މިސްކިތްތަކިގައި ވަކީން ނަމާދު ކުރަން ތިބޭމީހުން ހަ ފޫޓު ހަ ފޫޓުން ނަމާދު ކުރުމަށް ތިބުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވާފައި ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކު މިރޭ ވިދޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ސަފު ހަދާއިރުވެސް އެއްސަފަށް ވާރުގެ ހުސްތަނެއް ދޫކުރުމަށްފަހު ސަފުތައް ހަދަން ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށެވެ. މިމައުލޫމާތު ވެސް ވީހާ ވެސް ގިނަމީހުންނަށް ފޯރުކޮށްދިނުމަށާއި ޚާއްސަކޮށް ބިދޭސީން ގެންގުޅޭ މީހުން އެމީހުންނަށް މިމައުލޫމާތު ހިއްސާ ކުރުމަށް ވެސް ޑރ. އިރުޝާދު ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 1 މީހުންގެ ތެރެއިން ދެމީހަކު މިހާރުވަނީ ރަނގަޅުވެފައެވެ. އެކަމަށްޓަކައި ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ އެމީހުންނަށް ފަރުވާ ދެއްވި ޑޮކްޓަރުންނާއި، ނަރުހުންނާއި، އެކަމުގައި ބައިވެރިވި އެންމެންނަށް ޝުކުރު އަދާ ކުރައްވައި ޓުވީޓެއް ވެސް ކުރައްވައިފައެވެ. "ރާއްޖެއިން ފުރަތަމަ ފެނުނު ކޮވިޑް19 ގެ 2 ބަލިމީހުންނަށް ފަރުވާދެވި މިވަނީ ރަނގަޅުވެފައި. ބަލިމީހާއަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ނަރުހުންނަށް އަދި މިކަމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން،" ނާއިބު ރައީސް ވިދާޅުވެފައިވެއެވެ.
މިރޭ ބޭއްވި ނިއުސްކޮންފަރެންސްގައި މަބްރޫކު ވިދާޅުވީ ސެނަހިގާއި ގާއިމްކޮށްފައިވާ ފުލޫކުލިނިކަށް ދެއްކި މީހުންގެތެރެއިން 1232 މީހުން ވަނީ ޓެސްޓްކުރެވިފައި ކަމަށެވެ. ޓްރެވެލް ކުލިނިކަށް މިހާތަނަށް 298 މީހުން ދައްކާފައިވެއެވެ. ބިދޭސީންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ހަދާފައިވާ ކުލިނިކަމަށް 113 މީހުން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާތަނަށް 95329 މީހުންނަށް ވަނީ އެކިއެކި ޓްރެއިނިން ދެވިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި ކޯލްސެންޓަރަށް 1045 ފޯންކޯލް ވަނީ ނެގިފައިވާ ކަމަށާއި، މިހާތަނަށް ޖުމްލަ ދިހަ ހާސް ކޯލަށްވަނީ ޖަވާބު އަރުވާފައި ކަމަށް ވިދާޅުވިއެވެ.