ޤާނޫނުއަސާސީ އިޞްލާޙު ނުކޮށް މައްސަލައަށް ހައްލު ހޯދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.
ބިލް މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ޙަސަން ލަޠީފެވެ. މެމްބަރ ޙަސަން ހުށަހެޅުއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020 " ގެ ފުރަތަމަ ކިޔުން އިއްވުން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކުރައްވައިފއެވެ.
އާއްމުޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނުއަސާސީ އަށް އިސްލާޙު ގެނައުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޭތުވެދިޔަ ދެދުވަހު ކުރިއަށްގެންދެވި ބަހުސްގައި ވެސް ގިނަ މެމްބަރުންގެ ޚިޔާލު ހުރީ ޤާނޫނުއަސާސީ އިސްލާޙުނުކޮށް މައްސަލަ ޙައްލު ކުރުމަށެވެ.
މިބަހުސަގައި އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަޞަން ލަތީފް ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ހަމަވެ އިންތިޚާބު ބޭއްވުމާ ދެމެދު ކައުންސިލްތައް ދެމި އޮތުމާ މެދު ގޮތެއް ނިންމުމަކީ މަޖިލީހުން ކުރަންޖެހޭނެކަމެއް ކަމަށެވެ. ލާމަރުކަޒީ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާޙަކުން ކައުންސިލަތަކުގެ ތިން އަހަރުގެ ދައުރު ފަސް އަހަރަށް ބަދަލުކޮށްފައިވާ ކަން މެމްބަރ ޙަސަން ފާހަގަ ކުރެއްވިއެވެ. އެއަށް ޢަމަލުކުރެވޭނީ އެންމެ އަވަހަށް ބާއްވާ އިންތިޚާބަށްފަހުގައި ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަސަން ލަތީފް ވަނީ މައްސަލައަށް ޙައްލު ގެނެވިދާނެ ތިން ގޮތެއް ހާމަކުރައްވައިފައެވެ.
ފުރަތަ ގޮތެއް ކަމަށް އޭނާ ވިދާޅުވީ ޤާނޫނު އަސާސީ ން 115 މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބަޔަކު ކައުންސިލްތައް ހިންގަން ބޭތިއްބުމެވެ. ނަމެސް އެއީ އެއްގޮތަކަށް ވެސް ޤަބޫލުކުރެވޭ އުޞޫލެއް ނޫންކަމަށް ވިދާޅުވިއެވެ. އައްޔަން ކުރާބަޔަކު ލައްވައިގެން އިންތިޚާބީ މަޤާމުތަކެއް ހިންގުމަކީ ޤާނޫނު އަސާސީގެ ރޫޙާވެސް ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެއީ ކުރެއްވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރ ޙަސަން ހުށަހެޅުއްވި ދެވަނަ ގޮތަކީ ޤާނޫނުއަސާސީ ބަދަލުކޮށްގެން ޙައްލު ހޯދުމެވެ.
"އަޅުގަނޑު ފުރިހަމައަށް ޤަބޫލުކުރަން ޤާނޫނުއަސާސި ބަދަލުކުރުމަކަށް އެއްވެސް ހުރަހެއް ނެތްކަން. އެއްވެސް މާއްދާއަކަށްވެސް އަކުރަކަށްވެސް ފިއްޔަކަށްވެސް ބަދަލެއް ގެނަން ހުރަހެއް ނެތް. އެހެންނަމަވެސް ޤާނޫނުއަސާސީގެ ރޫޙަށް ބަލާއިރު އެއީ މިވަގުތަށް ކުރަން ރަނގަޅުކަމެއް ނޫން." މެމްބަރ ޙަޞަން ވިދާޅުވިއެވެ.
