
ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރުން މަނާ ކުރުމުގެ ކުރިން އެގައުމުން ރާއްޖެއަށް އައިސްފައިވާ އެންމެނާއި އެމީހުންނާ ކޮންޓެކްޓްވެފައިވާ އެންމެން ހޯދައި ޓެސްޓް ކުރުމަށް އެޗުޕީއޭއިން ނިންމައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަބްދުލްއަޒީޒު ވިދާޅުވީ އެ މުއަދަތުގައި ރާއްޖެއިން 50 އަށްވުރެ ގިނަ މީހުން އައިސްފައިވާ ކަމަށެވެ. އެމީހުނާއެކު އެމީހުންނާ ބައްދަލުވެފައިވާ މީހުން ހޯދައި އެންމެން ޓެސްޓް ކުރުމަށް އެޗުޕީއޭއިން މިހާރުވަނީ ނިންމަވައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޓްރެވެލް ރިސްޓްރިކްޝަން ގެނައުމުގެ ކުރިން އިންގިރޭސިވިލާތުން ރާއްޖެއަށް އައިސްފައި ތިބި ދިވެހީންނާ މެދު ކަންކުރަންވާގޮތެއް އެބަޖެހޭ ވިސްނަން. ޓެކް ޓީމުގެ ފަރާތުން މިހާރު ނިންމާފައިވަނީ ސާދަވަނަ ދުވަހުން ފެށިގެން ނަވާރަ ވަނަ ދުވަހާ ހަމައަށް އެދުވަސްތަކުތެރޭގައި އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ އެންމެންގެ ކޮންޓެކްޓް ސްކްރީނިން ހަދައި އެ އެންމެން ޓެސްޓް ކުރުމަށް،" މަބްރޫކް ވިދާޅުވިއެވެ.
އެމުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް އައި ތިން ދިއްވެއްސަކު މިހާރުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ ތިންމީހުންނަށް ވެސް ދޭންޖެހޭ ފަރުވާ ކުރިއަށްދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ތިން މީހުންގެ ޙާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.