ޤައުމީ ޝިޕިންލައިން- ޤައުމަށް ޑޮލަރު ވައްދައިދޭނެ އިތުރު ދޮރެއް!

ރާއްޖޭގެ އިޤްތިޞާދުގެ 80 އިންސައްތަ ހިއްސާ ކުރަނީ ފަތުރުވެރިކަމެވެ. އެހެންކަމުން ފަތުރުވެރިކަމަށް އަންނަ ކޮންމެ ލޮޅުމަކީ ރާއްޖޭގެ އިޤްތިޞާދަށް އޭނގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމެކެވެ. މިހާރު މުޅިދުނިޔެއަށް ފެތުރެމުންދާ ކޮވިޑް- 19 އާއެކު އަޅުގަނޑުމެން މިދަނީ އެކަން އިންތިހާއަށް ތަޖްރިބާކުރަމުންނެވެ. ރާއްޖޭގެ ގިނަ ރިސޯޓްތައް ވަނީ ބަންދުކޮށް ފައެވެ. ހުޅުވާފައިވާ މަދު ރިސޯރޓަކަށް ވެސް ފަތުރުވެރިއަކަށް އާދެވޭނެ ގޮތެއް ނެތެވެ. ފަތުރުވެރިން ރާއްޖެއަށް ވަންނަ މައިދޮރުވަނީ ބަންދުކޮށްފެވެ. އިޤްތިޞާދަށް އިންތިޙާ ގެއްލުންވާނެކަމެއްކަންއެނގި ހުރެވެސް އެނޫން ގޮތެއް މިއަދަކު ނެތެވެ. މިއަދު މިވަނީ އެފަދަ ފިޔަވަޅުތައް އަޅަން މަޖްބޫރު ވެފައެވެ. ރާއްޖެއަށްވުރެ މާކުރިއަރައިފައިވާ ޤައުމުތަކުން ވެސް ވަނީ އެޤައުމުތަކަށް މީހުން ވަންނަ ދޮރޯށިތައް މާކުރިން ބަންދުކޮށް ބޮޑު ތަޅުއަޅުވައިފައެވެ.

ހަމައެކަނި އެއްކަމަކަށް ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި އޮތް އޮތުން ބަދަލުކޮށް ރާއްޖެއަށް ޑޮލަރު ވެއްދޭނެ މަގުތަކެއް ހޯދަން ޖެހިފައިވާ ވާހަކަ އަކީ ކުރިން ފެށިގެން ވެސް އިޤްތިޞާދީ މާހިރުން ދައްކަމުން އަންނަ ވާހަކައެކެވެ. ޚާއްޞަކޮށް މިދަނޑިވަޅުގައި ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމާއެކު އެވާހަކަތައް ދެއްކުން ވަނީ އިތުރުވެގެން ގޮސްފައެވެ. އެހެންކަމުން އެސިނާޢަތަކުން ރާއްޖެ ކުރިންވެސް ކުރިއެރުމާއި ކާމިޔާބީ ހޯދައިފައިވާ، ޝިޕިން އިންޑަސްޓްރީގެ ތެރެއަށް އަނެއްކާ އަނބުރާ ވަނުމަކީ އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ.

ޝިޕިން އިންޑަސްޓްރީގެ ފަޚްރުވެރި ތާރީޚެއް ރާއްޖޭގައި އޮތް!

ރާއްޖެއަކީ ޝިޕިން އިންޑަސްޓްރީގެ ފަޚްރުވެރި ތާރީޚެއް އޮތްޤައުމެކެވެ. ރާއްޖޭގެ ފުރަތަމަ ޝިޕީން ލައިން އުފައްދެވީ 1967 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. އޭރު ވެރިކަމުގައި ހުންނެވީ ރައީސް އިބްރާހީމް ނާސިރެވެ. ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގައި ޤައުމީ ޝިޕިން ލައިނެއް އުފެއްދެވުމެވެ. ޤައުމީ ޝިޕިންލައިން އުފެއްދެވީ މޯލްޑިވްސް ޝިޕިން ލިމިޓެޑް (އެމްއެސްއެލް) ގެ ނަމުގައެވެ.

އެކެހެރިވެފައި އޮތް އޮތުން ނެތިކޮށްލާ ދުނިޔެއަށް ރާއްޖެ ހުޅުވާލައިދިނީ ދިވެހި ދިދަ ޖަހައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް، އެކި ބައްރުތަކަށް ދަތުރުކުރި ދިވެހި ކާގޯ ބޯޓް ފަހަރެވެ. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާއި ތަރައްޤީގައި އެންމެ މުހިންމު ދައިރެއް އަދާކޮށްފައިވަނީ ދިވެހި ޤައުމީ ޝިޕިން ލައިންކަމީ ތަރީޚީ ލިޔުންތަކުން ފެންނަށް އޮތް ހަޤީޤަތެވެ. އެގޮތުން ރާއްޖޭގެ އިޖްތިމާޢީ އަދީ ޢުމްރާނީ ތަރައްޤީ އިތުރުން އިޤްތިޞާދީގޮތުން އާއްމު ފަރުދުންގެ ތަނަވަސްކަން އިތުރުކޮށް ދިނުމުގެ ފަހަތުގައިވެސް ވަނީ ހަމަ މި ޤައުމީ ޝިޕިން ލައިނެވެ. ޤައުމީ ޝިޕިންލައިންގެ އެންމެ ފަހި ދުވަސްވަރު ދެހާހަށް ވުރެ ގިނަ ދިވެހިން ޤައިމީ ޝިޕިން ލައިންގެ އެކި ބޯޓްފަހަރުގައި ދިޔައީ މަސައްކަތްކުރަމުންނެވެ. އަދި ހަމައެހެންމެ ޤައުމީ ޝިޕިންގ ލައިންގައި ހޯދިތަޖުރިބާއައި ތަމްރީނުތަކަށް ފަހު އެހެން ޤައުމުތަކުގެ އާގު ބޯޓް ފަހަރުގައި ވެސް ދިވެހިން މަސައްކަތްކޮށް ދިޔައީ ޤައުމަށް އެތައްލައްކައިން ޑޮލަރު ވައްދަމުންނެވެ. ޤައުމީ ޝިޕިންލައިން އެމްއެސްއެލްގެ އެންމެ ފަހި ދުވަސް ވަރު  އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ 1980 ގައެވެ. އެ އަހަރު އެކަނިވެސް 7،443 މިލިއަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ލިބުނެވެ.

