ކޮރޯނާ ވަބާ (ކޯވިޑް –19) ޖެހިގެން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް އަދާކުރާނީ ކިހިނެއް؟

ޤަޠަރު ޔުނިވަރސިޓީގެ ޝަރީޢާއާއި ދިރާސާތު އިސްލާމިއްޔާ ކުއްލިއްޔާގެ ޢާލިމުންގެ ރައުޔު

ކޮރޯނާ ވަބާ ( ކޯވިޑް – 19 ) ޖެހިގެން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ( ހިނެވުމާއި ކަފުންކުރުމާއި ،ކަށުނަމާދު ކުރުމާއި ، ވަޅުލުން ) ކުރާނެ ގޮތާބެހޭގޮތުން ދިރާސާއެއް ކުރައްވައި އެކަމުގެ ޝަރްޢީ ޙުކުންތައް 29 މާރިޗު 2020ގައި މި ކުއްލިއްޔާއިން ޝާއިޢު ކުރައްވައިފިއެވެ. އަޅުގަނޑު މި ގެނެސްދެނީ ، މި ކުއްލިއްޔާގެ ޓުވިޓަރު ޞަފްޙާގައި  ފެތުރުއްވި މި  ބަޔާނުގެ ޚުލާޞާ ތަރްޖަމާއެކެވެ.

މިއީ މުސްލިމުންނާ އަލަށް ކުރިމަތިވި ނާޒިލާއަކަށް ވާތީ މިއީ ޢާލިމުން ދިރާސާކުރައްވަމުން ވަޑައިގަންނަވާ މަސްއަލައެކެވެ. މި ކަމުގައި ޤަޠަރު ޔުނިވަރސިޓީ އިސްނަގައިފައިވާކަން ފާހަގަ ކުރަމެވެ. އަލަށް ކުރިމަތިވާ މައްސަލަތަކާމެދު ޝަރްޢީ ޙުކްމެއް ހޯދުމަށް އިޖްތިހާދު ކުރަން ޖެހޭނީ އެ މައްސަލައަކާ ބެހޭގޮތުން ރަނގަޅު ޢިލްމީ ތަޞައްވުރެއްގެ އަލީގައެވެ. އެހެނީ އުޞޫލީ ޤަވާޢިދެއް ބުނާގޮތުގައި (( އެއްޗެއްގެ މައްޗަށް އިއްވޭ ޙުކުން އޮންނާނީ އޭއްޗެއްގެ ތަޞައްވުރާ އެއްގޮތަށެވެ. ))

މި ދިރާސާ ކުރެއްވި ޢިލްމުވެރިން ވިދާޅުވިއެވެ. (( އަޅުގަނޑުމެން މި ބައްޔާ ބެހޭ އިތުބާރުހުރި އިޚްޞާއީންނާ ސުވާލުކޮށް މި ބަލީގެ ނުރައްކާތެރިކަމާއި ، މި ބަލި ޖެހިފައިވާ މީހުންނާ  މުޢާމަލާތު ކުރާއިރު ގެންގުޅެން ޖެހޭ މިންގަނޑުތައް ސާފު ކުރީމެވެ. އެކަކު ގައިން އަނެކަކު ގަޔަށް މި ބަލި އަރާފާނެ ގޮތްތައް ވެސް ދިރާސާ ކުރީމެވެ. ކޮރޯނާ ވައިރަސް ( ކޯވިޑް – 19 ) ޖެހިގެން މަރުވާ މީހާގެ ހަށިގަނޑާ މުޢާމަލާތު ކުރާއިރު ރައްކައުތެރިވުމަށް ސަމާލުކަން ދޭން ޖެހޭނެކަމަށް މި ބަލީގެ އިޚްޞާއީން ވިދާޅުވެއެވެ. ޑަކްޓަރުން ވިދާޅުވާ ގޮތުގައި މި ބަލިޖެހިފައިވާ މީހާ މަރުވުމުން އޭނާއަށް ފަރުވާ ދިނުމަށް ބޭއްވިފައި އޮތް  ޚާއްޞަ ޢިނާޔަތްދޭ ކޮޓަރިން ( ICU ) އޭނާ ބޭރަށް ނެރުމުގެ ކުރިން އޭނާގެ ހަށިގަނޑު ޕުލާސްޓިކު ކޮތަޅަކަށް ލައި ރަނގަޅަށް ބަންދު ކުރަންވާނެއެވެ. އޭނާ ވަޅުލައި ނިމެންދެން އޭނާގެ ހަށިގަނޑު އެ ކޮތަޅުން ބޭރަށް ނެރެގެން ނުވާނެއެވެ. އެއީ އެ ބަލީގެ ވައިރަސް އެހެން މީހެއްގެ ނުވަތަ ބައެއްގެ ގަޔަށް އަރާފާނެތީއެވެ.

