މުގާބިލާ - 34

(8 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

މަސައްކަތް ބުރަވެ އަވަދިނެތި އުޅޭ ވަގުތު ގިނަވާން ފަށައިފިއެވެ. އެކަމަކު އެ ބުރަކަމަކީ ހިތަށް ހަމަޖެހުން ލިބޭ ބުރަކަމަކަށްވެސް ވެއްޖެއެވެ. ކާގޭގެ މަސައްކަތް ފެށިއްޖެއެވެ. ސުލައިމާނާއި ޢަދްނާނާ ދެމީހުންވެސް އުޅެނީ ކާގޭގެ މަސައްކަތުގައި އަވަދިނެތިއެވެ. ލަސްތަކެއް ނުވެ މުޅި ރަށަށް އެތަން މަޝްހޫރު ވެގެން ހިނގައްޖެއެވެ. ކާން އަންނަ މީހުން ގިނަ ކަމުން ޖާގައިގެ ދަތިކަން ކުރިމަތިވާންވެސް ފަށައިފިއެވެ. ފޯރާ އަދި ތަނަވަސް މީހުން އަންނަ ކަމުގައިވެސް ފާހަގަ ކުރެވެއެވެ. އެއީ ހައިރާންވާން ޖެހުނު ކަމެކެވެ.

"މިއީ ދެން ކޮންފަދަ ނުފޮރުއްޕާނެއް." އެއް ދުވަހަކު ޢަދްނާން ނުރުހިފައި ބުންޏެވެ. "އަހަރެމެންގެ ގައުމުގެ މައްސަލައަކީ މިއީ. އަމިއްލަ އެދުމެއް ކުރިމަތިވީމާ ހައްގުގެ ފަލްސަފާ ވިސްނޭ މީހަކު ނޫޅޭ. ފަގީރު ނިކަމެތިންނަށް ކަމެއް ކޮށްދޭން އުޅުމާއެކު ތަނަވަސް މީހުން އައިސް ސަފު ހަދައިލާ. އިޚްލާސްތެރިކަމުގެ ކަންފުޅެއްވެސް ނެތް."

"ތިޔަ ކަހަލަ ވާހަކަ ނުދައްކާ." ސުލައިމާން އޭނާއަށް ވިސްނައި ދިނެވެ. "އަހަރެމެން ހުޅުވީ ބަނޑުހައި ވެފައި ތިބޭ މީހުންނަށް ކާންދޭ ތަނެއް. ފަގީރުންވެސް މުއްސަނދީންވެސް ބަނޑުހައިވާނެ."

"އެކަމަކުވެސް..."

"ފަށައިގަންނަ ދުވަސްކޮޅު މި ކަހަލަ މަންޒަރު ފެންނާނެ. ދުވަސްކޮޅަކުން އާާދަވެދާނެ. ދެން ފެންނާނީ ހައްގު މީހުން އަންނަތަން."

"އެކަމަކު ޚަރަދާމެދުވެސް ވިސްނައިލާން ޖެހޭނެއެއްނު؟"

"ވިސްނާނެ ކަމެއް ނެތް. މިހާރު ކާާގޭގެ ކަންތައް ހަމަޖެހިފައި އޮތް ގޮތުން ބައެއްގެ އެހީތެރިކަން ނުލިބުނަސް ނުހުއްޓި ކުރިއަށް ދާނެ. ކުޅިވަރު ބަލަން ހުރޭ."

ސުލައިމާންގެ ވާހަކަ ތެދެވެ. މަހެއްހައި ދުވަސް ވުމާއެކު އަންނަ މީހުން މަދުވާން ފަށައިފިއެވެ. މީހުން ކާން  އައުން ހުއްޓުނީއެއް ނޫނެވެ. މިހާރުވެސް ވަރަށް ގިނަ މީހުން އާދެއެވެ. އެކަމަކު މިހާރު ޖާގައިގެ މައްސަލައެއް ނުޖެހެއެވެ. މިހާރު އަންނަނީ ހަމަ ހަގީގަތުގައިވެސް ނިކަމެތި މީހުންނެވެ. ސަލާންޖަހާ މީހުންވެސް އާދެއެވެ. ސަލާން ޖަހައިގެން ފައިސާ ހޯދި ކަމުގައި ވިޔަސް އެމީހުންވެސް ކާން ބޭނުން ވަނީ ހިލެއެވެ. އެހެން ރަށްރަށުން ދަތުރުވަރިއެއްގައި އައިސް އުޅޭ މުސާފިރުންވެސް ކާން އާދެއެވެ.

