ރާއްޖެއަށް އަންނަ ޑޮކްޓަރުން ވެސް ސީދާ ދާންޖެހޭނީ ކަރަންޓީނަށް: މަބްރޫކް

ނޭޕާލުގައި ތިބި ދިވެހި ޑޮކްޓަރުން ވެސް މާލެ އަންނަ ގޮތަށް އައިސް ދާންޖެހޭނީ ސީދާ 14 ދުވަހުގެ ކަރަންޓީނަށް ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ނޭޕާލުގައި ތިބި ދިވެހި ޑޮކްޓަރުންގެ ތެރެއިން 33 ޑޮކްޓަރަކު މިހާރުވަނީ ރާއްޖެ ވަޑައިގެންފައި ކަމަށެވެ. މި ބޭފުޅުން ރާއްޖެ ގެނެސްފައިވަނީ ސަރުކާރުން ކަމަށް ވެސް ވިދާޅުވިއެވެ. އިތުރު 10 ޑޮކްޓަރަކު ވަނީ އިއްޔެއާއި މިއަދު މާލެ ވަޑައިގެންފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ދިހަ ބޭފުޅުން ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ޓިކެޓުގައެވެ. "މިހުރިހާ މީހުންވެސްދާނީ ހަމަ ސާދަ ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ފެސިލިޓީތަކަށް،" މަބްރޫކު ވިދާޅުވިއެވެ.

ސަރުކާރުން މިބޭފުޅުން ގެންނެވީ ރާއްޖޭގައި ގާއިންކުރާ އެކި ކަހަލަ ހެލްތު ފެސިލިޓީތަކުގައި މަސައްކަތް ކުރުމަށެވެ. ރާއްޖޭގައި މިހާރު ކުރި ކަރަންޓީނު ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ޑޮކްޓަރުންނާއި ނަރުހުންނާއި، އެހީތެރިވާނެ ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން މަބްރޫކް ވިދާޅުވީ އިތުރު އައިސީޔޫ ހެދުމަށް ބޭނުންވާ ސާމާނަށް އޮޑަރުކޮށް އެތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެކަންކަމުގައި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަން ވަރަށްބޮޑަށް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.