އެމްއެސް އެލް އުފެދުމުގެ ކުރިން ވެސް ރާއްޖޭގެ ފަރާތުން އައި ޝިޕިން ވިޔަފާރި ކުރަމުންނެވެ. އެއީ 1959 ވަނަ އަހަރު ރާއްޖޭގެ

ނުވަތަ މާލޭގެ 75 އިންސައްތަ ޙިއްސާ އޮންނަ ގޮތަށް، މޯލްޑިވްސް ނެޝަނަލް ޓްރޭޑިންގ ކޯޕަރޭޝަން (އެމްޓީސީ) ނަމުގައި ސްރީލަންކާގެ ކޮލަމްބޯގައި އުފެއްދިކުންފުންޏަކުންނެވެ. ނަމަވެސް ފަހުން ދިވެހި ސަރުކާރުން ވަނީ އެމްޓީސީ (މާލެ) މެދުވެރިކޮށް ލަންކާ ކުންފުނީގެ 100 އިންސައްތަ ޙިއްސާ ހޯއްދަވައިފައެވެ. އެކުންފުނިން ޝިޕިންގެ ވިޔަފާރީ ފެށީ އެންމެ ދެބޯޓް ބޭނުންކޮށްގެނެވެ. އެއީ "އަދާރަންފަރު" އާއި "އުތީމް" ކިޔާ ދެބޯޓެކެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސް ވަރެއްކަމުން އޭރު ބޯޓްފަހަރު ދުވަން ޖެހުނީ އިނގިރޭސި ވިލާތުގައި ރަޖިސްޓްރީކޮށް އިނގިރޭސި ދިދައިގެ ދަށުގައެވެ.

ސިލޯނުގައި ނުވަތަ ސްރީލަންކާގައި ކުންފުނި ހަދަންޖެހުނު ސަބަބަކީ، އެއީ ކުރިން އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް ޤައުމަކަށް ވުމާއި ކޮމަންވެލްތްގެ މެމްބަރަކަށް ވުމުންނެވެ. އަދި ސްރީލަންކާގެ ކުންފުންޏެއްގެ މިލްކްވެރިކަމުގެ ދަށުން، އިނގިރޭސި ދިދައިގެ ދަށުން ބޯޓްފަހަރު ދުއްވިދާނެތީއެވެ. ސިލޯން ނުވަތަ ސްރީލަންކާގެ މިލްކްވެރިކަމުގެ ދަށުން އެމަސައްކަތް ފެށި މައިގަނޑު އެއްސަބަބަކީ ރާއްޖޭގައި ކަނޑު ދަތުރުފަތުރާ ބެހޭ އެއްވެސް ޤާނޫނެއް ޤަވާޢިދެއް އަދި އުޞޫލުތަކެއްވެސް އޭރު ހެދިފައި ނެތުމެވެ. ސިލޯނުގައި ކުންފުނި ރަޖިސްޓްރީކޮށްފައި ވީނަމަވެސް އިނގިރޭސި ދިދައިގެ ދަށުގައި ބޯޓްފަހަރު ރަޖިސްޓްރީ ކޮށްފައިވަނީ އޭރު ލަންކާގައިވެސް ކަނޑު ބޯޓް ފަހަރު ރަޖިސްޓްރީކުރުމާބެހޭ ޤާނޫނާއި ޤަވާއިދުތައް ހެދިފައި ނެތުމުންނެވެ. ނަމަވެސް ރާއްޖެއިން ފެށި ޝިޕިން ވިޔަފާރިއަށް ފުރަތަމަ ދިމާވި ގޮން ޖެހުމަކީ ސްރީލަންކާގެ ސަރުކާރުންވެސް ޝިޕިން އިންޑަސްޓްރީއަށް ވަނުމަށްބޭނުންވާތީ ރާއްޖޭގެ ޝިޕިންގ ވިޔަފާރި އެޤައުމުގައި އިތުރަށް ފުޅާކުރިއަ ނުދިނުމެވެ.

ރާއްޖެ އަށް މިނިވަންކަން ލިބުމުމުން ދިވެހި ދިދައިގެ ދަށުގައި ބޯޓްފަހަރު ރަޖިސްޓްރީ ކުރެވުނެވެ. އޭރު ރާއްޖޭގައި ކަނޑުދަތުރު ފަތުރާ ބެހޭ އަސާސީ ޤާނޫނުތައް ވެސް ހެދިފައި ވުމުންނެވެ. ރާއްޖޭގެ ޝިޕިން އިންޑަސްޓްރީގައި ފުރަތަމަ ބޭނުން ކުރި އެބޯޓަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް އިރު ދިވެހިންގެ 100 އިންސައްތަ ޙިއްސާވާ ގޮތަށް އިނގިރޭސި ވިލާތުގައި އުފެއްދި ކުންފުންޏަކުން ގަތް ދެ ބޯޓެވެ. އިނގިރޭސި ވިލާތުގައި ރާއްޖޭގެ ކުންފުންޏެއް އުފައްދަން ޖެހުނީ ރާއްޖެއިން ކޮޅުނބާއި މާލެއާ ދެމެދުގައި ކުރަމުން އައި ޝިޕިން ވިޔަފާރިގައި ފުރަތަމަ ބޭނުންކުރި ދެ ބޯޓްގެ ބަދަލުގައި ބޯޓެއް ހޯދުމުގެ އެހީތެރިކަމަށް އެދުމުން އިނގިރޭސި ވިލާތުގައި ކުންފުންޏެއް އުފެއްދުމަށް އިނގިރޭސީން އެދުމުންނެވެ.  ޤައުމީ ޝިޕިންލައިން އުފެއްދުމަށްފަހު އެކުންފުނިން ވަނީ އެމްއެސްއެލަށް އެދެބޯޓް ދީފައެވެ. ނަމަވެސް ދިވެހި ދިދައިގެ ދަށުގައި ފުރަތަމަ ރަޖިސްޓްރީ ކުރެވުނީ ހުޅުލޭ އެއަރޕޯރޓްގެ މަސައްކަތަށް ތާރު ހިފައިގެން ރާއްޖެ އައިސް ފަރަކަށް އުރުނު ބޯޓެކެވެ. އެބޯޓް ފުންކުރީ ދިވެހިންނެވެ. ބޯޓް މަރާމާތުކުރުމުގެ ޚަރަދު ދިނީ އިނގިރޭސީންނެވެ. ބޯޓް ދިވެހި ދިދައިގެ ދަށުގައި ރަޖިސްޓްރީކުރީ އެބޯޓް އުރުނު ފަރުކަމުގައިވާ "ދިއްފުށި މާދޫ" ގެ ނަމުންނެވެ.

