ޒަރޫރީ ބޭނުމެއްނެތި ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްދީ ގެޔަށް ފޮނުވާލަނީ

ޒަރޫރީ ބޭނުމެއްނެތި މަގުތަކުގައި އުޅޭ މީހުންނަށް ނަޝޭހަތްދީ ގެޔަށް ފޮނުވާލުމުގެ މަސައްކަތް ދިވެހި ފުލުހުން މިއަދު މާލޭގައި ފަށްޓަވާނެއެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރުމާއި އެއް ހަފްތާގެ މުއްދަތަށް ސަރުކާރު ބަންދުކޮށްފައިވާ ވުމާ ގުޅިގެން މިއަދުން ފެށިގެން ޒަރޫރީ ބޭނުމެއް ނެތި މާލޭގެ މަގުމަތީގައާއި އާންމު ތަންތަނުގައި އުޅޭ މީހުންނަށް ނަސޭހަތްދީ ގެއަށް ފޮނުވާލުމުގެ މަސައްކަތް ފުލުހުން ފަށްޓަވާނެކަމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ވިދާޅުވިއެވެ.

"މިއަދު ސަރުކާރު ބަންދުވުމާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް މާލޭގައި ފެށިގެންދާނެ. މީގެތެރޭގައި މާލޭގައި ކޮންމެހެން ޒަރޫރީ ބޭނުމެއްނެތި އުޅޭ ފަރާތްތަކަށް ސޯޝަލް ޑިސްޓެންސިންނަށް ނަސޭހަތްތެރިވެ، ފުލުހުންނާއި ހުރިހާ ސްޓޭކްހޯލްޑަރުންން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށްޓަކައި ގޭގައި މިވަގުތު މަޑުކޮށް ދިނުމަށް އެދޭނެ" އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ނަވީން ވިދާޅުވިއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކުން ވެސް އެއް ބާރުލުން ދިނުމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ނަވީން އެދި ވަޑައިގެންނެވިއެވެ.

ކޮވިޑް- 19 ގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީ ތަކުގައި ފުލުހުން ސެކިއުރިޓީ ބަލަހަށްޓަމުން ގެންދާކަމަށް ވެސް މިއަދުގެ  ޕްރެސް ކޮންފަރެންސްގައި ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން 19 ތަނެއް މޮނިޓަރކުރުމާއި އައިސޮލޭޝަން އޯޑަތަކެއް އެންފޯސް ކުރުމުގެ މަސައްކަތްތައް ކުރައްވަމުންދާކަމަށް ވެސް ވިދާޅުވިއެވެ. އަދި ރެޕިޑް ރެސްޕޮންސް ޓީމްތަކާއެކު ކުރެވޭ މަސައްކަތްތަކުގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައްވެސް ފުލުހުންގެ އެހީތެރިކަން ޢަމަލީ ގޮތުގައި ދެމުންދާކަން ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތްގެ އަމުރުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅައި އެމައްސަލަތައް ބަދަލުމުންދާކަމަށް ވެސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ނަވީން ވިދާޅުވިއެވެ. އިތުރަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ގްރޭޓަރ މާލޭ އޭރިޔާގައިއުޅޭ ފުރާދުއްވާ އެއްޗެތި މޮނިޓަރ ކުރުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

އަތޮޅުތަކުގައިވެސް ހަރަކާތްތެރިވާ ފުލުހުންގެ ޢަދަދު އިތުރުކޮށްފައިވާކަމަށް މިއަދު ފުލުހުން ހާމަކުރެއްވިއެވެ. އަދި ކައުންސިލްތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ހަރާކާތްތައް ހިންގަމުންދާކަމަށް ވިދާޅުވިއެވެ. ރަށްރަށުގައި ވެސް މައިޒާންތަކާއި ޖޯލިތަކުގައި މީހުން ގިނަ ވާނަމަ އެމީހުން ގޭގެއަށް ފޮނުވާލުމުގެ މަސައްކަތް ވެސް މިއަދުން ފެށިގެން ފުލުހުން ކުރަމުންދާނެ ކަމަށް ޕްރެސް ކޮންފަރެންސް ގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޒް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.