ނޮވެލް ކޮރޯނާ ވައިރިސް (ކޮވިޑް- 19) ދުނިޔޭގެ އެހެން ގައުތަކާއި ޚިލާފަށް އަވަހަށް ފެތުރި ނިސްބަތުން މާ ގިނަ ބަޔަކު މަރުވަމުން ދިއުން ވަނީ ގިނަ ބަޔަކަށް ސުވާލު އުފެދިފައިވާ ކަމަކަށް ވެއެވެ. މިއަދާއި ހަމައަށް އައިއިރު އިޓަލީގެ 59 ހާހަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހި، މި ބަލީގައި 5 ހާހާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ %9 އަށްވުރެ މަތީ އަދަދެކެވެ. މި ބަލި އެންމެ ފުރަތަމަ ފެނުނު، އަދި އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޗައިނާގައި 81 ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް- 19 ޖެހުނުއިރު، މި ބަލީގައި މަރުވެފައި ވަނީ 3200 އެއްހާ މީހުންނެވެ. އެއީ ބަލިޖެހުނު މީހުންގެ ގާތްގަނޑަކަށް %4 އެވެ.
ލޮރީތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް އަސްކަރީ ލޮރީތަކުގައި ގެންދާ މަންޒަރު ފެނުމުން އިޓަލީއަށް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އައިސްގެން އުޅުން ފަދައޭ ބައެއް މީހުން ބުނެފައި ވެއެވެ. މިފަދަ ހިތާމަވެރި ހާލަތަކަށް 60 މިލިއަން މީހުންގެ އާބާދީއެއް އޮތް، އަދި ޔޫރަޕްގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު، އިޓަލީ ވެއްޓުނު ގޮތާމެދު އެކި ފަރާތްކުން ތަފާތު ގޮތްގޮތަށް ޚިޔާލު ފާޅުކޮށްފައި ވެއެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވާހަކަތަކުން އެކަމުގެ 10 ސަބަބެއް ފާހަގަކޮށްލެވެއެވެ.
ފުރަތަމަ ކަމަކަށް، ބަލި ފެށިގެން އައިއިރު އިޓަލީ މީހުން އެކަން ގަބޫލުކުރަން ބޭނުން ނުވިއެވެ. މީހުން ގައިގޯޅިވެ އުޅުން ހުއްޓުވުމަށާއި، ދަތުރު ފަތުރު މަނާކުރުމަށް ފިޔަވަޅު އަޅަން ޖެހުނު ވަގުތު އަޅާފައި ނުވެއެވެ. ޚަބަރުތައް ބުނާ ގޮތުގައި ވަގުތުއޮއްވައި ފިޔަވަޅު އެޅުމަށް ތަޖުރިބާކާރުން ލަފާދިނެއެވެ. އެހެންނަމަވެސް ސަރުކާރުން އެ ވަގުތު އެކަން ބޭނުން ނުވިއެވެ.
ދެވަނަ ކަމަކަށް، އަވަހަށް ޓެސްޓުކޮށް ބަލިޖެހިފައިވާ މީހުން އެކަހެރިކުރުމުގެ ފައިދާ އެނގޭ އިރުވެސް، ފުޅާ ދާއިރާއެއްގައި ކޮރޯނާ ވައިރަސްއަށް ޓެސްޓުކުރަން އިޓަލީގައި ފެށީ މާ ލަހުންނެވެ.
ތިންވަނަ ކަމަކަށް، އަޅާނުލުގެ ސަބަބުން ކުއްލި ގޮތަކަށް ފެތުރިގަތް ކޮވިޑް- 19 ގިނައިން ޖެހުނީ އިޓަލީގެ އުތުރު ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި، ބޮޑެތި ބަލިތަކަށް ދިގުމުއްދަތަކަށް ފަރުވާ ހޯދަމުން ދިޔަ މީހުންނަށެވެ. ގިނަ ބަޔަކަށް މި ބަލި ޖެހި ހާލު ބޮޑުވިއިރު، އުތުރު ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި އެކަށީގެންވާ ވަރަށް އައިސީޔުއާއި، ވެންޓިލޭޓަރު ނެތެވެ.
ހަތަރުވަނަ ކަމަކަށް، އިޓަލީއަކީ އުމުރުން ދުވަސްވީ މީހުން ނިސްބަތުން އެންމެ ގިނަ އެއް ގައުމެވެ. އެ ގައުމުގެ އާބާދީގެ %23.3 އަކީ 65 އަހަރުން މަތީގެ މީހުންނެވެ. އެ އުމުރުގެ މީހުންގެ މެދުގައި ބަލި ފެތުރި ގިނަ ބަޔަކު މަރުވަނީއެވެ.