ރާއްޖޭގެ ޝިޕިން އިންޑަސްޓްރީގެ ތާރީޚް، އެމަސައްކަތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލީ ގޮތުން އެންމެ އިސްކޮށް އުޅުއްވި ކޮލިޢުމަރު މަނިކްގެ "އަޅުގަނޑުގެ ދުވަހުގެ ފޮތް" ގައި ވަރަށް ތަފްޞީލް ކޮށް ވަނީ ލިޔުއްވައިފައެވެ. އަޅުގަނޑު އެވާހަކަތައް ގެނެސްދީފައިވާނީ ޚުލާސާ ގޮތެއްގައެވެ. ރާއްޖޭގެ އިން ޝިޕިން އިންޑަސްޓްރީއަށް ވަން ގޮތާއި އަދި ރާއްޖޭގައި އުފެދުނު ފުރަތަމަ ޤައުމީ ޝިޕިންލައިން ހޯދި ކުރިއެރުންތަކާއި ކުންފުންޏަށް ދިމާވި ގޮންޖެހުންތައް ވަރަށް ތަފްޞީލްކޮށް ވަނީ އެފޮތުގައި ބަޔާންކުރައްވައިފައެވެ.

 ރާއްޖޭގެ ޤައުމީ ޝިޕިން ލައިން ވަނީ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި މުޅި އޭޝިއާގެ އެއްވަނަ ދަރަޖަ ހޯދައިފައެވެ. އަދި މުޅި ދުނިޔޭގައި ވެސް ރާއްޖޭގެ ޤައުމީ ޝިޕިންލައިން ވަނީ މަޝްހޫރުކަން ހޯދައިފައެވެ. ރައީސް ނާސިރުގެ ވެރިކަން ނިމިގެން ދިޔައިރުމިސިނާޢަތުގައި ރާއްޖޭގެ 50 އަށްވުރެ ގިނަ އާގު ބޯޓް ދިޔައީ މަސައްކަތް ކުރަމުންނެވެ.

ޤައުމީ ޝިޕިން ލައިންގެ ތިން ބޯޓެއްގައި މަސައްކަތްކުރި ދިވެއްސަކު ކިޔައި ދިން ގޮތުގައި އޭނާ އެދާއިރާގައި މަސައްކަތް ކުރިއިރު ޤައުމީ ޝިޕިންލައިންގައި 86 ބޯޓް އޮތެވެ. ސީނިއަރ މަޤާމެއްގައި ތިބި މަދު ބޭރުމީހަކު ނޫނީ ހުރިހާ ބޯޓް ފަހަރެއްގައި ވެސް އެންމެ މަތިން ފެށިގެން އެންމެ އާދައިގެ ކްރޫއިންގެ ގޮތުގައި ވެސް އުޅެނީ ދިވެހިންނެވެ. އެންމެ އާދައިގެ ކްރޫއަކަށް ވެސް މުސާރައާއި އެލަވަންސްގެ ގޮތުގައި 125 ޑޮލަރު ލިބޭކަމަށް އޭނާ ފަހަގަކުރިއެވެ. އެ ދުވަސްވަރަށް ބަލާއިރު އެއީ ރަނގަޅު ޢަދެދެއްކަން އޭނާ ފަހަގަ ކުރިއެވެ. އެއީ 1980 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ.

ޤައުމީ ޝިޕިންގ ލައިން ބަނގްރޫޓްވުން!

ރާއްޖޭގައި ޤައުމީ ޝިޕިންގް ލައިން އުފެދިގެން ގޮސް 1980ގެ އަހަރުތަކުގެ ކުރީކޮޅާ ޖެހެންދެން ވަނީ އެސިނާޢަތުގައި ބޮޑުކާމިޔާބީއެއް ހޯދައިފައެވެ. ޤައުމީ ޝިޕިންލައިން ދަރަނިވެރިވެ ބަނގުރޫޓްވެގެން ދިއުމުން ދައުލަތަށް މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހުނެވެ.

ޤައުމީ ޝިޕން ލައިނަށް ފައިދާ ވަމުން އައިސް ދުނިޔޭގެ އިޤްއިޤްތިޞާދަށް ކުރިމަތިވި ހީނަރު ކަމުގެ ސަބަބުނު 1980 ގެ އަހަރުތަކުގެކުރީ ކޮޅު ކުންފުނީގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. މިދުވަސްވަރު ބޯޓް ދަތުރުކުރުމަށް ދުނިޔޭގެ މަޝްހޫރު ބައެއް ކުންފުނިތަކުގެ ވިޔަފާރިވެސް ދަށަށް ގޮސް ވަނީ އަޑިއަޅާލައިފައެވެ. އެދުވަސްވަރުގެ ވިޔަފާރީދަށަށް ގޮސްފައިވާ މިންވަރު ފާހަގަކުރައްވައި ކޮލި ޢަލީ އުމަރުމަނިކު ލިޔުއްވައިފައިވަނީ " ފަނަރަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ  ބޯޓް ފަހަރުގެ އަގަކީ ދަބަރު ތަޅާ އަގުކަމުގައި ވެއްޖެ" ކަމަށެވެ.

