ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ކޮރޯނާގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު: ޑރ. މުރާދު

ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19ގެ  އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. މޫސާ މުރާދު މިރޭ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް ކޮވިޑް 19 އާ ބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޕްރެސް ބްރީފިންއެއްގައި އޭނާ ވިދާޅުވީ އެމީހުންނަކީ މިބަލިން ސަލާމަތްވުމަށް ޚާއްސަ ސަމާލުކަމެއް ދީނުމަށް މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ.

އެމީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި، ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން މިބަލިން ރައްކާތެރި ވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ޑޮކްޓަރ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެނގޭ ދުންފަތުގެ އިސްތިއުމާލު ކުރައްވާ ބޭފުޅުންނަށް މިބަލީގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑުކަން. އަދި ސީރިއަސް ހާލަތަށްދާލެއްވެސް ބޮޑުކަން. އެބޭފުޅުން ވެސް މިކަމަށް (ރައްކާތެރިވުމަށް) ސަމާލުކަން ދެއްވަންޖެހޭ،" ޑރ މުރާދު ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ މިހާރު ގޭގައި ކަރަންޓީނު ކޮށްފައިވާ މީހުންނާއި، ދެން ވެސް ބަޔަކު ކަރަންޓީނު ކުރެވިއްޖެ ނަމަ ގެއިން ނުނުކުމެ ގޭގައި މަޑުކުރުން ވަރަށް މުހިންމު ކަމަށެވެ. ސިއްޙީ ފަރުވާއެއް ހޯދަން ގެއިން ނުކުންނައިރު ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ގުޅާފައި އެމީހުންގެ ލަފާގެ މަތީން ކުރިއަށް ގެންދިއުމަށް ޑރ. މުރާދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.