 މި ބަޔާނުގައި އައިސްފައި ވެއެވެ. (( މި ގޮތަށް ޢަމަލު ކުރަން ޖެހެނީ، މި ތަޞައްވުރަށް ބަލައިގެންނާއި  ،އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ އަލީގައްޔާއި،  ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގެންފައިވާ ޤަވާޢިދުތަކާއި،  ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ސުންނަތުގެ ނައްޞުތަކަށް ބަލައިގެންނެވެ.މާތް ﷲ Y ވަޙީ ކުރެއްވިއެވެ. (( فَٱتَّقُوا۟ ٱللَّـهَ مَا ٱسْتَطَعْتُمْ[1] - ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! )) ރަސޫލާ r ޙަދީސް ކުރެއްވިއެވެ. ((فَإِذَا أَمَرْتُكُمْ بِشَيْءٍ، فَأْتُوا مِنْهُ مَا اسْتَطَعْتُمْ [2] -  ފަހެ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކަށް އަމުރުކުރައްވައިފިނަމަ އޭގެތެރެއިން ތިޔަބައިމީހުންނަށް ކުޅަދާނަވީ ކަމެއް ތިޔަބައިމީހުން ގެނެސް ގަންނާށެވެ!))

މި ގޮތުން މި އަންނަ ގޮތަށް ޢަމަލު ކުރަން ޖެހޭނެކަމަށް އަޅުގަނޑުމެންނަށް ހާމަވެފައި ވެއެވެ.

ފުރަތަމައަށް : މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް

މި ވަބާގެ ސަބަބުން މަރުވި މީހާގެ ކަށުކަމާކެމީގެ ކަންތައްތައް ( ހިނެވުމާއި ކަފުންކުރުމާއި ވަޅުލުން) ކުރަން ޖެނޭނީ މަސްއޫލު ފަރާތްތަކަށެވެ. އެ ކަންކަން އޭނާގެ އަހްލުންނާ ޙަވާލުކޮށްގެން ނުވާނެއެވެ. އެއީ މި ބަލީ އެހެން އިތުރު ބަޔަކަށް އަރައިފާނެތީއެވެ.

ދެވަނައަށް : މައްޔިތާ ހިނެއުން

މައްޔިތާ ހިނެވުމަކީ ކިފާޔަތުގެ ފަރްޟެކެވެ. އެކަމުގެ ސަބަބުން ގެއްލުމެއް ނުލިބޭނެ ގޮތަކަށް އެ ކަން ކުރެވިދާނެނަމަ އެ ކަން ކުރަން ޖެހޭނެއެވެ. އެކަން ކުރެވެން ނެތްނަމަ ކުރާކަށް ނުޖެހޭނެއެވެ. އެހިނދު ހިނެވުމުގެ ބަދަލުގައި ކުރާނީ ތަޔައްމުމެވެ. ޕުލާސްޓިކު ކޮތަޅަށް މައްޔިތާގެ ހަށިގަނޑު ލުމުގެ ކުރިން ތަޔައްމުމު ކުރެވެން އޮތްނަމަ ތަޔައްމުމު ކުރާނީއެވެ. އެކަމުން ވެސް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތްނަމަ ތަޔައްމުމުވެސް ކުރާކަށް ނުޖެހޭނެއެވެ.

ތިންވަނައަށް : މައްޔިތާ ކަފުން ކުރުން

މައްޔިތާ ވަޅުލުމުގެ ކުރިން އޭނާ ބަންދުކޮށްފައި އޮތް ކޮތަޅުން ބޭރަށް ނެރުމަކީ ޑަކްޓަރުންނާއި ޞިއްޙީ ދާއިރާގެ ބޭފުޅުން މަނާކުރައްވާ ކަމަކަށް ވާތީ އެ ކޮތަޅު ހުޅުވުމަކީ ޝަރްޢު ވެސް ހުއްދަކުރާނެ ކަމެއް ނޫނެވެ.ވީމާ ކޮތަޅު ނުހުޅުވާ ކޮތަޅުގެ ބޭރުން މައްޔިތާ ކަފުން ކުރާނީއެވެ. ކަފުން ކުރާއިރުގައި ވެސް ޞިއްޙީ ދާއިރާގެ ބޭފުޅުން ދެއްވާ އިރްޝާދުތަކަށް  ތަބާވާން ޖެހޭނެއެވެ.

