އެެމެރިިކާގެ ރައީސު ޑޮނާލްޑް ޓްރަމްެޕް ގެންގުޅުއްވާ އިސްރާއީލާ ރަހުމަތްތެރި ސިޔާސަތުގެ ފައިދާ ނަގައިގެން އިސްރާއީލުން ހުޅަނގު އައްސޭރީގައި އިމާރާތްކުރުމުގެ ހަރަކާތްތައް އިތުރުކޮށްފިއެވެ. އިސްރާއީލާއި ފަލަސްޠީނު މީހުންނާ ދެމެދު ސުުލްހައަށް މަސައްކަތްކުރާ އިސްރާއީލުގެ ޖަމާއަތެއް ކަމުގައިވާ ޕީސް ނައު އިން ބުނި ގޮތުގައި ފާއިތުވި އިސްރާއީލު ސަރުކާރުން ހުޅަނގު އައްސޭރީގައި ހަދާ ޣައިރު ގާނޫނީ އާބާދީތައް 2019 ވަނަ އަހަރު ވަނީ %25 އިތުރުވެފައެވެ.
ފާއިތުވި އަހަރު ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރީގައި އިތުރު އެތައް ހާސް ގެއެއް ބިނާކުރުމުގެ މަޝްރޫއުތަކަށް ހުއްދަ ދީފައެވެ. އެހެންކަމުން، ކުރިއަށްް އޮތް އަހަރުތަކުގައި އަބާދީތައް އިތުރުވާ މިންވަރު މައްޗަށް ދާނެކަމަށް ބެލެވެއެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އެމީހުން އެ ދަނީ (ރައީސު) ޓްރަމްޕްގެ ދައުރުގައި އެމީހުންނަށް ހުޅުވިފައިވާ ފުރުސަތުގެ ބޭނުން ހިފަމުން. ކުރިއަށް އޮތް މަސްތަކުގައި އެކަން ބަދަލުވެދާނެކަމަށް ލަފާކުރެވޭތީ." ޕީސް ނައުގެ ރިސާޗާ ހަގިޓް އޮރްފާން ބުންޏެވެ.
މުޅި ދުނިޔެހެން ގަބޫލުކުރާ ގޮތުގައި، 1967 ވަނަ އަހަރު އިސްރާއީލުން ގަދަބާރުން ހިފި ފަަލަސްޠީނުގެ ބިންތަކަކީ ހިފާފައިވާ ސަރަހައްދެކެވެ. އަދި އެ ސަރަހައްދުގައި ޔަހޫދީ އާބާދީތައް ބިނާކުރުމަކީ ޣައިރު ގާނޫނީ ކަމެކެވެ.
މީގެ ކުރިން އެމެރިކާގައި ރައީސުކަން ކުރެއްވި ޑިމޮކްރެޓި އަދި ރިޕަބްލިކަން ރައީސުންނާ ޚިލާފަށް ރައީސު ޓްރަމްޕް ވަނީ އިސްރާއީލާ މާބޮޑަށް ރަހުމަތްތެރި ސިޔާސަތެއް އިޚްތިޔާރުކުރައްވާފައެވެ. އަދި ޔަހޫދީ އާބާދީތައް ބިނާކުރުމާމެދުވެސް ޓްރަމްޕްގެ ސަރުކާރުން ގެންގުޅެފައިވަނީ އިސްރާއީލުގެ ކޮޅަށް ޖެހިފައިވާ ސިޔާސަތެކެވެ. އަދި ބުނެފައި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ބިނާކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ނޫންކަމުގައެވެ.
މުސްލިމުންނާއި، ފަލަސްޠީނު މީހުން ދެކޭ ގޮަތުގައި 1967 ގައި އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަކީ މުސްތަގުބަލުގައި ފަލަސްޠީނުގެ ދައުލަތް ގާއިމުކުރާނެ ބިމެވެ. މުޅި ދުނިޔެހެން މިކަމަށް ތާއީދުކުރެއެވެ.
ހުޅަނގު އައްސޭރީގައި 5 ލައްކަ 50 ހާސް ޔަހޫދީން އާބާދުކޮށްފައި ވާއިރު، އިރުމަތީ ޤުދްސުގައި 2 ލައްކަ 20 ހާސް ޔަހޫދީން ދިރި އެބައުޅެއެވެ. މި އަދަދުތަައް މިހެން އިތުރުވަމުންދާ ވަރަކަށް، އެ ބިންތަކުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ފުރަސަތު ދަނީ ކުޑަވަމުންނެވެ.