ކޮރޯނާ ވައިރަސް މިހާތަނަށް ފެނިފައިވަނީ ބާރަ ގައުމަކުން

ކޮރޯނާ ވައިރަސް މިހާތަނަށް ފެނިފައިވަނީ ޗައިނާ ހިމެނޭ ގޮތުން ޖުމްލަ ބާރަ ގައުމަކުންނެވެ.

ޗައިނާ ފިޔަވައި މިބަލިފެނިފައިވާ ގައުމުތަކުން މި ބަލި ޖެހިފައިވަނީ 37 މީހުންނަށެވެ. އެ 37 މީހުންނަކީ ޗައިނާއިން ބޭރުގައި އެބަލި ޖެހުނު މީހުންނެވެ. އޭގެ ތެރެއިން 36 މީހުންނަކީ ޗައިނާއަށް ޒިޔާރަތް ކޮށްފައިވާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވިއެވެ. އޭގެ ތެރެއިން 34 މިހުންނަކީ ޗައިނާއިގެ ވޫހާން ސިޓީއަށް ދަތުރު ކޮށްފައިވާ މީހުންނެވެ. ޑަބަލިޔުއެޗުއޯ އިން ވިދާޅުވެފައިވަނީ ދުނިޔޭގެ ނިސްބަތުގައި ބަލިފެތުރުން މަތި ކަމަށެވެ.

އިއްޔެގެ ނިޔަލަށް މުޅި ދުނިޔެއިން 2798 މީހުންނަށް ވަނީ މިބަލިޖެހިފައެވެ. އޭގެ ތެރެއިން 2741 މީހުންނަށް މި ބަލިޖެހިފައިވަނީ ޗައިނާގައެވެ. މިބަލީގައި 461 މީހުންގެ ހާލު ބޮޑުވިއެވެ. މިބަލީގައި އިއްޔެއާ ހަމައަށް މަރުވެފައިވަނީ 80 މީހުންނެވެ.

މާތްﷲގެ ރަޙުމަތްފުޅުން ރާއްޖެއިން އަދި މިބަލި ފެނިފައެއް ނުވެއެވެ. މިބަލިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އެގޮތުން ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓާއި ގަންއިންޓަރނޭޝަނަލް އެއާޕޓުގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނިހޫނުމިން ހުރި މިންވަރު ދެނެގަތުމަށްޓަކައި ތާމަލް ކެމެރާ ވަނީ ބޭނުންކުރަން ފަށައިފައެވެ.

އެއިން ހުންހުރިކަން ދައްކާ ފަސިންޖަރުން ސްކްރީން ކުރުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވައިފައެވެ. ބައްޔަށް ޝައްކުކުރެވޭ އަދި އަލާމާތްތައް ފެންނަ މީހުންނަށް ރައްކާތެރި ކަމާއެކު ފަރުވާ ދިނުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފައެވެ. އެބަޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖަނަމަ އަމަލުކުރަންވީ ގައިޑުލައިން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ވަނީ ފޯރުކޮށްދީފައެވެ. އެ ގައިޑުލައިން ވަނީ އެއާޕޯޓުގައި މަސައްލަތްކުރާ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ރިސޯޓުތަކަށާއި ލޯކަލް ގެސްޓުހައުސްތަކަށާއި، ފަތުރުވެރިކަމާ ގުޅޭ އެހެނިހެންޖަމިއްޔާ ހަމާއަތްތަކަށް ވެސް އެ ގައިޑުލައިން ވަނީ ފޯރުކޮށްދީފައެވެ.

އެ ބަލީގެ ސަވައިލަންސް ކްރައިޓީރިއާއަށް ފެތޭ ފަތުރުވެރިންނަށް ފަރުވާދިނުމަށް ޚާއްސަތަނެއް ވަނީ ވަސީލަތްތަކާއެކު ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓާއި ހުޅުމާލެއާއި ދަރުމަވަންތަ ހޮސްޕިޓަލުގައިވަނީ ގާއިމްކޮށްފައެވެ. ބައްޔާބެހޭ މައުލޫމާތު ދިނުމަށް ހޮޓްލައިނެއް ވެސް ވަނީ ގާއިމްކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.