުރެވިގެންތޯ؟ އާއި ބިޑްކުރެވިގެން ކުރިއަށްގެންދެވިފައިވާނަމަ އެ ބިޑަށް ކިތައް ފަރާތް ކުރިމަތިލެއްވިތޯ؟ އާއި ބިޑްކުރެވިގެން ކުރިއަށްގެންދެވިފައިވާނަމަ އެ ބިޑް ކާމިޔާބުކުރެއްވީ ކޮން ފަރާތަކުންތޯ؟ އާއި ޑެލިވަރީ މުއްދަތަކީ ކޮބައިތޯ؟ އާއި ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބިފައިނުވަނީ ކީއްވެތޯ؟ އާއި ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބޭވަރު ވާނީ ކިހާތާކުތޯ؟ އާއި މިކަމާ ގުޅޭ އެންމެ ފަހުގެ ޚަބަރަކީ ކޮބައިތޯ؟ އެވެ.

މި ސުވާލުތަކަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންގެ އަރިހުން ވީ އެންމެ އަވަސް މުއްދަތެއްގައި ޖަވާބު ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝިދު އަރިހުން މެމްބަރ ހައިތަމް ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑް 19 އާގުޅިގެން  ރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުރިން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ވެންޓިލޭޓަރުތަކާއެކު ރާއްޖަގައި މިވަގުތު ހުރީ 97 ވެންޓިލޭޓަރ ކަމަށް ސަރުކާރުގެ ކޮވިޑާ ބެހޭ ތަރުޖަމާނު ކުރިން ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.