އެމްއެސްއެލް އަލުން ބިނާކޮށް ފައިދާވާނެ ތަނަކަށް ހެދުމަށް އެދުވަސްވަރު ގިނަ މަސައްކަތްތަކެއް އޭރުގެ މެނޭޖްމެންޓުން ކުރެއްވިއެވެ. ހިންގުމުގެ ޚަރަދުކުޑަކޮށް މުވައްޒަފުން މަދުކުރެވުނެވެ. ބޭރުގެ ޤައުމުތަކުގައި ހުރި އޮފީސްތައް ބަންދުކުރެވުނެވެ. ފައިދާ ނުވާ ބޯޓްފަހަރު ދޫކޮށްލައި ބޭންކް ދަރަނި ކުޑަކުރުމަށް ބައެއް ބޯޓްތައް ވިއްކާލިއެވެ. ނަމަވެސް އެއިން އެއްވެސް ފިޔަވަޅަކުން ކުންފުންޏަށް ލިބެމުންދިޔަ ގެއްލުމުން އަރައިގަނެ ފައިދާވާ ތަނަކަށް ނުހެދުނެވެ. ނަތީޖާއަކަށްވީ އަހަރެއްގެ ތެރޭގައި އެމްއެސްއެލްއަށް ލިބުނު އެންމެ ބޮޑު ގެއްލުމުގެ ގޮތުގައި 1982 ވަނަ އަހަރު 6.6 މިލިއަން ޑޮލަރުގެ ގެއްލުން ވުމެވެ. އެމްއެސްއެލްގެ މެނޭޖްމަންޓުން 1983 ވަނަ އަހަރު ކުންފުނި އުވާލުމާ ގުޅޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާއަށް ވަނީ ސިޓީ ފުޅެއް ފޮނުއްވައިފައެވެ. ކުންފުނި އުވާލައިފިނަ އޭރުގައި ގެއްލުންވާނީ 1.9 މިލިއަން ޑޮލަރުކަމަށް އެސިޓީގައި ބަޔާންކުރައްވައިފައެވެ. އޭރު ނުދައްކައި އޮތީ 13.12 މިލިއަން އެމެރިކާ ޑޮލަރުގެ ލުއިލޯނެއްކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އެކުންފުނިން ސަރުކާރަށް ދެއްކި 15.98 މިލިއަން އެމެރިލާ ޑޮލަރަކީ އެލޯނު ދެއްކޭނެ މިންވަރެއްކަން ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. ކުންފުނީގެ މެނޭޖްމެންޓުން ކުންފުނި ހިމާޔަތް ކުރުމަށްޓަކައި ކުރެވުނު މަސައްކަތާއެކު 1988 އާ ހަމައަށް ވެސް ކުންފުނި ބަނގުރޫޓް ނުވެ ދެމި އޮތެވެ. ނަމަވެސް 27 ޖެނުއަރީ  1989 ގައި މެނޭޖްމަންޓުން ވަނީ ކުންފުނީގެ ހަލަތާ ބެހޭ ރިޕޯރޓެއް ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުއްވައިފައެވެ. އެރިޕޯރޓްގައި ބުނެފައި ވަނީ ހުރިހާ އުޅަނދެއް ވިއްކާލައި ކުންފުނި އުވާލައިފިނަ ސަރުކާރަށް ކުންފުނިން ދައްކައިފައިވާ 15.98 މިލިއަން ޑޮލަރުން ފަސް މިލިއަން ޑޮލަރު ބަކީ ކުރެވޭނެ ކަމަށެވެ. ނަމަވެސް އޭރުގެ ވިސްނުންހުރީ ކުންފުނި އުވާލައިފިނަމަ ލޯނު ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށެވެ. އަދި ކުންފުނީގައިތިބި 950 މުވައްޒަފުންގެ ވަޒިފާ އެއްފަހަރާ ގެއްލިއްޖެނަމަ އިޤްތިޞާދަށް ފާހަގަ ކުރެވޭވަރުގެ ލޮޅުމެއް އަރާފާނެކަމަށެވެ. އަދި އެމްއެސްއެލް އުވާލައިފިނަ ރާއްޖެއަށް މުދާ އެތެރެކުރުމުގެ ބާރު ބޭރުގެ ކުންފުނި ތަކުގެ އަތް މަތީގައި އޮތުމުން މުދަލުގެ އަގު ބޮޑުވެގެން ދިއުމެވެ.

އެމްއެސްއެލް އިން ސަރުކާރަށް ދެއްކި 15.98 މިލިއަން ޑޮލަރުގެ ފައިސާ ކުންފުނީގައި ހުރެގެން އަލުން އިންވެސްޓްކުރިނަމަ، ބޯޓްދަތުރު ކުރުމުގެ ވިޔަފާރީއަށް އައި ބަދަލާއެކު ދުނިޔޭގެ އެހެން ޤައުމުތަކުގައި ގެންގުޅޭ ސައިޒްގެ ޒަމާނީ ބޯޓްފަހަރުގެ ފްލީޓެއް އޮވެ، ދުނިޔޭގެ ޝިޕިން އިންޑަސްޓްރީގައި ވާދަކުރެވުނީސްކަމަށް ޢަލީ ޢުމަރު މަނިކް އޭނާގެ ފޮތުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ޤައުމީޝިޕިން ލައިންނަށް 1990 ގެ އަހަރުތަކަކީ ބޮޑެތި ގެއްލުން ތަކެއް ކުރިމަތިވި އަހަރުތަކެކެވެ. އޭރު މަސައްކަތް ކުރަމުންދިޔައީ ހަމައެކަނި މާލެއަށް މުދާ އުފުލުމުގައެވެ. ހިންގުމުގެ ޚަރަދުވެސް ކުންފުންޏަކަށް ނުލިބެއެވެ. އެންމެ ބޮޑު މައްސަލައަކީ މުދާ ނުބޭލި ގިނަ ދުވަސްތަކެއް ވަންދެން ބަނދަރުގައި އޮންނަން ޖެހުމެވެ. ކުންފުނީގެ ކުދި ބޯޓް ފަހަރުން މުދާ ނުބޭލި ބައެއް ފަހަރު ދެމަސްދުވަސް ވާކަމަށް ވެއެވެ. އެގޮތުން 1994 އާ ހަމައަށް އެގޮތަށް ލަސް ވުމުގެ 1.2 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ކުންފުންޏަށް ވިއެވެ.  މީގެ އިތުރުން އެޙާލުގައި ވެސް ޕޯރޓްސް އޮތޯރިޓީގެ ފަރާތުން ކަނޑައަޅައިފައިވާ މުދާ ބެހެއްޓުމުގެ އަގު ކަމުގައިވާ 50 ރުފިޔާގެ ދުވަހު ކުއްޔަކީވެސް ކުންފުންޏަށް އުފުލަން ޖެހުނު ބުރައަކަށް ވިއެވެ.