ފަސްވަނަ ކަމަކަށް، ފޮކްސް ނިއުސްއިން ކުރި ދިރާސާއަކުން ދައްކާ ގޮތުން އިޓަލީގެ ސަގާފަތާއި އެއްގޮތަށް އެއް އާއިލާއެއްގެ އެތައް ޖީލެއްގެ މީހުން އެއް ގެއެއްގައި އުޅުމާއި، އާއިލީ މުނާސަބާތައް އާއިލާ އެކުގައި ފާހަގަކުރުން ހިމެނެނީ ކޮވިޑް- 19 އަވަހަށް ފެތުރުނު އެއް ސަބަބު ކަމުގައެވެ.
ހަވަނަ ކަމަކަށް. ޒުވާނުންގެ ތެރޭގައި ކޮވިޑް- 19 ޖެހިފައި އަލާމާތްތައް ނުފެންނަ މީހުން ގިނަ ވުމުން، އެ ފަދަ މީހުން އުމުރުން ދުވަސްވީ މީހުންނާއި ގައިގޯޅިވެ އުޅުމުން، މަތީ އުމުރުގެ މީހުންނަށް ބަލިޖެހި، އެބަލީގައި ހާލު ބޮޑުވެ މަރުވާ ހިސާބަށް ދަނީއެވެ.
ހަތްވަނަ ކަމަކަށް 'ޑިމޮގްރާފިކް ސައިންސް' މަޖައްލާއިން ބުނެފައިވާ ގޮތުގައި އިޓަލީއަކީ ދުނިޔޭގައި ނިސްބަތުން އުމުރުން ދުވަސް މީހުން ދެވަނައަށް އެންމެ ގިނަ ގައުމަށް ވާއިރު، އެ ގައުމުގެ ޒުވާނުންނަކީ އެ މީހުން ކާފައިންނާއި މާމައިންނަށް ވަރަށް ގިނައިން ޒިޔާރަތްކޮށް އެކުގައި ވަގުތު ހޭދަކުރާ ބައެކެވެ.
އަށްވަނަ ކަމަކަށް، ސިއްހީ ތަޖުރިބާކާރަކު ބުނެފައިވާ ގޮތުގައި، އިޓަލީން އެންމެ ފުރަތަމަ ހެދި އެއް ގޯހަކީ ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެމުން ދިޔަ އިރު، ޗައިނާ އިޓަލީއަށް ދަތުރުކުރުން ނުހުއްޓުވުމެވެ. މިކަމުގެ ސަބަބުން އެ ވައިރަސް ހަށިގަނޑުގައި ހުރި އެތައް ބަޔަކު އިޓަލީއަށް އެތެރެވާން ފުރުސަތު ލިބުމެވެ.
ނުވަވަނަ ކަމަކަށް، އިޓަލީން ހެދި ގޯހަކީ ޗައިނާއިން އެނބުރި އައި މީހުން ކަރަންޓީނުކޮށްފައި ނުބޭތިއްބުމެވެ. އޭރު ދުނިޔޭގެ ގިނަ ގައުމުތަކުން ދިޔައީ ޗައިނާއިން އެ ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓަމުންނެވެ. ނުވަތަ ޗައިނާއިން އަންނަ މީހުން ކަރަންޓީނު ކުރަމުންނެވެ.
ދިހަވަނަ ކަމަކަށް، އިޓަލީގެ ސިޔާސީ މަތިފަޑީގައި ތިބި މީހުން ދިޔައީ މި ބައްޔާމެދު ފަރުވާ ކުޑަކުރަމުންނެވެ. ނުވަތަ މި ބައްޔާ މެދު އަޅަންވީ ފިޔަވަޅުތަކާމެދު ދެބަސްވެ އަރައިރުން ވަމުންނެވެ. ބައެއް ސިޔާސީ ލީޑަރުން ޓީވީތަކަށް އަރައި ރައްޔިތުންގެ ދިރިއުޅުމުގެ ކަންތައް އާދައިގެ މަތިން ކުރިއަށް ގެންދިއުމަށް ގޮވާލާފައިވެސް ވެއެވެ.
ކޮންމެއަކަސް، ކޮރޯނާ ވައިރަސް (ކޮވިޑް- 19) ގެ ކުރިމަތީގައި އިޓަލީއަށް ޖެހުނު ހާލު މިއަދު އޮތީ އެންމެންނަށް އިބުރަތަކަށް ވެފައެވެ.
???
????