ހަތަރުވަނައަށް : ނަމާދުކުރުމާއި ވަޅުލުން

މައްޔިތާގެ މައްޗަށް ކަށްނަމާދު ކުރުމަކީ ވެސް ކިފާޔަތުގެ ފަރްޟެކެވެ. ވަޅުމުގެ ކުރިން ރައްކައުތެރިކަމާއެކު ކަށުނަމާދު ކުރެވެން އޮތްނަމަ އެ ނަމާދު ކުރަން ޖެހޭނެއެވެ. މަސްއޫލު ފަރާތްތަކުގެ އިރްޝާދާ އެއްގޮތްވާ ގޮތުގެ މަތިން މައްޔިތާގެ އަހްލުންނަށް މިނަމާދުގައި ބައިވެރިވެވިދާނެއެވެ. ކަށުނަމާދު އެންމެ މީހަކު ކުރިއަސް އެ ވާޖިބު އަދާކުރެވުނީއެވެ. ވަޅުމުގެ ކުރިން އަމާންކަމާ ރައްކައުތެރިކަމާއެކު ކަށުނަމާދު ނުކުރެވުނުނަމަ ވަޅުލުމަށް ފަހުގައިވެސް އެ ނަމާދު ކުރެވިދާނެއެވެ. މައްޔިތާގެ އަހްލުންނަށާއި ރަޙްމަތްތެރީންނަށް އޭނާގެ މައްޗަށް ގޭގައި ޣާއިބުގައި ކަށުނަމާދު ކުރެވިދާނެއެވެ.

މައްޔިތާ ވަޅުލަން ޖެހޭނީ މަސްއޫލު ފަރާތުން ދޭ އިރްޝާދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

މި ގޮތަށް ވަޅުލުމަށްފަހު އޭނާ ހިނަވައި ކަފުންކުރާށޭ ކިޔައިފައި ކޮނެ ނެގުން ޙަރާންވާނެއެވެ. އެއީ މައްޔިތާގެ ޙުރްމަތަށް އަރައިގަތުމެކެވެ. އަދި އެއީ މީސްތަކުންނަށް ގެއްލުން ލިބިދާނެ ކަމެކެވެ.

ނިންމުން

މިފަދަ ވަބާއަކުން މަރުވާ މީހާއަކީ ﷲގެ ޙަޟްރަތުގައި ޝަހީދެކެވެ. އޭނާއަށް ﷲގެ ޙަޟްރަތުގައި މަތިވެރި ދަރަޖަ ލިބިގެންވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ r  ޙަދީސް ކުރެއްވިއެވެ. ((الشُّهَداءُ خَمْسَةٌ: المَطْعُونُ، والمَبْطُونُ، والغَرِقُ، وصاحِبُ الهَدْمِ، والشَّهِيدُ في سَبيلِ اللَّهِ[3] – ޝަހީދުން ފަހެކެވެ. ޠާޢޫން ބަލީގައި[4] މަރުވާ މީހާއާއި ،ބަނޑުގެ ބައްޔެއްގައި [5] މަރުވާ މީހާއާއި، ޣަރަޤުވެގެން މަރުވާ މީހާއާއި، އެއްޗެއްގެ ދަށުވެގެން މަރުވިމީހާއާއި[6] ، ﷲގެ މަގުގައި ޝަހީދުވާ މީހާއެވެ. ))

މި ފަދަ ބައްޔެއް ޖެހިގެން އެކަމަށް ކެތްތެރިވާ މީހާއަށް ޝަހީދުންނަށް ދެއްވާ ސަވާބާއި ދަރުމަ ދެއްވާނެތެވެ. މި ބަލި ފެތުރުން މަނާކުރުމުގައި މުޖްތަމަޢާއެކު އެއްބާރުލައި މުޖްތަމަޢު ރައްކައުތެރިކުރުމަށް މަސައްކަތްކުރިކަމުގެ ސަވާބުވެސް އޭނާއަށް ދެއްވާނެތެވެ.