އެމްއެސްއެލް އިން ސަރުކާރަށް ދެއްކި ފައިސާ ކުންފުނީގެ މިލްކިއްޔާތުގައި ހުރިނަމަ ކުންފުނީގެ އެއްވެސް ދަރަންޏެއް ނޯންނާނެކަމަށް ޢަލީ ޢުމަރު މަނިކު ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ބޭންކްގައި 25 މިލިއަން ޑޮލަރަށްވުރެ އިތުރަށްވެސް ހުރީސްކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

"މިހެން އަޅުގަނޑު މިލިޔަނީ  ޔަޤީންކަމާއެކީގައެވެ. އެހެނީ 1970ގެ ކުރީ ކޮޅުގެ އަހަރުތަކުން ފެށިގެން އެމްއެސްއެލްގެ ފަރާތުން ސަރުކާރަށް  ނަގުދު ފައިސާއާއި ތަކެތިން 15.9 މިލިއަން ޑޮލަރު ވަނީ ދައްކައިފައެވެ. އެއި އެމްއެސްއެލްގެ ފައިދާއިން ބޯޓް ފަހަރު ގަތުމަށް  ބޭނުންވާ ބައި ބަހައްޓާފައެވެ. މިފައިސާ އާދައިގެ ބޭންކް އެކައުންޓެއްގައި އެވްރެޖް އިންޓަރެސްޓް ރޭޓް ކަމުގައިވާ 8 އިންސައްތައަށް ބަހައްޓައިފައި ހުރިނަމަވެސް މިހާރު ގާތްގަޑަކަށް 52 މިލިއަން ޑޮލަރު އިތުރުވެފައި ހުރީހެވެ.

ރާއްޖޭގެ އިޤްތިޞާދުގެ 80 އިންސައްތަ އެސިނާޢަތަކަށް ބިނާވެފައިވާ ފަތުވެރިކަން ފުރަތަ ރާއްޖެއަށް ތަޢާރަފްކުރުމަށް ބިނާ ކުރެވުނު ރިސޯޓްތައް ހެދުމުގައި ވެސް އެމްއެސްއެލްގެ ޙިއްޞާ ބޮޑެވެ. އަދި ރާއްޖެ އިޝްތިހާރުކޮށް ކުރިއެރުވުމަށްގައި ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނީ ވެސް ޤައުމީ ޝިޕިން ލައިނުންނެވެ. ދިވެހި ސަރުކާރުގެ ކޮންސިއުލާތައް ބޭރު ޤައުމުތަކުގައި ޤާއިމް ކުރެވެންދެން އެ ޚިދުމަތް ދެމުން އައި ޤައުމީ ޝިޕިން ލައިނުންނެވެ. ހަމައެއާއެކު އެމްއެސްއެލްގެ އޮފީހެއް ހުރި ކޮންމެ ތަނެއްގައި ސަރުކާރުގެ ކޮމާޝަލް އެޖެންޓްކަންވެސް ކޮށްފައި ވަނީ އެމްއެސްއެލް އިންނެވެ. މީގެ އިތުރުން ބޭސް ފަރުވާގެ ޚިދުމަތްވެސް އެކުންފުނިން ވަނީ ފޯރުކޮށް ދީފައެވެ. އޭރު ރާއްޖޭގައި ކުރެވުނު އިޤތިޞާދީ އަދި އިޖްތިމާޢީ ޢުމުރާނީ ތަރައްޤީގެ ހުރިހާކަމުގައި ޤައުމީ ޝިޕިންގލައިންގެ ޙިއްސާވެއެވެ.

"ޓުއަރިޒަމްގެ ސިނާޢަތް ރޯވެ ހެދިބޮޑުވީ އެމްއެސްއެލްގެ ފައިދާ އިން އިންދި އޮށުގެ ސަބަބުންނެވެ." ޢަލީ ޢުމަރު މަނިކް އޭނާގެ ފޮތަގައި ލިޔުއްވައިފައި ވެއެވެ.

އެމްއެސްއެލްގެ ހާލަތު 1995 ހިސާބަށް އައިއިރު އޮތީ ވަރަށް ބަނަކޮށް ހާސްކަމެއްގެ ތެރެގައި ކަމަށް ކޮލި ޢަލީ ޢުމަރު މަނިކު އޭނާގެ ފޮތުގައި ލިޔުއްވައިފައި ވެއެވެ. ނަގައިފައިވާ ލޯނުތައް ވެސް ދެއްކޭނެ ޤާބިލްކަން ކުންފުނީގައި ނެތެވެ. އެންމެ ފަހުން އެއް ބޯޓް ފިޔަވައި ހުރިހާ ބޯޓް ފަހަރު ވިއްކާލައި އެފައިސާ ވެސް ސަރުކާރާ ޙަވާލުކުރިއެވެ. ނަމަވެސް ގިނަ ސަބަބު ތަކަށްޓަކައި ސިންގަޕޫރުގައި ކުންފުނީގެ ފަރާތުން ހިންގަމުން ދިޔަ ޙަރާކާތްތައް ހުއްޓުމަކަށް ނުގެނެއެވެ.

