ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރެއިން ކަރަންޓީން ފެސިލިޓީއަށް މީހުން ގެންދިއުމުގެ ކުރީން ގޭގައި ކަރަންޓީނު ކުރެވުނު މީހުންވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނުނަސް އަވަހަށް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ.
ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިހެން ވިދާޅުވީ މިރޭ ބޭއްވި ކަރަންޓީން ފެސިލިޓީގައި ތިބި ބައެއްގެ ތެރެއިން ކަރަންޓީންގެ މުއްދަތު ކަމަށްވާ 14 ދުވަސް ހަމަކުރުމަށްފަހު ޓެސްޓް ހެދިއިރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީއެވެ. ޕްރޮތޮކޯލް އޮންނަ ގޮތުން 14 ދުވަހު ކަރަންޓީނު ކުރުމަށްފަހު ބަލީގެ އަލާމާތެއް ނުފެނިއްޖެނަމަ އެމީހުން ދޫކޮށްލެވޭނެ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ މިރޭ ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކަށް މީހުން ގެންދަންފެށީ ވަކި ހިސާބަކުން ކަމަށެވެ. "އޭގެ ކުރީން ގޭގޭގައި ވެސް ކަރަންޓީން ކުރެވިފައި އެބަހުރި. އެހެންވީމާ ގޭގޭގައި ކަރަންޓީން ކުރެވުނު ފަރާތްތަކުން ވެސް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ އަވަހަށް ރިޕޯޓު ކުރައްވައި އެކަމަށް ބޭނުންވާ ކަންކަން ކުރެއްވުމަށް މަގުފަހިކޮށްދެއްވާ،" އޭނާ ވިދާޅުވިއެވެ.
މައިމޫނާ ވިދާޅުވީ މިހާރުވަނީ ހަރުދަނާ ކުރަންޖެހޭ އިތުރު ކަންކަން ފާހަގަ ކުރެވިފައި ކަމަށެވެ. އެފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޑީޖީ ވިދާޅުވީ މިވަގުތު ވެސް އޭނާގެ މައިގަނޑު އިލްތިމާސަކީ ކަރަންޓީނަށް ގެންދާ މީހުން ވެސް އަދި ގޭގައި މަޑުކުރަން އަންގާ މީހުންވެސް އަންގާ ގޮތަކަށް އަމަލުކުރުން ކަމަށެވެ. އިނގިރޭސިވިލާތުން ރާއްޖެ އައި ފަތުރުވެރިއަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. "ކޮވިޑު 19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުން ފާހަގަވަމުދާ ކަންކަމަށް ބަލާއިރު އަނެއްކާވެސް އައު މަރުހަލާއަކަށް އާދެވިފައިވާކަން. ދިވެހިރާއްޖޭގެ ދިވެއްސެއްގެ ގައިން ޕޮޒިޓިވްވެފައިވާކަން ފާހަގަވެފައި މިވަނީ. ދިވެއްސެގެ ފަރާތުން ފެނިފައިވިޔަސް އަޅުގަނޑުމެންނަށް ފެނިފައި މިވަނީ ކަރަންޓީނުގައި މިހާރުހުރި ފަރާތެއް. އެހެންވީމާ މިއިން ފާހަގަވެގެން މިދަނީ ކަރަންޓީނު ކުރުމުގެ މުހިންމުކަމާއި ކަރަންޓީން ކުރުމުގެ މައިގަނޑު ސަބަބުތައް ރަނގަޅަށް ދެނެގަނެ އެގޮތަށް ކަރަންޓީންގައި ތިބުމުގެ މުހިންމުކަން،" ޑީޖީ ވިދާޅުވިއެވެ.