ތިންވަނަ ގޮތަކީ ޤާނޫނެއް އެކުލަވައިލައިގެން މިކަން ކުރުން ކަމަށް މެމްބަރ ޙަޞަން ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް އެންމެ ރަނގަޅުގޮތަކީވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ޤާނޫނެއް އެކުލަވާލާ އިރު ހިމަންނަޖެހޭނެ ކަމަށް ދެވަޑައިގަންނަވާ ކަންކަމުގެ ތެރޭގައި، ޤާނުނު އަސާސިއަށް އިސްލާހު ގެނައުމަށް މަޝްވަރާތައް ކުރިއަށް ގެންދެވެނެ ޙާލަތެއް ނެތްކަން ފަހާގަކުރެއްވުން މުހިންމުކަމަށް މެމްބަރ ޙަސަން ވިދާޅުވިއެވެ. ކައުންސިލްތަކުގެ ދައުރު ހަމަވާ ތާރީޚްކަމުގައިވާ ޖޫން ތިނަކުން ފެށިގެން އިންތިޚާބު ބޭއްވޭ ތާރީޚަކާ ހަމައަށް ހުސް ކަމެއް އަންނަ މުއްދަތުގައި، ކަންކަން އިންތިޒާމު ކުރާނެ ގޮތް ބަޔާން ކުރާ ޤާނޫނަކަށް އެޤާނޫނު ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެޤާނޫނަކީ އެކަމަށް ފަރުވާއެއް ހޯދައިދީ ނިމުމުން ބާޠިލްވާ އެއްޗަކަމަށް ޤާނުނުގައި ކަނޑައެޅިފައި އޮތުން މުހިންމުކަމަށް ވިދާޅުވިއެވެ.
ޤާނޫނުގައި ހިމެނެޖެންޖެހޭ މުހިންމު ކަންކަމުގެ ތެރެއިން އެއްކަމަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިނުވާ ޙާލަތެއް މެދުވެރިވެފައިވާ ކަމާއި، އެޙާލަތެއްގައި ކަންކުރާނެ ގޮތެއް ޤާނޫނުގައި ކަނޑައެޅުމަކީ ޤާނޫނުއަސާސީއާ ޚިލާފުވާނެ ކަމެއް ނޫންކަން ބަޔާންކުރުން ކަމަށް މެމްބަރ ޙަސަން ވިދާޅުވިއެވެ.
"ޤާނުނު އަސާސިގައި ބަޔާންކޮށްފައިނުވާކަމެއް ޤާނޫނެއްގައި ބަޔާންކުރުމަކީ ޤާނޫނުއަސާސި ޚިލާފުވުން ނޫންކަމަށް. އެހެންނަމަވެސް އެ ޤާނޫނު އެކުލަވާލުމުގައި ފުރިހަމަ ވާން ޖެހޭ އުންސުރުތަކެއް ހުންނަންޖެހޭ. މިސާލަކަށް ޤާނޫނުއަސާސީގެ ރޫޙު ހިފަހަށްއޓަން ޖެހޭނެކަމަށް، އިންތިޚާބު ވެފައިވާ މީހުން ތިބެން ޖެހޭނެކަމަށް، ޤާނުނު އައްޔަން ކުރާ ބަޔަކު ތިބޭ ގޮތަށް އެކުލަވައިލައިގެން ނުވާނެކަން. ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގާ އުޞޫލުން ހިންގުން،" މެމްބަރ ޙަސަން ލަތީފް ވިދާޅުވިއެވެ.
އެފަދަ ޤާނޫނެއް ހުށަހަޅާ އިރު އާއްމު ޙާލަތުގައި ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑަ ނޭޅުން މުހިންމު ކަމަށް ވެސް މެމްބަރ ޙަސަން ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެޤާނޫވާޖެހޭނީ "ސަންސޓް" ނުވަތަ ޢަމަލުކޮށް ނިމުމުން އުވޭނެ ޤާނޫނަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ ކުރިން ދިމާވެގެން އުޅޭ މައްސަލައަށް މަޖިލީހުން ފަރުވާއެއް ހޯދައި ނުދެވިއްޖެނަމަ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަސަން ލަޠީފް ފާހަގަކުރެއްވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލުގެ ފުރަތަމަ ކިޔުން ވެސް ވަނީ މަޖިލިހުން އިއްވައިފައެވެ. އެބިލަކީ ކައުސިލް އިންތިޚާބު ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތައް ނުބޭއްވޭނެތީ އެކަމަށް ފަރުވާއެއް ހޯދުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން މަޖިލީހަށް ހުށަހަޅުއްވި ބިލެކެވެ. ޤާނޫނު ބުނާ ގޮތުން ކައުސިލްތަކުގެ ދައުރު ހަމަވުމުގެ މަސްދުވަސް ކުރިން އިންތިޚާބު ބާއްވަން ޖެހޭނެއެވެ. ކައުސިލްތަކުގެ ދައުރު ހަމަވާނީ ޖޫން ތިނަކަށެވެ.