ކޮވިޑް-19: ޗައިނާއިން ހަދިޔާކުރި ބޭހުގެ ފުރަތަމަ ޝިޕްމެންޓް މާލެ ގެނެސްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާއިން ރާއްޖެއަށް ދިން ފުރަތަމަ އެހީގެ ޝިޕްމެންޓް މިއަދު މާލެ ގެނެސްފި އެވެ.

މިއީ ޗައިނާއިން ރާއްޖެއަށްދިން ކުއްލި އެހީއެއް ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިޒޯން މިއަދު ވަނީ ވިދާޅުވެފައެވެ. އިންޑިއާއިން ވެސް ވަނީ ރާއްޖެއަށް ބޭހުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާއިން ރާއްޖެއަށް މިއަދު ފޮނުވި އެހީގެ ތަކެތީގެ ތެރޭގައި ބޭހުގެ ސާމާނުގެ އިތުރުން އެހެން ސާމާނުތައްވެސް ހިމެނެއެވެ.

ޗައިނާއިން ރާއްޖެއަށް ދިން މިއެހީ ރާއްޖެއާ ހަމައަށް ނައިސް ލަސްވީ ކޮވިޑް 1 ގެ ސަބަބުން ދަތުރުފަތުރުކުރުމަށް އައި ދަތިތަކެއްގެ ސަބަބުންނެވެ. އިމަޖެންސީ ހާލަތުގައި ރާއްޖެއަށް މިސާމާނު ބޭނުންވިނަމަ ޗައިނާއިން ޚާއްސަ ފުލައުޓެއްގައި ވެސް އެތަކެތި ފޮނުވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައވެ.

ޗައިނާއާއި، އިންޑިއާގެއިތުރުން އެހެން ބައެއްގައުމުތަކުން ވެސް ރާއްޖެއަށްވަނީ އެހީތެރިކަން ފޯރުކޮށްދިފައެވެ.

ޗާއިނާއިން މިއަދު ރާއްޖެ ފޮނުވި އެހީގެ ސާމާނު ގުދަންކޮށް ރައްކާތެރި ކުރުމަށް އެމްއެންޑީއެފްގެ ސިފައިންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާއިން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ދިހަހާސް އަށްޑިހަ މެޑިކަލް މާސްކާއި، ތިރީސް ހާސް ސާޖިކަލް މާސްކާއި، ދިހަހާސް އަންގިއާއި، މީހުން ބަލަން ޑޮކްޓަރުން ގެންގުޅޭ، ފަސް ސަތޭކަ ކަށިގަނޑާއި  ދުއިސައްތަ ގްލައުވްސްއާއި، ފަސް ސަތޭކަ ގައުންއެވެ.

މީގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ދިހަހާސް ކިޓް ދޭން ވެސް ނިންމައިފައެވެ. .

ކޮވިޑް-19 އިން ސަލާމަތްވުމަށް ރާއްޖެއިން މިހާރު އަޅަމުންގެންދާ އަދި އަޅައިފައިވާ ފިޔަވަޅުތަކަށް ޗައިނާގެ ސަފީރުވަނީ ތަޢުރީފް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.