ދަރުމަ ކާގޭގެ ކަންތައްތައް ވަކި ނިޒާމެއްގެ މަތީން ރަނގަޅަށް ހިނގާން ފަށައިފިއެވެ. ކާން ދިނުމުގެ ކަންތައް ހުއްޓުމެއް ނެތި ކުރިއަށް ދެއެވެ. ކައްކާ މީހުން އިހަށް ތިބީ ކަންބޮޑު ވެފައެވެ. އިރުއިރުކޮޅާ ކައްކާން ޖެހުނީމާ އުނދަގޫ ވެފައެވެ. އެކަމަކު މިހާރު މީހުން މަދުވާން ފެށީމާ ފަސޭހަ ވެއްޖެއެވެ. އެކަށީގެންވާ ވަރުގެ ބޮޑު މުސާރައެއް ލިބޭތީ ކައްކާ މީހުންވެސް ތިބެނީ އުފަލުންނެވެ.

ސުލައިމާންގެ ނަސީބު ރަނގަޅު ކަމުން ލިބިފައި ހުރީ ވަރަށް ރަނގަޅު ހީވާގި މެނޭޖަރެކެވެ. އިތުބާރު ކުރެވޭ އިޚްލާސްތެރި މީހެކެވެ. ނިޒާމު ހަމަ ޖައްސައިފައި އޮތް ގޮތުން މަކަރެއް ހެދުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. ވުމާއެކު ދޮޅު މަހެއްހައި ދުވަސް ވުމާއެކު ޢަދްނާނާއި ސުލައިމާނާ ދެމީހުންނަށް ހަމަޖެހިލާނޭ ފުރުސަތު ލިބިއްޖެއެވެ. ފާއިތުވީ ދުވަސްކޮޅުގެ ތެރޭގައި ދެމީހުންނަށް ހަމަ ނިދި ލިބުނީ އެންމެ ދެތިން ރެއަކުއެވެ.

ފުރުސަތު ލިބުމާއެކު ސުލައިމާންގެ އިޖުތިމާއީ ދިރިއުޅުން ފެށިއްޖެއެވެ. މި ފަހަރު ކުރިޔާ ތަފާތެވެ. މީހުން އޭނާއަށް ގަދަރު ކުރާން ފަށައިފިއެވެ. ނޫސްތަކުގައި އޭނާގެ ފޮޓޯއާއި ވާހަކަތައް ޖަހައިފައި ހުރީމައެވެ. ޓީވީ ތަކުން އޭނާ ފެންނާތީއެވެ. ރަށުގައި ހިލޭސާބަހަށް ނިކަމެތިންނަށް ކާންދޭ ދެމީހަކު ވަނީ ވަރަށް ބޮޑަށް މަޝްހޫރު ވެފައެވެ. އެއީ ސުލައިމާން އަޙްމަދާއި ޢަދްނާން އަޙްމަދެވެ.

އިޖްތިމާއީ ދިރިއުޅުން ފެށުމާއެކު ސުލައިމާން އާދައިގެ މަތީން ހަރާދުކިޔުމުގެ ކަންތައް ފަށައިފިއެވެ. އެޔާއެކު އައު ވައްތަރެއްގެ މައްސަލަޔަކާވެސް ކުރިމަތިލާން ޖެހިއްޖެއެވެ. މީގެ ކުރީން އޭނާ ދުވަހަކުވެސް ހަރާދު ކިޔައިގެން ބައްޔެއް ނުވެއެވެ. އެކަމަކު މިހާރު އޭނާ މޮޅުވާ ގޮތެއް ނުވެއެވެ. ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ.

* * *

ޝައިޠާނުންގެ ކުއްލި ޖަލްސާއެއް ބާއްވައިފިއެވެ. ރިޔާސަތުގައި އިނީ އިބިލީހެވެ. މި ޖަލްސާ ބާއްވާން ޖެހުނީ ސުލައިމާނާ ހެދިއެވެ. އޭނާގެ ކާގޭގެ ކަންތައް ވެގެން ދިޔައީ ޝައިޠާނުން ވަރަށް ކަންބޮޑުވާން ޖެހުނު ކަމަކަށެވެ.

