ކޮވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓް ކުރެވޭ މީހުންނާއި އެބައްޔަށް ފަރުވާ ދިނުމުގައި އުޅޭ މީހުންނަށް ވެސް ތަފާތު ކުރުން ގެންގުޅޭކަން ފާހަގަ ކުރެވެމުންދާކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ޑޮކްޓަރ މުރާދު ވިދާޅުވީ ކޮވިޑް -19 އާގުޅިގެން ޓެސްޓްކުރެވޭ މީހުންނާއި ފަރުވާ ދޭން އުޅޭ މީހުންނާ މެދު ތަފާތު ކުރުން ގެންގުޅުމަކީ ދުނިޔޭގެ އެހެން ހިސާބުތަކުން ވެސް ފާހަގަކުރެވޭ ކަމެއްކަމަށެވެ. އެފަދަ މައްސަލަތައް މިހާރު ރާއްޖޭގައި ވެސް އިތުރުވަމުންދާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މަސައްކަތުގެ މާހައުލުންނާއި އާއިލާގެ ތެރެއިން ވެސް އެފަދަ މީހުން ބާކީ ކޮށްލާ އެކަހެރި ކޮށްލުމުގެ މައްސަލަތައް ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ގެއަށް ވައްދަން އުޒުރުވެރިވާ ހިސާބަށްވެސް ކަންތައް ގޮސްފައިވާކަމަށް މަޢުލޫމާތު ލިބޭ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. މިކަމަކީ މިކަމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ނެދެވޭ އަސަރު ކުރަމުންދާނެކަމެއް ކަމަށްވެސް ޑޮކްޓަރ މޫސާ މުރާދު ފާހަގަ ކުރެއްވިއެވެ.
މިހެން މިކަންދިމާވަމުންދަނީ ބައްޔަކީ އާބައްޔަކަށް ވެފައި ނުރައްކާތެރި އަދި ގޮތްނޭނގޭ ބައްޔަކަށް ވުމުން ކަމަށް ޤަބޫލުކުރެއްވޭ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ބަލީގެ ޚަބަރުތަކާއި ވާހަކަތައް އަޑުއިވި ރައްޔިތުންގެ ހިތުގައި ބައްޔާމެދު ބިރުވެރިކަން އުފެދިފައިވާކަން ޑޮކްޓަރ މުރާދު ފާހަގަ ކުރެއްވިއެވެ. ޑޮކްޓަރުން ވެސް ތިބެން ޖެހެނީ އެފަދަ ބިރުވެރިކަމެއްގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަމެސް ބައްޔަށް ފަރުވާދޭ މީހުންނާއި ޝައްކުކުރެވޭ މީހުންނާ މެދުވެސް ތަފާތު ކުރުމެއްނެތި އެމީހުންނަށް ހިތްވަރުދީ އަޅާލަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"ނަފްސާނީ ގޮތުން އެމީހުންނަށް މައްސަލަތަކެއް ދިމާވާ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓިއްޖެކަމަށް ވަންޏާ އެއީ މިބައްޔަށް ފަރުވާ ދެމުންދާއިރު ދިމާވާނެ އިތުރު މައްސަލަތަކަކަށް ވާނެ." ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.