އިސްލާމީ ތާރީޚުގެ ތެރެއިން..... ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުން (8)

ޓިއުނީޝިޔާގެ ޤައިރަވާންގައި ހުންނަ ޖާމިޢުލް ޤައިރަވާން މިސްކިތް

(30 މާރިޗު 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހަމަނުޖެހުންތަކާއި އިހްތިޖާޖުތައް:

ހަނގުރާމަތަކުގެ ސަބަބުން ޖަމާއަތުގެ ނަމާދާއި، ހުކުރު ނަމާދު މެދުކަނޑާލަން ޖެހިފައި ވީ ފަދައިން، ސިޔާސި ހަަމަނުޖެހުންތަކުގެ ސަބަބުންނާއި، އަމާންކަން ނެތުމުގެ ސަބަބުން ވެސް ނަމާދު މެދުކަނޑާލަން ޖެހިފައި ވެއެެވެ. އިބްނުޝާހީން އަލްމަލްޠީ (މ. 920ހ.) އޭނާގެ ފޮތް 'ނައިލުލްއަމަލް ފީ ޛައިލިއްދުވަލް' ގައި ލިޔުއްވާފައި ވެއެވެ. "ހިޖުރައިން 802 ވަނަ އަހަރު ހުކުރު ދުވަހެއްގައި ޤާހިރާގައި މަމާލީކުން (މާމާލީކުން ނުވަތަ މަމްލޫކީ ދައުލަތަކީ ހިޖުރީ ހަތްވަނަ ގަރުނުގެ މެދުތެރެއިން 10 ވަނަ ގަރުނުގެ މެދުތެރެއާ ހަމައަށް މިސްރާއި، ޝާމްކަރައާއި ހިޖާޒުކަރައިގައި ވެރިކަން ކުރި ބައެކެވެ.) އިސްެވެރިންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. އެ ހަމަނުޖުހުމުގެ ސަބަބުން މުޅި ޤާހިރާ 'ގުޑައިގެން' ދިޔައެވެ. މިހެންވެ، މިސްކިތްތައް ބަންދުކުރެވުނެވެ. ޚުޠުބާތައް ކުރުކުރެވުނެވެ. އަދި ނަމާދުތައްވެސް އަވަަހަށް ނިންމުނެވެ. އަދި ބައެއް މިސްކިތްތަކުގައި ހުކުރު ނަމާދު ނުކުރާއިރު، އަނެއްބައި މިސްކިތްތަކުގައި ޖަމާއަތުގައި އެއްގޮތަކަށް ވެސް ނަމާދުކޮށްފައި ނުވެއެވެ. މީސްތަކުންގެ މެދުގައި ބިރުވެރިކަން އުފެދި ބާޒާރުތައްވެސް ބަންދުކުރިއެވެ."

ހަމަ މިސްރުގައި އޭގެ އެނޫނަސް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި އަމާންކަން ގެއްލިގެން ދިިއުމުގެ ސަބަބުން މީސްތަކުން ނަމާދަށް ނުކުމެ މިސްކިތްތައް ބަންދުކޮށްފައި އެބަހުއްޓެވެ. ތާރީޚު އިލްމުވެރިޔާ އަލްޖަބަރްތީ (މ. 1237ހ.) އޭނާގެ ފޮތް "ޢަޖާއިބުލް އާޘާރް' ގައި ލިޔުއްވާފައި ވެއެެވެ. "ހިޖުރައިން 1230 ވަނަ އަހަރު މިސްރުގައި ހުންނެވި އުސްމާނީ ދައުލަތުގެ ގަވަރުނަރާ ދެކޮޅަށް ގެންނަން މަސައްކަތްކުރި އަސްކަރީ އިންގިލާބެއް ނާކާމިޔާބު ވިއެވެ. މިކަމުގެ ސަބަބުން އަމާންކަން ވަރަށް ބޮޑަށް ގެއްލިގެން ދިޔައެވެ." މިކަން ތަފްސީލުކޮށްދެއްވަމުން އަލްޖަބަރްތީ ލިޔުއްވާފައި ވެއެވެ. "އެެއްވެސް ދައުލަތެއްގައި ހިނގާފައިވާ ކަމަށް އަޑުއިވިފައި ނުވާފަދަ ބޮޑު މި ހާދިސާ ހިނގައި ދިޔައީ ފަސް ގަޑިއިރުގެ ތެރޭގައެވެ. އެއީ ހުކުރު ނަމާދުގެ ކުރިން ފެށިގެން ގޮސް އަސުރު ކުރިޔާ ހަމައަށެވެ. މި ކުޑަ ވަގުތުކޮޅުގެ ތެރޭގައި މީސްތަކުންނަށް ދިމާވި ކަންބޮޑުވުމާ ބިރުވެރިކަމުގެ އިތުރަށް، ސިފަ ނުކުރެވޭހާ ބޮޑު ލޫޓުވުމާ އެމީހުން ކުރިމަތިލާން ޖެހުނެވެ. އެ ދުުވަހު ހުކުރު ނަމާދު ނުކުރެއެވެ. މިސްކިތްތައް ހުރީ ބަންދުކޮށްފައެވެ. މީސްތަކުން ތިބީ ނުރައްކަލާއި ކުރިމަތިލާން ހަތިޔާރުވެސް ހިފައިގެންނެވެ."