"ގޮހޮރަކީ... ބަނޑަކީ ވަރަށް އާދަޔާ ޚިލާފުއެއްޗެއް." އިބިލީސް ބުންޏެވެ. "އެއީ ބާވަތެއްގެ ޖަހަންނަަމައެއް. ބަނޑު ފުރުމަށްޓަކައި އާދަމުގެ ދަރިޔާ ޖަަހަންނަމައިގެ ކާނާއަކަށް ވާންވެސް ފަހަކަށް ނުޖެހޭނެ."

"ތިޔަ ވިދާޅުވީ ތެދުފުޅެއް... މާތް މަނިކުފާނު." އޭނާގެ ނާއިބު ތާއީދު ކުރިއެވެ. "އެންމެ ފަސޭހައިން މަގުފުރައްދައިލެވެނީ ބަނޑުހައިވެފައި ހުންނަ މީހާ."

ލާހިދަރީންގެ ތާއީދުގެ އަޑުން މުޅިތަން ގުގުމައިލިއެވެ. "ތިޔަ ވިދާޅުވީ ތެދުފުޅެއް."

"އެހެންވީމާ މި ދުވަސްކޮޅު އަހަރެމެންގެ މަސައްކަތަށް މި ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައި." ދަށުދަރަޖައިގެ ޝައިޠާނަކު ބުނެލިއެވެ.

"ރަށު ތެރެއިން ބަނޑަށް ހުރި މީހަކު ހޯދުމަކީ މިހާރު ވަރަށް ދަތި ކަމެއް." އެހެން ޝައިޠާނަކު ބުނެފިއެވެ.

"ބަނޑު ފުރިފައި ހުންނަ މީހަކު އަހަރެމެންގެ ބަހެއް ނާހާ." ތިންވަނަ ޝައިޠާނަކު ޝަކުވާ ކޮށްލިއެވެ.

"ތިޔަ ކަމުން އެނގި ސާބިތު ވަނީ އެންމެ ކަމެއް." ވައިސް ޗާންސެލަރު ބުންޏެވެ. "ބަނޑު ފުރިފައި ހުންނަ މީހަކު މުންކިރު ވަނީ ހަމައެކަނި ﷲ އަކަށް ނޫން. އޭނާ ޝައިޠާނާއާވެސް ދެކޮޅު ހަދާ."

ބާޠިލް ކޮންމެވެސް އެއްޗެކޭ ބުނާން އުޅޭ ކަމުގައި އިބިލީހަށް އިހުސާސް ކުރެވިއްޖެއެވެ. އޭނާ ތެދުވާން އުޅެނިކޮށް އިބިލީސް ބުނެފިއެވެ. "ކަލެޔާއި ސަގީލާއާ ދެމީހުންނާ އަހަރެން ފަހުން ވާހަކަ ދައްކާނަން. އަހަރެންގެ ކޮޓަރިއަށް އައިސް ބައްދަލު ކުރޭ."

ބާޠިލާއި ސަގީލާއާ ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. އެމީހުން ދައްކާން އުޅޭ ވާހަކަ އެންމެންގެ ކުރިމަތީގައި ދެއްކުމަކީ އިބިލީސް ރުހޭ ކަމެއް ނޫންކަން އެމީހުންނަށް އެނގިއްޖެއެވެ.

"އާނ... އަހަރެންގެ ވާހަކަ އަޑު އަހާ. ކުރިމަތި ވެފައި މިވާ މައްސަލަޔާ ގުޅިގެން އަހަރެމެން ކޮންމެވެސް ފިޔަވަޅެއް އެޅުމަކީ މުހިއްމު ކަމެއް. ފުރަތަމަ ކަމަކަށް ކާގޭގެ އިންތިޒާމީންނަށް މަކަރާއި ވައްކަމުގެ މަގު ދައްކައިދީ. މި މައްސަލަޔާ ގުޅިގެން ކުޑަ ކޮމިޓީއެއް އެކުލަވައިލާން އަހަރެން ގަސްތު ކޮށްފިން..." އޭނާ ކޮމިޓީގެ ނަންތައް އިއުލާނު ކޮށްފިއެވެ.

"ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާން ޖެހޭެ." ވައިސް ޗާންސެލަރު ބުންޏެވެ. "ސަރުކާރުން ކާގެޔާ މެދު ހަރުކަށި ފިޔަވަޅު އަޅާ ގޮތް ހެދިއްޔާ ކިހިނެއް ވާނެތޯ؟"

"އެއީ އަދި ފަހުގެ ކަމެއް. ފުރަތަމަ ކުރާންވީ ކަމަކީ ކާގެ ބަދުނާމު ކުރުން."

"އެންމެ ރަނގަޅު.. ޢިއްޒަތްތެރި ޗާންސެލަރު."

"މި ކާގެ ހަދައިގެން އެ އުޅޭ މީހާއަކީ އަހަރެމެންނަށް ތަބާވާ މީހެއް. އޭނާގެ އެންމެ ބޮޑު ބަލިފަޔަކީ ބާޖުމެރުން... ހަރާދުކިޔުން. ކަލޭމެން ގަޑި ބަހައިގެން ސައުވީސް ގަޑިއރު އޭނާއަށް ފާރަލަމުން ގެންދޭ. އެންމެ ފަހުގެ މުވާސަލާތީ އާލަތުގެ ބޭނުން ހިފާ. މީގެ ފަހުން ބާޖުމަރައިގެން އޭނާއަށް ކާމިޔާބީއެއް ލިބިގެން ނުވާނެ. އޭނާ ބަލިވާ ގޮތް ހަދާ. ކަލޭމެންނަށް ހަދާނޭ ގޮތް ބޮޑު ވެއްޖެއްޔާ އަވަހަށް ކުއްލިހާލަތުގެ ބަޔަކަށް އަންގާ. ކޮންމެ ގޮތެއް ހަދައިގެންވެސް ކޮންމެ ހަރާދުކިޔުމަކުން އޭނާ ބަލި ކުރާން ވާނެ. މި މަސައްކަތުގައި ފަރުވާކުޑަ ކުރާ ގޮލަޔަކަށް އަހަރެން މާފު ނުކުރާނެކަން ހަނދާން ކުރާތި."

ޖަލްސާގައި ތިބި ޝައިޠާނުންތައް ހައިރާން ވެފައި އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ. މިއީ އާދައިގެ މީހެއްގެ މައްޗަށް މިހައި ބޮޑު ސަމާލުކަމެއް ދޭން އެންގުނު ފުރަތަމަ ފަހަރެވެ. ބާޠިލާއި ސަގީލާއަށް ކޮންމެވެސް ވަރަކަށް އެ އެންގުމުގެ ސަބަބު ވިސްނެއެވެ.

"އަދިވެސް އެ ފަހަރު ބުނެލާާނަން. އޭނާ ހަރާދުކިޔައިގެން އެންމެ ފަހަރަކު މޮޅުވިޔަސް އެކަމާ ޒިންމާވާ މީހަކަށް އަހަރެންގެ އަޒާބުން ސަލާމަތް ވެގެންނެއް ނުދެވޭނެ."

ޖަލްސާ ނިމިއްޖެއެވެ. އިބިލީސް ދިޔައީ ޔުނިވަރުސިޓީގައި އޭނާއަށް ޚާއްސަކޮށްފައި ހުންނަ ކޮޓަރިއަށެވެ.

ދެތިން މިނިޓުއިރު ފަހުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލީ އަޑު އިވުނެވެ.

"ވަދޭ." އިބިލީސް ބާރަށް ގޮވައިލިއެވެ.

އެތެރެއަށް ވަނީ ބާޠިލާއި ސަގީލާއާ ދެމީހުންނެވެ.

"އިށީނދޭ." އިބިލީސް ގޮނޑިއަށް އިޝާރާތް ކޮށްލިއެވެ.

ދެމީހުން އިށީނދެއްޖެއެވެ.

"އަހަރެން އެ ވަގުތު ކަލޭގެ ވާހަކަ ހުއްޓުވީ..." އިބިލީސް މުޚާތަބްކުރީ ބާޠިލާއެވެ. "އާއްމުންގެ ތެރޭގައި ދައްކާން ޖެހޭ ވާހަކައާއި އެކަހެރިކޮށް ދައްކާން ޖެހޭ ވާހަކަ ވަކި ކުރާން ކަލެމެންނަށް އެނގޭން ވާނެ."