އެމްއެސްއެލްއަށް ދިމާވި ބަނަ ދުވަސް ވަރުގައި އަލިމަގެއް ފެނޭތޯ އެކުންފުނިން ވަނީ ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް ވަދެފައެވެ. 1990 ވަނަ އަހަރު ވިލިވަރު ކުއްޔަށް ހިފައި 56 ކޮޓަރީގެ 112 އެނދުގެ ޓޫރިސްޓް ރިސޯޓެއް ހެދިއެވެ. އެރިސޯޓަށް ކުންފުނިން 2.77 މިލިއަން ޑޮލަރު އިންވެސްޓްކުރިއެވެ. ދެ ފަހަރެއްގެ މަތިން އިޓަލީގެ ދެފަރާތަކާ ޙަވާލުކޮށް ގެން ވެސް ހިންގޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން 9 ލައްކަ އެމެރިކާ ޑޮލަރުގެ ފައިދާއެއްގައި އަމިއްލަ ދިވެހި ފަރާތަކަށް ރިސޯރޓް ވިއްކާލީއެވެ.

ޤައުމީ ޝިޕިންލައިން އެމްއެސްއެލް، ފަހުން ނަން ބަދަލުކޮށް އާމެނޭޖް މެންޓެއްގެ ދަށުން ހިންގަންފެށިއެވެ. އެއީ މޯލްޑިވިސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ ނަމުގައެވެ. އޭރުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް (ސެންކޯ ޝަރީފް) ވިދާޅުވެފައި ވަނީ ކުންފުނީގެ ދަރަނި ބޮޑުވެ ބޯޓްތައް ވިއްކަން ފަށައިފައި ވަނީ 1990 ގައިކަމަށެވެ. އޭރު އެކުންފުނީގައި 90 ބޯޓް އޮތްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ކުންފުނި ބަނގުރޫޓް ވީއިރު އޮތީ ތިން ބޯޓެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، އެމްއެންއެސްއެލްގެ ދަރަނި އޮތީ 16.4 މިލިއަން ޑޮލަރަށް އަރާފައި ކަމަށް ޝަރީފު ވިދާޅުވިއެވެ. އެފައިސާ ދައްކައި ޚަލާސްކުރީ ވެސް ނަޝީދުގެ ވެރިކަމުގައި ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ނަމަވެސް އެމްއެންއެސްއެލް އުވާލުމުގެ މަސައްކަތްތަކާ ގުޅޭގޮތުން 2015 ވަނައަހަރު ނެރެފައިވާ އޮޑިޓް ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ބަގްރޫޓްވެ، އުވާލަން ޖެހޭ ހިސާބަށް ދިޔައީ، 2006 ވަނަ އަހަރުން ފެށިގެން ކުންފުނީގެ އޮޕަރޭޝަންތައް 2012 ވަނަ އަހަރު ހުއްޓާލުމާހަމައަށް ކުރިމަތިވި، 70.2 މިލިއަން ޑޮލަރުގެ ގެއްލުމާ ހުރެ ކުންފުނި އިތުރަށް ކުރިއަށް ނުގެންދެވި ދަރަނިތައް ބޮޑުވުމާ ގުޅިގެންނެވެ. އަދި ކުންފުނީގެ އެސެޓްގެ ގޮތުގައި ސިންގަޕޫރުގައި ހުރި ދެ ފްލެޓެއް ވިއްކާލައިގެން ދަރަނި އަދާކުރުމަށް ކުރެވުނު މަސައްކަތާއި ފިނޭންސުން ދައްކައިދިން ދަރަނިތަކާ އެކު ވެސް އެ ކުންފުނީގެ ދަރަނީގެ ގޮތުގައި ބަކީ  11.2 މިލިއަން ޑޮލަރު ނުދައްކާ ހުރި ކަމަށް ވެސް އެއޮޑިޓް ރިޕޯރޓްގައި ވައެވެ. ކުންފުނި އުވާލެއްވުމުގެ ކަންތައް ގެންގޮސްފައި ވަނީ ވެސް ރަނގަޅަށް ނޫންކަމަށް އޮޑިޓް ރިޕޯރޓްގައި ވަނީ ފާހަގަކުރަށްވައިފައެވެ. ރައީސްގެ ޤަރާރަކުން އެގޮތަށް ކަނޑައަޅައި ލިކުއިޑޭޓަރެއް ހަމަޖައްސައިގެން ދެފުށް ފެންނަ ގޮތަށް އެކަންތައްތައް ކުރުމަށް އޮޑިޓަރޖެނެރަލް ވަނީ ލަފާ ދެއްވައިފަވެ.

