ކޮވިޑް-19 އިން ސަލާމަތްވުމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި

ކޮވިޑް-19 އަކީ ވަބާއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިން އިޢުލާނުކުރުމާ ގުޅިގެން ދެން އެބަލިން ސަލާމަތްވުމަށް ދެން އެޅިދާނެ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލިހުގެ ޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިހާރު ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ރޯގާޖެހިފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާނަމަ، ރޯގާގެ ޙާލަތު އޮރެންޖް އެލަރޓަށް ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި ކަންތައްތައް ގެންދާނެގޮތާއި، އިތުރަށް އަޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މިކަމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ 8 މީހުން ފެނިފައެވެ. އިތުރު މީހުންގެ ޓެސްޓްތައް ހެދެމުން އެބަދެއެވެ. އަދި ބައެއް މީހުން ވަނީ ކަރަންޓިން ފެސިލިޓީތަކުގައި ބައިތިއްބައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ވެސް ބައެއް މީހުން އެބަތިއްބެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.