"އަޅުގަނޑު މާފަށް އެދެން... ޢިއްޒަތްތެރި ޗާންސެލަރު." ބާޠިލް ތުރުތުރުއަޅާ އަޑަކުން ބުނެލިއެވެ.

"މީގެ ފަހުން އެކަހަލަ ކަންކަމަށް ސަމާލުވާތި." އިބިލީސް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. "ދެން ބުނޭ. ކޮބާ ބުނަން ބޭނުންވާ ވާހަކައަކީ؟"

"އަޅުގަނޑާ ހަވާލު ކުރެއްވި ސުލައިމާނަކީ ވަރަށް ޗާލާކު މީހެއް."

"އާނ. ކަލެއަކަށް އޭނާގެ ކަންތައްތައް ހަމަޔަކަށް އަޅުވައެއް ނުލެވުނު." އިބިލީސް މަލާމާތުން ފުރިފައިވާ ރާގަކަށް ބުންޏެވެ.

ކަލެއަކަށްވެސް އޭނާ ހަމަޔަކަށް އަޅުވައެއް ނުލެވުނެއް ނޫންހޭ ބުނެފާނަމޭ ބާޠިލްގެ ހިތަށް އެރިއެވެ. "އޭނާގެ ތިން އެދުމުގެ ބަދަލުގައި މަނިކުފާނު އެދިވަޑައިގަތީ އޭނާގެ ފުރާނައަކަށް ނޫންތޯ؟ އެ އެދުންތަކުގެ އެހީގައި އޭނާ ފައިސާ ލިބިގަތް. އިމާރާތެއް ލިބިގަތް. މިހާރު ދަރުމަވެރި ކާގެއޭ ކިޔާ ތަނެއް ހަދައިގެން އެހެރަގެން ހިންގަނީއެއް ނޫންތޯ؟"

"ކަލޭ ކިޔާން ތިޔަ އުޅެނީ ކީކޭ؟" އިބިލީސް ނުރުހުމުގެ ރާގަކަށް އަހައިލިއެވެ.

"ޢިއްޒަތްތެރި ޗާންސެލަރު. އަޅުގަނޑުމެންނަށް އޭނާގެ ފުރާނައިގެ ވިޔަފާރި ކުރެވިފައިވާނަމަ އޭނާ ކާގެ ހިންގަނީ ކިހިނެއްތޯ؟ އަޅުގަނޑުމެންގެ އަތްދަށުގައި އޮންނަ ފުރާނައަކަށް ހެޔޮ ކަމެއް ނުކުރެވޭނެއެއް ނޫންތޯ؟"

އިބިލީސް ހާސްވެއްޖެއެވެ. ކަންތައް ހިނގައިދިޔަ ގޮތް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ "އަހަރެމެންނަކަށް އޭނާގެ ފުރާނައިގެ ވިޔަފާރީގެ މުއާމަލާތް ނިންމައެއް ނުލެވޭ." އިބިލީސް ބުންޏެވެ. "މުއާމަލާތުގެ ތެރޭގައި ކުޑަކުޑަ މައްސަލައެއް ކުރިމަތިވީ. ގާނޫނީ ގަޑުބަޑެއް ހިނގީ."

(ނުނިމޭ)

3 ޚިޔާލު

  1. އަނހާ! ތިމަންނަ ހުތުރުގޮތަކަށް ބޮޑު ބަ އްޔަކުން ބަލިވީކަމަށް ދެ ލާހިދަރިން ކުރިމަތީ އެއ އްބަސްވާން ލަދުގެންފިތާ! ހުރިހާ ޝަ އިތާނުން ކުރިމަތީ ބޭޒާރުވެދާނެތީ ލަ އްކަ ޖެހިލުމެ އް ވާނެތާ.
    މި އީ ވަރަށް ބަރާބަރު ވާހަކަ އެ އް.

  2. Kurin Sulaiman haraadhu kiyaigen kaamiyaabu vanee ibilees vaagiveri vaathee. Ekan huttuneema baaju maraigen
    vaanee bayyeh noontha sulemaanooo...Faruzana attakaaves thikan huttaalabala

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.