އިސްލާމީ މަޣުރިބު (އިސްލާމީ މަޣުރިބޭ ކުރީ ޒަމާނުގައި ކިޔާފައި ވަނީ މިސްރުގެ ހުޅަނގު ސަަރަހައްދީ ރޮނގުން ފެށިގެން އެޓްލާންޓިކް ކަނޑާ ހަަމައަށް އޮތް ސަރަހައްދަށެވެ. އެއީ މިހާރުގެ ލީބިޔާއާއި، ޓިއުނީޝިޔާއާއި، މޮރޮކޯއާއި، މޮރިޓޭނިޔާ ހިމެނެޭ ސަރަހައްދެވެ.) ގައި ވެސް މިފަދައިން ކަން ހިނގާފައި ވެއެވެ. މަޣުރިބުކަރައިގެ (މޮރޮކޯގެ) ތާރީޚު އިލްމުވެރިޔާ އަބުލްޢައްބާސް އައްނާޞިރީ (މ. 1315ހ.) އޭނާގެ ފޮތް 'އަލިސްތިޤްޞާ ލިއަޚްބާރި މަޣްރިބިލް އަޤްޞާ' ގައި ލިޔުއްވާފައި ވެއެވެ. "ސުލްޠާން ޢަބްދުލްމަލިކް ބިން ޒައިދާން (ހިޖުރައިން 1040 ވަނަ އަހަރު އަވަހާރަކޮށްލި މަޣުރިބުގެ ރަސްގެފާނު ޢަބްދުލްމަލިކް ބިން ޒައިދާން އައްސަޢުދީ) އަވަހާރަކޮށްލައި އޭނާގެ އަޚް އަލްވަލީދް ބިން ޒައިދާންއަށް ބައިޢަތު ހިފުމުން ފާސް (ފެޒް) ގައި ހަމަނުޖެހުން ބޮޑުވެ، ދުވަސްކޮޅަކަށް ޖާމިޢުލް ޤަރަވިއްޔީން މިސްކިތުގައި ހުކުރު ނަމާދާއި ތަރާވީޙު ނަމާދު ނުކުރެވި ދިޔައެެވެ. އަދި މީސްތަކުންނަށް ލިބިފައިވާ ބިރުވެރިކަމުގެ ބޮޑުކަމުން ލައިލަތުލްޤަދްރި ވިލޭރޭ އެ މިސްކިތުގައި ނަމާދުކުރީ އެންމެ މީހެކެވެ."

އިބްނު ޢަޛާރީ އަލްމަރާކިޝީ އޭނާގެ ފޮތް 'އަލްބަޔާނުލް މުޣްރިބް........' ގައި ލިޔުއްވާފައި ވެއެވެ. "ބަނޫޢުބައިދު (ފާޠިމީން) ތޫނިސް (ޓިއުނީޝިޔާ) ދޫކޮށް މިސްރަށް ދަތުރުކުރި ފަހުން ވެސް ޞިންހާޖާ ޤަބީލާގެ މީހުން އެފްރިކާގައި އެމީހުން (ފާޠިމީން) ގެ ނަމުގައި ޚުޠުބާ ކިޔައި މިންބަރުތަކުގައި އެމީހުންނަށް ދުޢާކޮށް އުުޅުނެވެ. އެމީހުންނަށް ދުޢާކޮށް، އެމީހުންގެ ނަމުގައި ޚުޠުބާ ކިޔުމުން ދުރުވާން ވެގެން ޤައިރަވާން (ޓިއުނީޝިޔާގެ ރަށެެއް) ގެ މީހުން ހުކުރު ނަމާދުކުރުން ހުއްޓާލަންދެނެވެ. އެރަށުގެ ބައެއް މީހުން (ހުކުުރު ނަމާދު ވަގުތު) މިސްކިތުގެ ދޮރާ ހަމަޔަށް ގޮސްް اللهم اشهد! اللهم اشهد! (އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްގެލާނގެ ހެކިވެވޮޑިގަންނަވާނދޭވެ! އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްގެލާނގެ ހެކިވެވޮޑިގަންނަވާނދޭވެ!) ކިޔުމަށް ފަހުު ގެއަށް އެނބުރި ގޮސް މެންދުރު ނަމާދުގެ ހަތަރު ރަކުޢަތް ކުރަނީއެވެ. މިހެން ވަމުން ގޮސް، އެންމެ ފަހުން ޤައިރަވާނުން ހުކުރު ނަމާދަށް ދާނެ މީހަކު ނުވާ ހިސާބަށް ދިޔައެވެ. މިހެންވެ އެތައް ދުވަހަކަށް އެެރަށުގައި ހުކުރު ނަމާދުކުރުން މެދުކެނޑިފައި އޮތެވެ." ބުނެވޭ ގޮތުގައި ހިޖުރައިން 440 ވަނަ އަހަރާ ހަމައަށް ޚުޠުބާގައި ފާޠިމީންނަށް ދުޢާކުރަމުން ދިޔައެވެ. އެއަށް ފަހު އެކަން ހުއްޓާލައި، އެމީހުންގެ ދިދަތައް އަންދާލެވުނެެވެ.

