ކޮވިޑް- 19: ލޮކްޑައުންއާ ޚިލާފުވަޑައިގަތުމުން ނިއުޒީލޭންޑުގެ މިނިސްޓަރެއްގެ މަގާމު ދަށްކޮށްފި

ނިއުޒީލޭންޑުގެ ހެލްތު މިނިސްޓަރު ޑޭވިޑް ކްލާކް

އަދިވެސް މަތަނުވެ ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް- 19) އިން ރައްކާތެރިވުމަށް ނިއުޒީލޭންޑު މިހާރު އޮތް ލޮކްޑައުންއެއްގައި އޮތްއިރު، އެ ލޮކްޑައުންއާ ޚިލާފުވެވަޑައިގަތް މިނިސްޓަރެއްގެ މަގާމު ދަށްކޮށްފިއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓަރު ޑޭވިޑް ކްލާކް ވަނީ އޭނާ ދިރިއުޅުއްވާ ހިސާބާއި 20 ކިލޯމީޓަރު ދުރަށް ކާރުކޮޅުގައި އާއިލާއަކު ވަޑައިގެން ގޮނޑުދޮށެއްގައި ހިންގަވާފައެވެ. މިއީ ޒަރޫރީ ބޭނުމަށް މެނުވީ ދަތުރުފަތުރުކުރުން މަނާކޮށް ލޮކްޑައުންކުރިކުރުމާ ޚިލާފަށް އޭނާ ކުރައްވާފައިވާ ކަމެކެވެ.

މިކަމާއި ގުޅިގެން ބޮޑުވަޒީރު ޖެސިންޑާ އާޑާން ވަނީ މިނިސްޓަރު ކްލާކް ކެބިނެޓްގައި ދަރަޖައިގެ ގޮތުން އެންމެ ދަށް އެެއް ބޭފުޅަކަށް އޭނާ ހައްދަވާފައެވެ. އަދި އޭނާ ބަލަހައްޓަވަމުން ގެންދެވި ފައިނޭންސް ޕޯޓްފޯލިޔޯ ވެސް އޭނާގެ އަތްޕުޅުން ނަންގަވާފައެވެ.

"އާދައިގެ ހާލަތެއްގައި ނަމަ، އަހަރެން މިިނިސްޓަރު މަގާމުން ވަކިކުރީމުސް. އޭނާ އެ ކުރެއްވީ ގޯސް ކަމެއް. އެކަމަށް ދެއްކޭނެ އުޒުރެއް ނެތް." ހެލްތު މިނިސްޓަރުގެ ދަރަޖަ ދަށްކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ޑޭވިޑް ކްލާކް ވަނީ އޭނާއަށް 'ހެއްދެވުނު މޮޔަ' ގަބޫލުކުރައްވާފައެވެ.

"ތާރީޚީ ގުރްބާނީތަކެއް ވާން ނިއުޒީލޭންޑުގެ ރައްޔިތުންގެ ކިބައިން އަހަރުމެން އެދެމުން ދިޔަ ވަގުތެއްގައި އަހަރެން މިވަނީ (އަހަރެންގެ) އަހަރެންނަށް ކުރި އިތުބާރު ނަގާލާފައި. އަހަރެންނަށް ކުރެވުނީ މޮޔަ ކަމެއް." ޑޭވިޑް ކްލާކް ވިދާޅުވިއެވެ. މަގާމުން އިސްތިއުފާ ދެއްވަންވެސް އޭނާ ހުށަހެޅުއްވިއެެެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން، ނިއުޒީލޭންޑުންވެސް ދަނީ ކޮވިޑް- 19 ކޮންޓުރޯލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން އެގައުމުގެ ބޮޑު ބައެއް ވަނީ ލޮކްޑައުންކޮށްފައެވެ. ނިއުޒީލޭންޑުގައި 1100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވާއިރު، މި ބަލީގައި އެ ގައުމުގެ އެކަކު ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.