
ރާއްޖެއަށް ވެސް ކޮވިޑް-19 ގެ ވަބާ އައިސް މަޑުމަޑުން އެބަލީގެ މީހުން އިތުރުވަމުންދާ މިދަނޑިވަޅުގައި އެކަކު އަނެކަކަށް މަދަދުވެރިވުން އުފަލަކަށް ހެއްދެވުމަށް ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް19ގެ ބަލިމަޑުކަމުން ރައްކާވެ ތިބުމަށް އެންމެ މުހިންމީ ދުޢާ ކުރުމާއި، އިޖުތިމާއީ ގައިދުރުކަން ކަމަށެވެ. އެހެންކަމުން ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތައް ރަނގަޅަށް އަޑުއައްސަވައި އެއަށް އަމަލުކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންފައިވެއެވެ.
"މިވަގުތު އިދާރާތަކުގެ އެންގުންތަކަށް އިޖާބަ ދެއްވަވާ ގޭގައި ތިއްބަވާ! މިދަތި ދަނޑިވަޅުގައި އެއްބައިވަންތަކަން އިތުރުކޮށް، އެކަކު އަނެކަކަށް މަދަދުވެރިވުމަކީ އުފަލަކަށް ހައްދަވާ،" ނާއިބު ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް ވަނީ މިބަލީގެ 19 މީހުން ފެނިފައެވެ. އެއީ 4 ދިވެހީންނާއި 15 ބިދޭސީންނެވެ. އޭގެ ތެރެއިން 13 މީހަކަށްވަނީ ރަނގަޅުވެފައެވެ. ދެ މީހަކު ވަނީ އެމީހުންގެ ގައުމު ކަމަށްވާ އިޓަލީއަށް ގޮސްފައެވެ. ފަރުވާ ދެމުން ގެންދާ 4 ދިވެހީންނަކީ އިނގިރޭސީވިލާތުން ރާއްޖެއަށް އައި 4 މީހެކެވެ.