އަޅުގަނޑުމެން މި ފުރްޞަތުގައި، އެންމެހައި މުސްލިމުންނަށް ވަޞިއްޔަތް ކުރަނީ މި ބަލި ފެތުރުން މަނާކޮށް ކޮންޓްރޯލް ކުރުމަށް ޓަކައި ކަމާބެހޭ ދާއިރާތަކުން ދޭ އިރްޝާދުތަކަށާއި ނަސޭހަތްތަކަށް ޢަމަލުކޮށް މި ވަބާއިން އަވަހަށް ސަލާމަތްކޮށްދެއްވުމަށް އެދި މާތްﷲއަށް ގިނަގިނައިން ދުޢާކުރުމަށެވެ.

މި ރޯގާގައި މަރުވާ އެންމެހައި މުސްލިމުންނަށް މާތް ﷲ  ރަޙްމަތްލައްވައި ޝަހީދުން ކަމުގައި ލިޔުއްވައި ދެއްވުމަށް ދުޢާ ކުރަމެވެ. އާމީން!

ދިރާސާ ކުރެއްވި ބޭފުޅުން

ކުއްލިއްތުއް ޝަރީޢާ ވައް ދިރާސާތުލް އިސްލާމިއްޔާގެ ޑީން ޑރ. އިބްރާހީމު ބިން  ޢަބްދު ﷲ އަލްއަންޞާރީ
ކުއްލިއްޔާގެ އެކަޑަމިކް ކަންތައްތަކާ ބެހޭ އެސިސްޓެންޓް ޑީން ޑރ. މުޙައްމަދު އަބޫބަކްރުލް މުޞްލިޙު
ކުއްލިއްޔާގެ މަތީ ތަޢުލީމާބެހޭ ބައިގެ އެސިސްޓެންޓް ޑީން ޑރ. މުޙައްމަދުލް މަޖާލީ
ކުއްލިއްޔާގެ ފިޤްހާއި އުޞޫލުލް ފިޤްހު ޑިޕާރޓްމެންޓްގެ ރައީސް ޑރ. ޞާލިޙުއް ޒިންކީ
ކުއްލިއްޔާގެ ޤުރްއާނާއި ސުންނަތާ ބެހޭ ބައިގެ ރައީސް ޑރ. ޢަބްދުލް ޤާދިރު ބަޚޫޝް
ޢަޤީޑާއާއި ދަޢުވަތާ ބެހޭ ބައިގެ ރައީސް ޑރ. ޢަބްލް ޖައްބާރރު ސަޢީދު
ރިސަރޗާ ބެހޭ ބައިގެ ރައީސް  ނޫރުއްދީނުލް ޚާދިމީ
ކުއްލިއްޔާގެ މުޙާޟިރުން ޢަބްދުލް ޙަކީމުއްސަޢުދީ

ޑރ. އަޙްމަދުއް ރީސޫނީ

ޑރ. ސުލްޠާނުލް ހާޝިމީ

ޑރ. ސަޢީދުލް ބަދިޔޫވީ

ޑރ. މުޙައްމަދު އަޙްމީން

ޑރ. ޑރ.  ފަޟްލު މުރާދު

ޑރ. ތުރްކީ ޢުބައިދުލް މިއްރީ

ޑރ. އައިމަން ޞާލިޙު

ޑރ. މުޙައްމަދު  ޢައްޔާޝުލް  ކަބީސީ

ޑރ. މުރާދު ބޫ ޟާޔާ

ޑރ. އަޙްމަދުލް ޢައުން

 

[1]  - التغابن : 19

[2]  - رواه مسلم

[3]  -  أخرجه البخاري (٢٨٢٩ )، ومسلم (١٩١٤)

[4] - އޭގެތެރޭގައި ކޯރޯނާ ބަލިފަދަ  ޢާލަމީ ވަބާތައް  ހިމެނޭނެއެވެ.

[5]  - އެޕެންޑިކްސް ފަޅައިގެން ދިޔުން ފަދަ ބައްޔެއްގައި މަރުވާ މީހާ

[6]  - އެމީހުންގެ  ތެރޭގައި ވިހެއުމުގެ ތެރޭގައި މަރުވާ މީހާއާއި ، އެކްސިޑެންޓްތަކުގައި މަރުވާ މީހާއާއި ގެއެއްވެއްޓިގެން ނުވަތަ ބޯޓެއް ވެއްޓިގެން ނުވަތަ އަލިފާނުގެ ހާދިސާއެއްގައި  މަރުވާ މީހާ ހިމެނޭނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.