ފާޠިމީންނަށް ވަރަަށް ބޮޑަށް އަދާވާތްތެރި ޤައިރަވާންގެ އަހުލުވެރިންގެ ފަރާތުން މި ފެނުނީ އަޖާއިބުކުރުވަނިވި ކަމެކެވެ. ފަހެ، މަގުފުރެދިފައިވާ އަނިޔާވެރި ވެރިންކަމުގައި އެމީހުން ދެކޭ ވެރިންނަށް ސަނާކިޔާ އަޑުއެހުމުން ދުުރުހެލިވެ، އެމީހުންގެ ދީނާއި ނަފުސު ރައްކާތެރިކުރުމަށާއި، އިހުތިޖާޖުކުރުމުގެ ގޮތުން ހުކުރު ނަމާދު ދޫކޮށްލުން އެންމެ ރަނގަޅު ކަމުގައި އެމީހުން ދުށީއެވެ. ހުކުރު ނަމާދުކުރާ މިސްކިތްތަކަށް ގޮސް އިބަރަސްކަލާނގެ ހެކިވެވޮޑިގަންނަވާށޭ އެެމީހުން ބުނެ ހެދީ އެމީހުން ހުކުރު ނަމާދަށް މާތްކޮށް ހިތާތީއެވެ. އަދި އެ ނަމަދާށް ދިއުމަށް އެމީހުން ލޯބިކުރާތީއެވެ. ހުކުރު ނަމާދަށް އެމީހުން ހާޒިރުނުވީ އެމީހުން ނަފުރަތުކުރާ ވެރިންނަށްޓަކައި ދުޢާ ނުކުރުމަަށެވެ.

ނިންމާލުން:

މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދާއި ހުކުރު ނަމާދު ކުރުން މެދުކަނޑާލަން މުސްލިމުންނަށް މަޖުބޫރުކުރުވި ބައެެއް ހާދިސަތައް ކުރުގޮތަކަށް މި ގެނެސްދެވުނީއެވެ. މި ލިޔުމުން އެނގިގެން މިދިޔައީ ކޮރޯނާ ވައިރަސް (ކޮވިޑް- 19) ފެތުރުމަށް މަގުފަހި ނުކުރުމުގެ ގޮތުން ހުކުރު ނަމާދާއި ޖަމާއަތުގެ ނަމާދު މެނދުކަނޑާލުމަކީ އިސްވެދިޔަ މިސާލެއް ނެތް އާ ކަމެެއް ނޫން ކަމެވެ. އަދި އަހަރުމެންގެ ތާރީޚުގައި ތަފާތު ސަބަބުތަކަށް ޓަކައި އެކަން ކޮށްފައި އެބަހުރި ކަމެވެ. ބައެއް ސަބަބުތަކަކީ އަަހަރުމެންނަށް މިހާރު ދިމާވެފައިވާ ފަދަ ސިއްހީ ސަބަބުތަކެވެ. ބައެއް ސަބަބުތަކަކީ މިއަށްވުރެ އާދައިގެ ސަަބަބުތަކެވެ. އަނެއްބައި ސަަބަބުތަކަކީ މިއަށްވުރެ މާ ވަރުގަދަ ސަބަބުތަކެވެ. ދެން އޮތް ވާހަކައަކީ، އިސްވެދިޔަ މުސީބާތްތަކާއި، ހަނގުރާމަތައް ނިމިގެން ދިޔަ ފަދައިން، މި ވިލާގަނޑު ވެސް (ކިތަންމެ ގިނަ ދުވަހަކަށް ދެމިގެން ދިޔަޔަސް) ހިނގައިދާނެއެވެ. އަދި މިސްކިތްތަކަށް ލޯބިކުރާ މީހުން މިސްކިތްތައް އާބާދުކުރާނެއެވެ. މިންބަރުތަކަށް ޝައުގުވެރިވެފައި ތިބި މީހުން މިންބަރުތަކަށް އަރާނެއެވެ. (ނިމުނީ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. އިސްލާމުން އިސްލާމުންނާްއި ތަލަ އިނުފޮޅާ ޒަމާނަކީ ހަމަ އެކަނި އިސްލާމްދީން ފެށިގެން އައިރު ބާވައޭ ހިތަށް އަރާ.
    މި މުހިންމު ލިޔުމަށްޓަކައި ލިޔުންތެރިޔާ އަށް ޝުކުރުވެރިވަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.