ކޮވިޑް-19 ގެ ހާލަތު ރާއްޖެއަށް ކުރިމަތިވެ މީހުންނަށް އިންޓަރނެޓް މުހިންމުވެފައިވާ މިދަނޑިވަޅުގައި އިންޓަރނެޓުގެ އަގު ހެޔޮކުރުމަށް ސަރުކާރަށް ފެނިވަޑައިގަންނަވާ ގޮތްތައް ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދެއްވާ ކުންފުނިތަކަށް ހުށަހަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އެގޮތުން 6 ކަމެއް ވަނީ ހުށަހަޅުއްވައިފައެވެ.
ސަރުކާރުގެ ހުށަހެޅުއްވުމުގައި ވަނީ ކޯވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެން.އީ.އޯ.ސީ) އާއި އެ އިދާރާގެ ސެލްތަކަށާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
އޭގެ އިތުރުން މި ދަނޑިވަޅު އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބެލެވޭތީ "ޑޭޓާ ކެޕް" ނުވަތަ އިންޓަރނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ "ޑޭޓާ އެލަވަންސް" އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ "ޑޭޓާ ބޫސްޓަރ" ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުމަށް ހުށަހަޅުއްވާފައިވެއެވެ.
އެކުންފުނިތަކުން އެކަން ކޮށްދެއްވާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވާ ގޮތްވެސް ވަނީ ހުށަހަޅުއްވައިފައެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ ދަށުން ފޯރުކޮށްދޭ "ޑޭޓާ އެލަވަންސް" ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %70 ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %50 ކަސްޓަމަރުންނަށް ދެގުނައަށް އިތުރުކޮށްދިނުން ނުވަތަ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންގެ "ޑޭޓާ އެލަވަންސް" ހަމަވުމުން އިންޓަރނެޓުގެ ޚިދުމަތް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ ދުވަހަކު އައު ކުރެވޭ "ޑެއިލީ އަންކެޕްޑް އެލަވަންސް" އެއް ތައާރުފުކުރުމަށް ވެސް ހުށަހަޅުއްވާފައިވެއެވެ.
މީގެ އިތުރުން، "ޑޭޓާ އެލަވަންސް" ހަމަވުމުންވެސް އިންޓަރނެޓުގެ ޚިދުމަތް ހަލުވި ސްޕީޑެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަހި ގޮތްތަކެއް އިންތިޒާމު ކުރުމަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން މަސައްކަތް ކުރާންވާނެ ކަމަށް ވެސް އެ ހުށަހެޅުމުގައިވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން އުފެދިފައިވާ ޙައްސާސީ މި ދަނޑިވަޅުގައި، އެކަކު އެނަކަކާއި މުއާޞަލާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ޑޭޓާ ޕެކޭޖުތަކެއް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ވެސް ހުށަހަޅުއްވާފައިވެއެވެ.
މި ދަނޑިވަޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މުއާޞަލާތީ އަދި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ވަކީން ޚާއްޞަކޮށް މުއާޞަލާތީ ވަސީލަތްތައް މެދުވެރިކޮށް ގޭގައި މަސައްކަތްކުރުމާއި ކުދީންނަށް ކިޔަވައިދިނުމުގައި، މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން ފޯރުކޮށްދެމުން ގެންދަވާ ޚިދުމަތްތައް ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.