އައްޑޫގެ ތަރައްޤީއަށް 153 ހެކްޓަރުގެ ބިން ހިއްކަނީ

އައްޑޫސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ޖުމްލަ 153 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކައުންސިލުން ވިދާޅުވީ އޭގެ ތެރެއިން 90 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ހިތަދޫގައެވެ. 38 ހެކްޓަރުގެ ބިން ހުޅުދޫ އަދި މީދޫން ހިއްކާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. އޭގެ އިތުރަށް 4 ސްޓަރ ރިސޯޓް ތަކުގެ ގޮތުގައި ތަރައްޤީކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ ގިނަ ޕްރޮޖެޓްތައް ހިންގާނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައެވެ. އެ ބޭންކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި މަގުތަކުގައި ތާރުއަޅައި މަގުތައް މަރާމާތު ކުރުމާއި، ފެންހިންދުމުގެ ނިޒާމު ރަނގަޅުކުރުން ހިމެނެއެވެ. އޭގެއިތުރަށް މަގުތަކުގައި ބައްތި ޖަހައި ސީސީޓީވީ ކެމެރާ ހަރުކުރުން ހިމެނެއެވެ. ތަރައްޤީގެ އެކިއެކި ކަންކަން ކުރުމަށް ހިއްކާ 153 ހެކްޓަރުގެ ބިން ހިއްކާނީ ވެސް އެ ބޭންކުގެ އެހީގައެވެ.

އައްޑޫ ޑެވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން އައްޑޫގެ ތަރައްޤީއަށް ހިންގާ މިޕްރޮޖެކްޓަކުގެ ކޮންސަލްޓޭޝަން މަސައްކަތް ނިމުމުން ކޮންޓްރެކްޓަރާ ހަވާލުކޮށް މަސައްކަތް ފެށޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އައްޑޫސިޓީގެ ތަރައްޤީއަށް ސަރުކާރުން ހިންގަން ރާވާފައިވާ ބައެއް ޕްރޮޖެކްޓުތަކުގެ ކޮންސަލްޓޭޝަން މަސައްކަތް ކުރުމަށްޓަކައި ޙަވާލުކުރައްވާފައިވަނީ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ. އެކުންފުނިން މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.