ވަޒީފާ ގެއްލޭ މީހުންނަށް އެލަވަންސް ދޭން ނިންމަވައިފި

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިގެންދާ މީހުންނަށް ތިންމަހުގެ އެލަވަންސެއް ދޭން ނިމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ދަރުބާރޫގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދަޅުވީ އެފައިސާ ވެސް ދޭނީ ސަރުކާރުން މިހާރު އެކުލަވާލައްވާފައިވާ ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން ކަމަށެވެ. ވަޒީފާ ގެއްލޭ ފަރާތްތަކަށް ތިން މަހުގެ އެލަވަންސެއް ދެއްވާ ގޮތަށް ހަމަޖެއްސެވިޔަސް ދެއްވާނީ ކިހާވަރެއްގެ އެލަވަންސެއްކަމެއް އަދި ނިމިފައި ނުވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްޓިމިއުލަސް ޕެކޭޖުން ފައިސާ ދޫކުރުމުގައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރާ އަދި އިހާނެތިކޮށް ކަންތައްތައް ނުކުރާ ކުންފުނިތަކަށް ޚާއްސަ ކަމެއް ބަހައްޓަވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރިސޯޓު ތަކުން މިހާރުވެސް އެގާރަ ހާސް މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ޓީމްގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން އެ އެންމެން އިކޮނޮމިކް މިނިސްޓްރީގެ ޖޮބްސެންޓަރުގައި ރަޖިސްޓްރީ ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްޓިމިއުލަސް ޕެކޭޖުގެ އެންމެ މުހިންމު ބޭނުމަކީ ވިޔަފާރިތަކާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހީންގެ ވަޒީފާ ސަލާމާތް ކުރުން ނުވަތަ ހިމާޔަތް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ޕެކޭޖުގެ ދަށުން ލޯނު ކުރާމުން ގެންދާނީ ބީއެމްއެލްއާއި އެސްޑީއެފްސީން ކަމަށް ވެސް ވިދާޅުވިއެވެ. މި ދެތަނުން ލޯނު ދޫކުރާއިރު  އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރާނީ އެސްޑީއެފްސީނެވެ.އަމީރު ވިދާޅުވީ އަންނަ ހަފްތާގައި ސްޓިމިއުލަސް ޕެކޭޖުތައް ދޫކުރައްވަން ފަށްޓަވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން އަންނަމުންދާ އިގްތިސާދީ ލޮޅުންތަކުގެ ސަބަބުން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން 12 ބިލިއަން ރުފިޔާ ގެއްލުންވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަދުވާ ބައި ބޭރު ގައުމުތަކުގެ ސަރުކާރުތަކުން ހޯދުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުން ގެންދާވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބަޖެޓުގައި ހިމެނިފައިވާ 150 މިލިއަން ރުފިޔާގެ ތެރެއިން 50 މިލިއަން ރުފިޔާ މީހާރުވެސް ލިބިފައިވާ ކަމަށެވެ. ބާކީ 100 މިލިއަން ރުފިޔާވެސް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.