ރާއްޖޭގައި ތިބި 65 އަހަރުން މަތީގެ މީހުން ތިބިތަންތަނާއި އެމީހުންގެ ސިއްހީ ހާލަތު ދެނެގަތުމުގެ މަސައްކަތް ތަކެއް މިހާރު ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ މުޙައްމަދު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކް މިއަދު ވިދާޅުވީ އެ މީހުންގެ ތިބިތަންތަން ދެނެގަންނަނީ ކޮވިޑް-19 ފެތުރި އެމީހުންނަށް ޖެހިއްޖެ ކަމަށްވާމަށް އެމީހުންނަށް އޮތް ރިސްކް ބޮޑު ކަމަށް ޑޮކްޓަރުން ވިދާޅުވާތީ ކުރީބައިގައި އެކަމަށް ތައްޔާރު ވުމަށް ކަމަށެވެ.
"ރާއްޖޭގައިތިބި ފަސްދޮޅަސް ފަސް އަހަރުން މަތީގެ ހުރިހާ ބޭފުޅުން ތިބި ތަންތަނާއި އެބޭފުޅުންގެ ސިއްހީ ހާލަތު ހޯދުމުގެ މަސައްކަތްމިހާރު ޓީމަކު ފަށްޓައިގެން ކުރިއަށް އެބަގެންދޭ،" އޭނާ ވިދޅުވިއެވެ. މަބްރޫކު ވިދާޅުވީ ސަރުކާރުން މިހާރު ގެންދަވަނީ 200 އައިސީޔޫ އެނދު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެނދުތައް ތައްޔާރު ކުރެވޭނީ ބޭނުންވާ ހުރިހާ ވަސީލަތްތަކާއި، ސާމާނާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ގޮސް އެބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރުވަނީ 13 އަށް އަރައިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓަލީ ވިލާތަށް ނިސްބަތްވާ 9 މީހަކާއި، ތުރުކީވިލާތުގެ މީހަކާއި، ދެކުނު އެފްރިކާގެ މީހަކާއި ޖަރުމަނުވިލާތު މީހެއެވެ. އޭގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި، ހަތް އަންހެނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އައިސޮލޭޓު ކުރެވިފައިވާ މީހުންނަށް ބަލާއިރު ފަރުކޮޅު އައިސޮލޭޝަންގައި 11 މީހަކު އެބަތިއްބެވެ. ވިލިވަރު ކަރަންޓީނުގައި 20 މީހުން އެބަތިއްބެވެ. ކޮވިޑް-19 ގެ ސަބަބުން ނެޝަނަލް އެލާޓު ލެވެލް މިހާރުހުރީ ރީނދުލުގައެވެ. އައިލެންޑު ލެވެލްއަށް ބަލާއިރު ކުރެއްދޫ އޮތީ އޮރެންޖު އެލާޓުގައެވެ.
މަބްރޫކު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މުޅިގައުމު ލޮކްޑައުން ކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެނާ މިހެން ވިދާޅުވީ އެކަން ކުރުމަށް ބައެއް ޑޮކްޓަރުން ގޮވާލައްވަމުން ގެންދަވަނިކޮށްނެވެ.