ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި މެނުވީ ގެއިން ނުުނުކުތުމަށް ބޮޑުވަޒީރު މޯދީ އެދިވަޑައިގެންފި

އާދީއްތަ ދުވަހުން ފެށިގެން ބޭރުގެ ހުރިހާ ފްލައިޓެއް ހުއްޓާލަނީ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިރޭ ގައުމާ މުޚާޠަބުކުރައްވަނީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ކޮވިޑް- 19 ވަބާ އިންޑިޔާގައި ވެސް ފެތުރި، މި ބަލި ޖެހޭ މީހުން އިތުރުވަމުން ދިއުމާ  ގުޅިގެން އިންޑިޔާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޮންމެެހެން ބޭނުންޖެހިގެން ނޫނީ "މަދު ހަފުތާތަކަށް" ގެއިން ނުނުކުތުމެ ތިބުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ އެދިވަަޑައިގެންފިއެވެ. އެއީ ބަލިފެތުރުން މަޑުޖެހިލަންދެނެވެ. އޭނާ މިފަދައިން އިލްތިމާސްކުރެއްވީ މިރޭ 8 ޖެހިއިރު (ރާއްޖޭ ގަޑިން 7:30 ވީއިރު) ގައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިންޑިޔާގައި ކޮވިޑް- 19 ޖެހުނު މީހުންގެ އަދަދު 173 އަރާފައި ވާއިރު، މި ބަލީގައި 4 މީހަކު ވަނީ މަރުވެފައެވެ. މި ހާލަތުގައި ފަރުވާކުޑަކޮށްގެން ނުވާނެކަމުގައި މޯދީ ވިދާޅުވިއެވެ.

"ވަރުގަދަ އަޒުމާއި ކެތްތެރިކަމަކީ މި ބައްޔާ ހަނގުރާމަކުރުމަށް އެންމެ މުހިއްމު ކަންތައް. މަރުކަޒީ ސަރުކާރާއި ސްޓޭޓްތަކުގެ ސަރުކާރުތަކުން އަންގާ އެންގުންތަކަށް ބޯލަނބަން ރައްޔިތުން އަޒުމު ކަނޑައަޅަން ޖެހޭ." ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

މިރޭ ދެއްކެވި ވާހަކަފުޅުގައި ބޮޑުވަޒީރު މޯދީ ވަނީ ކޮވިޑް- 19 އިން ކުރާ އިގްތިސާދީ އަސަރު ބަލައި ފިޔަވަޅު އެޅުމަށް 'އިކޮނޮމިކް ރެސްޕޮންސް ޓާސްކްފޯސް' އެކުލަވާލާފައިވާކަން އިއުލާންކުރައްވާފައެވެ.

ކޮވިޑް- 19 އާއި ދެކޮޅަށް އިންޑިޔާގެ ހުރިހާ ރައްޔިތުން ގުޅިގެން ކުރާ ކަމެއްގެ ގޮތުގައި މި މާރިޗު މަހުގެ 22 ވާ އާދީއްތަ ދުވަހު ހެނދު 6:00 އިން ރޭގަނޑު 9:00 އަށް "ރައްޔިތުންގެ ކާފިއު" އެއް ތަންފީޒުކުރުމަށް ވެސް އިންޑިޔާގެ ބޮޑުވަޒީރު ވަނީ ގޮވައިލައްވާފައެވެ.

އޭނާގެ ވާހަކަފުޅުގައި ބޮޑުވަޒީރު މޯދީ ވަނީ އެެއާޕޯޓުތަކާއި، ހޮސްޕިޓަލްތައްފަދަ އާއްމު ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުންނާއި، ހޯމްޑިލިވަރީގެ މަސައްކަތުގައި އުޅޭ މީހުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެމީހުންނަށް ޝުކުރުއަދާކުރުމަށް 22 މާރިޗު، އާދީއްތަ ދުވަހު ހަވީރު 5 ޖަހާއިރު، ހުރިހާ އެންމެން ގޭ ދޮރުމައްޗަށާއި، ބެލްކަނީތަކަށާއި، ކުޑަދޮރުތައް ކައިރިއަށް ނުކުމެ 5 މިނެޓަށް އަތްތިލަބަޑި ޖެހުމަށް، ނުވަތަ ރަނގަބީލު ޖެހުމަށް އެދިވަޑައިގެންފައެވެ.

"އަހަރުމެން ޖެހެނީ ގުޅިގެން މަސައްކަތްކުރަންކަން އެއީ ވަރަށް ސާފު ކަމެއް. އަހަރުމެންނަށް އެންމެ ރަނގަޅަށް ބައްޔާ ހަނގުރާމަކުރެވޭނީ އެކަތިގަނޑަކަށް ވެގެން. ބައިބައިވެގެންނެއް ނޫން. އެކުގައި މަސައްކަތް ކޮށްގެން، އޮޅުންބޮޅުން އުފައްދައިގެންނެއްނޫން. ތައްޔާރުވެގެން، ހާސްވެ ގޮތް ހުސްވެެގެންނެއް ނޫން." މޯދީގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އިންޑިޔާއިން ކޮވިޑް- 19 އާއި ދެކޮޅަށް އަޅާ ފިޔަވަަޅެއްގެ ގޮތުގައި 22 މާރިޗު ވާ އާދީއްތަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަަތަށް ބޭރުން ފްލައިޓް އައުން މަނާކޮށްފައެވެ. އަދި ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އުމުރުން 10 އަހަރަށް ވުރެ ހަނގު ކުޑަކުދިންނާއި، 65 އަށް ވުރެ ދޮށީ މީހުން ގެއިން ނުނުކުތުމަށް ގޮަވައިލާފައެވެ. ސްކޫލްތަކާއި، ކޮލެޖްތަކާއި، ތިޔޭޓަރުތަކާއި، ޝޮޕިންމޯލް ތައް ބަންދުކޮށްފައިވާއިރު، ދީނީ އެއްވުންތައްވެސް ވަނީ ހުއްޓާލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.