ދެހާސް އެގާރަ ވަނަ އަހަރު ޤައުމީ ޝިޕިންލައިންގެ މާލީ ޙާލަތު ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ރިޕޯރޓެއް އެކުލަވާލައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މާލިއްޔަތު ކޮމެޓީގެ ރިޕޯރޓްގައި ފާހަގަކޮށްފައިވަނީ އެހާ ގޯސްކޮށް، އެހާ ގިނަ ދުވަހު ކުންފުނި ހިންގުމުގެ ސަބަބުން ބޭރުގެ ބަނދަރުތަކުގައި ބޯޓްތައް ހިފެހެއްޓުމުން ފައިސާ ދައްކާފައި ވަނީ ސަރުކާރުން ކަމަށެވެ. ފޯނު ބިލުތަކަށް ވެސް ފައިސާ ދައްކާފައިވަނީ ސަރުކާރުންކަމަށެވެ. އެ ކުންފުންޏަކީ ނެގެހެއްޓޭނެ ކުންފުންޏެއް ނޫންކަމަށްވާތީ، ކޮމިޓީން އަރުވައިފައިވާ ލަފަޔަކީ ކުންފުނި ޕްރައިވެޓައިޒް ކުރުމެވެ. ނުވަތަ އެ ކުންފުނި ގަންނާނެ ފަރާތެއް ނުވިނަމަ ކުންފުނި ލިކުއިޑޭޓްކޮށް އެ ކުންފުނީގެ ވިޔަފާރި ހުއްޓާލުމަށެވެ. ސަބަބެއްކަމަށް ބުނެފައިވަނީ މެދު ނުކެނޑި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާ ޕަންޕް ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމަކަށް ނުވުމެވެ. އަދި ކުންފުންޏަށް އިތުރަށް ގެއްލުން ވުމުން ދައުލަތުގެ މާލިއްޔާ ހިމާޔަތް ކުރުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން، ޤައުމީ ޝިޕިންގލައިނާ ގުޅޭގޮތުން ގޮތެއް ނިންމެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެފައި ވަނީ 2010 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ސަރުކާރުން 45 މިލިޔަން ރުފިޔާ ހޭދަކޮށްގެން ވެސް ލިބުނު އެއްޗެއް ނެތް ކަމަށެވެ. އަދި އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ބޭރުގެ ބަނދަރުތަކުގައި ހިފަހައްޓާ އެ ކުންފުނީގެ ބޯޓުތަކުގެ މައްސަލައިގައި ރާއްޖޭގެ އަބުރާ ޝަރަފް ހިމާޔަތް ކުރުމަށް ވެސް ދައުލަތުން ބޮޑެތި ހޭދަތަކެއްކޮށްފައިވާ ކަމަށެވެ. ކުންފުނި އެ ހާލަތަށް ގެންދިޔައީ 30 އަހަރުގެ ސަރުކާރަކުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މެންބަރުން ބޭނުންފުޅުނަމަ އެހެންކަންކަން ބެލޭގޮތަށް އެކަންވެސް ބެއްލެވުމަށް އޭނާއެދިވަޑައިގެންނެވި އެވެ.  އޭނާ ގޮތަށް ވިދާޅުވީ ޤައުމީ ޝިޕިންގ ލައިން ބަނގުރޫޓްވުމުގައި ރައީސް މައުމޫނުގެ ސަރުކާރުގެ އިހްމާލު އޮތްކަމަށް ބުނެ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ރާއްޖޭގެ ފުރަތަމަ ޤައުމީ ޝިޕިންލައިން ބަނގުރޫޓްވީ ރަނގަޅަށް މެނޭޖު ނުކުރެވުމުގެ ސަބަބުންކަމަށް އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ސެންކޯ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޤައުމީ ޝިޕިންލައިނެއް އުފެއްދުމަށް ކުރިންވެސް މަސައްކަތް ކުރި!

އެމްޑީޕީ ސަރުކާރުން 2010 ވަނަ އަހަރު ވަނީ އެމްއެންއެސްއެލްގެ ކުރީގެ ބޯރޑް އުވާލައި އާބޯޑެއް އަޔަން ކުރައްވައި ކުންފުނީގެ ކުރީގެ އެމްޑީ ސެންކޯ ޝަރީފް ކުންފުނީގެ ޗެއަރމަނަކަށް އައްޔަން ކުރައްވައިފައެވެ. އާ މެނޭޖްމަންޓުން ދެއަހަރެއްހާ ދުވަހުގެތެރޭގައި އޭރު ކުންފުނީގައި އޮތްކަމަށް ބުނާ 16 މިލިއަންޑޮލަރުގެ ދަރަނި ވަނީ 2.5 މިލިއަން ޑޮލަރަށް ދަށްކޮށްފައެވެ. އަދި އެމްއެންއެސްއެލްގެ ބާކީ ހުރި މުދާ ބޭނުންކޮށްގެން ޝިޕިން ކޯޕަރޭޝަން އޮފް މޯލްޑިވްސް (އެސްސީއެމް) ގެ ނަމުގައި އާ ޝިޕިން ކުންފުންޏެއް އުފައްދަން 2012 ވަނަ އަހަރު ނިންމިއެވެ. އެމަސައްކަތް ފަށައިފައި ވަނީ މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް (އެމްއެންއެސްއެލް) އުވާލައި ޤައުމީ ޝިޕިން ލައިނެއް އުފައްދަން ބޭނުންވާނަމަ އެ ފުރުސަތު ސަރުކާރަށް ދިނުމަށް 2011 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ އެމްއެންއެސްއެލްގެ ބައެއް ދަރަނި ދެއްކުމަށް 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަ ކޮށްގެންވެސް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ދައުލަތަށް އުފުލަންޖެހުމާއި އެ ކުންފުނީގެ މާލީ ހާލަތު މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު ކުންފުންޏާމެދު އަމަލުކުރާނެ ގޮތަކާމެދު ހުށަހެޅި ރިޕޯޓަކާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށްވައިވަނީ އެ ކުންފުނި އުވާލުމަށްފަހު ޤައުމީ ޝިޕިންގ ލައިނެއް ސަރުކާރުން އުފައްދަން ބޭނުންވާނަމަ، އެފަދަ ކުންފުންޏެއް އުފެއްދުމުގެ ކުރިން އެ ވިޔަފާރީގެ ފީޒިބަލް ރިޕޯޓެއް ހެދުމަށްފަހު ގެއްލުމެއްނެތި ޝިޕިން ކުންފުންޏެއް ހިންގޭނެ ނަމަ އެ ވިޔަފާރި ކުރުމަށް ކުންފުންޏެއް ހެދުމުގެ އިހްތިޔާރު ސަރުކާރަށް ދިނުމަށެވެ.

އެމްއެންއެސްއެލް އުވާލުމުގެ ކަންކަން 2012 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރަށް ހުށަހެޅުމަށް ނިންމެވީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. އާ ޝިޕިންގ ކުންފުނި އުފެއްދުމަށް އޭރު ނިންމާފައި ވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުންނެވެ. ނަމަވެސް ޖެހިގެން އައި މަހުގެ ހަތްވަނަ ދުވަހު އޭރުގެ ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން  ވަނީ ސަރުކާރު ބަދަލުވެފައެވެ.

