ނައިޖީރިޔާގައި ގޭސް ފުޅިތަކެއް ގޮވުމުގެ ސަބަބުން 17 މީހުން މަރުވެ، 50 ގެ ހަލާކުވެއްޖެ

ނައިޖީރިޔާގައި އިއްޔެ ގޭސްފުޅިތަކެއް ގޮވި ސަރަހައްދު

ނައިޖީރިޔާގެ އެންމެ ބޮޑުރަށް، އަދި ވިޔަފާރީގެ މަރުކަޒު ލާގޯސްގައި ގޭސްފުޅިތަކެއް ގޮވުމުގެ ސަބަބުން 17 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. އަދި އެ ހިސާބުގެ 50 ގެއެއް ވަނީ ވެއްޓިފައެވެ. ނުވަތަ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ. 

ލާގޯސްގެ އަބޫލޭ އަޑޯ ޑިސްޓްރިކްގައި ނައިޖީރިއަން ނޭޝަނަލް ޕެޓްރޯލިއަމް ކޯޕޮރޭޝަން (އެންއެންޕީސީ) އިން ހިންގާ ގޭސް ޕްލާންޓެއް ކައިރީގައި ބަހައްޓާފައި ހުރި ގޭސްފުޅިތަކެއްގައި އިއްޔެ ހެނދުނު 8 ޖެހިއިރު (ރާއްޖޭ ގަޑިން މެންދުރު 12 ޖެހިއިރު) ލޮރީއެއް ޖެހިގެން ހިނގި މިހާދިސާގައި ކައިރީގައި ހުރި ގެތަކާއި، އުޅަނދުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

3 ކިލޯމީޓަރު ދުރަށް އަޑު އިވުނު މި ބާރުގަދަ ގޮވުމުގައި އެންއެންޕީސީގެ ގޭސް ހޮޅިވެސް ވަނީ ހަލާކުވެފައެވެ. އޭގެ ސަބަބުން އެ ސަރަހަށް ގޭސް ލިބުން ވަނީ މެދު ކެނޑިފައެވެ.

މީހުން ސަލާމަތްކުރުމާއި، ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް ދާއިރު، ނައިޖީރިޔާގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (އެންއީއެމްއޭ) ގެ ތަރުޖަމާނު އިބްރާހިމް ފަރިންލޯޔޭ ވިދާޅުވި ގޮތުގައި 100 އަށްވުރެ ގިނަ ގޭގައި ވަނީ އަލިފާން ރޯވެފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި އާދީއްތަ ދުވަހު ހެނދުނުގެ އަޅުކަމަށް ފައްޅިއަށް ދިޔަ ނަސާރާ އާއިލާއެއެއްގެ 4 މީހުން ހިމެނެއެވެ.

"އަހަރެން ވާހަކަދައްކަމުން ދާއިރުވެސް، މަރުވެފައިވާ މީހުންގެ ހަށިތައް މިދަނީ ލިބެމުން...... މިތާނގައި ސްކޫލެއް އެބަހުރި. މިއީ މީހުން ދިރިއުޅޭ ސަރަހައްދެއް. އަދި މި ސަހަރައްދުގައި މައުރަޒެއްވެސް ކުރިއަށް އެބަދޭ." ރެޑް ކްރޮސްގެ އޮފިޝަލަކު ބުންޏެވެ.

ގޭސް ހޮޅިއާއި ތެޔޮ ހޮޅިއާއި، ތެޔޮ ޓޭންކަރު ގޮވުމަކީ ނައިޖީރިޔާގައި އާއްމު ކަމެކެވެ. ގިނަ ފަހަރު މިފަދަ ހާދިސާތައް ހިނގާފައި ހުންނަނީ ތެޔޮ ވަގަށް ނަގަން މަސައްކަތްކުރުމުގެ ތެރޭގައެވެ.

ދުވާލަކު 2 މިލިއަން ފީފާ ތެޔޮ އުފައްދާ ނައިޖީރިޔާއަކީ އެފްރިކާ ބައްރުގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ކަމުގައި ވިޔަސް، އެ ގައުމުގެ އާއްމުންގެ ގިނަ ބަޔަކު އުޅެމުން ދަނީ ފަގީރު ހާލުގައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.