ޝިޕިންއިންޑަސްޓްރީއަށް އަނެއްކާވެސް ރާއްޖެ ވަނުން!

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ނަމުގައި ޝިޕިން ކުންފުންޏެއް އުފައްދައި ޝިޕިންގ އިންޑަސްޓްރީއަށް ރާއްޖެއިން އަނެއްކާވެސް ވަދެފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ދާދިފަހުން އިޢުލާންކުރައްވައިފައެވެ. ރާއްޖޭގައި އުފެއްދެވި ޝިޕިންގ ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެކުންފުނީގެ ފުރަތަމަ ބޯޓް މިއަދުގެ ވަގުތެއްގައި މާލެއަށް ބަނދަރު ކުރާނެއެވެ.

"ޝިޕިން ސިނާޢަތް ކުރިއެރުވުމުގެ މަސައްކަތް އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ހަދައިގެން ކުރިއަށް އެދަނީ. ފުރަތަމަ ބޯޓް މިމަހު ތިރީހުގައި ރާއްޖެ އަންނާނެ. އިރާދަކުރެއްވިއްޔާ އެއާއެކީގައި އެކަމަށް އިންވެސްޓްކޮށް އަނެއްކާވެސް ރާއްޖޭގައި ކުރިން އޮތް ޝިޕިންގެ ފަޚްރުވެރި ތާރީޚް އަނބުރާ ގެނައުމަށް މަސައްކަތް ކުރާނަން." ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަލަށް އުފެއްދި ޝިޕިންގ ލައިނާއެކު ރާއްޖޭގެ ވިޔަފާރިވެރިންގެ ޖީބަށް ލުއިވާނެ ކަމަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުޞައިން އަމްރު ވަނީ ވިދާޅުވެފައެވެ. އެސްޓީއޯ އަށް 55 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖެއަކީ ގިނަ އަދަދެއްގެ މުދާ އިމްޕޯޓު ކުރާ ގައުމަކަށް ވުމުން ޝިޕިން ލައިނެއް އޮތުން މުހިންމު ކަމަށެވެ.

"މިކަން އަޅުގަނޑުމެން ކުރުމުގެ މަގުސަދަކީ ވިޔަފާރިވެރިންގެ ޖީބަށް ލުއިކުރުން. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ގެންނަ މުދާ އަގު ހެޔޮވެ، ރައްޔިތުންނަށް ފަސޭހަކަމާ އެކު އަގުހެޔޮކޮށް މުދާ ލިބޭނެ،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ މައި ކުންފުންޏެވެ. އޭގެ ތެރޭގައި ކާޑުގެ ބާވަތްތަކުގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި ގޭތެރޭގެ ސާމާނު ވެސް ހިމެނެ އެވެ.

ޝިޕިން އިންޑަސްޓްރީ ދެމެހެއްޓުމަށް ޒުވާނުން ޝައުޤުވެރިކޮށް ތަމްރީނުކުރަންޖެހޭ!

މީގެ 30 ހަކަށް އަހަރު ކުރިން ރަށްރަށުގައި ތަނަވަސް ދިރިއުޅުމެއް އުޅުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބޯޓް ދަތުރު ކުރި މީހުންނެވެ. އޭގެތެރެއިން ބައެއް މީހުން އޭރު ލިބުނު އާމްދަނީ އިތުރަށް އިންވެސްޓްކޮށް މިއަދު ބޮޑެތި ވިޔަފާރި ވެރިންނަށް ވެފައިވާކަން ފާހަގަ ކުރެވެއެވެ. އުތުރުގެ ރަށަކަށް ނިސްބަތްވާ، ޤައުމީ ޝިޕިންގ ލައިންގެ ބޯޓްތަކުގައި މަސައްކަތްކޮށްފައިވާ މީހަކު ބުނި ގޮތުގައި މިހާރު ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ވެސް، ކުރިން ބޯޓްދަތުރުކުރުމަށްފަހު ވިޔަފާރި ފެށިމީހުން ހިމެނެއެވެ.

ފަރުދުންގެ ތަނަވަސްކަން އިތުރުވި ވަރަކަށް ދައުލަތަށްވެސް އެކަމުގެ ފައިދާ އިތުރުވެގެންދާނެއެވެ. އިންކަމްޓެކްސް ނުވަތަ ފަރުދުން އަތުން ނަގާ ޓެކްސް ތަޢާރަފްކޮށްފައިވުމާއެކު ވަކިވަރަކަށްވުރެ މަތިން އާއްމުދަނީ ލިބެމުންދާ ފަރުދުންގެ އަތުންވެސް ޓެކްސްނެގެމުން ދާނެތީއެވެ.

ރާއްޖޭގައި އަނެއްކާ ވެސް ޤައުމީ ޝިޕިން ލައިނެއް އުފައްދައި އެސިނާޢަތަށް ނުކުންނައިރު އެކަން ކުރަންޖެހޭނީ ދެމެހެއްޓެނިވި ގޮތެއްގައެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެކަންކުރުމަށް، އެސިނާޢަތަށް ދިވެހި ޒުވާނުން ޝައުޤުވެރިކޮށް ދިވެހިން އެވަޒީފާތަކަށް ނެރުމަށް ބާރު އަޅަން ޖެހެއެވެ. އެހެން ނޫނީ މިއަދު ފަތުރުވެރިކަމުގެ ސިނާޢަތާއި ޢިމާރާތް ކުރުމުގެ ސިނާޢަތުން ފެންނަމުންދާ ފަދަ ގޮތަކަށް ޝިޕިންގ އިންޑަސްޓްރީގައިވެސް ބިދޭސީން ގެންގުޅެން ޖެހިދާނެއެވެ. އެހެން އެކަން ވެއްޖެނަމަ އެސިނާޢަތުން ރާއްޖެއަށް ލިބެންވާވަރަށް ނަފާ ނުލިބި ލިބޭ ޑޮލަރުކޮޅުން ބައެއް އަނބުރާ ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.