ކޮލަމާފުށީގެ ނަރުދަމާއާއި ބޯފެނުގެ މަޝްރޫޢު ރަސްމީކޮށް ފަށައިފި

ހުވަދު އަތޮޅު އުތުރު ބުރީ، ކޮލަމާފުށީގެ ނަރުދަމާއާއި ބޯފެނުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ހަވީރު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓްރ އޮފް އެންވައިރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ.

އެންވައިރަންމަންޓް މިނިސްޓްރިން މަޢުލޫމާތު ދެއްވާ ގޮތުގައި ރާވާފައިވާ ގޮތަށް ދާނަމަ މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޠާރިޤް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހައި ކަންކޮޅުތަކެއްގައިވެސް ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް އެބަދެއެވެ. ރާއްޖޭގެ ތާރީޚުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ކުރިން ކުރިއަށް ނުދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މަސައްކަތް އިތުރަށް ހަލުވި ކުރަން ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، އެހެންވީމާ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ތާއީދުކުރާ މީހުން ކައުންސިލްތަކަށް ހޮވަން އެދިވަޑައިގަތެވެ.

ކޮލަމާފުށީގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދަވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އާއި ހަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 11 މެއި 2016 ގައެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މަޝްރޫޢުގެ އަގަކީ 56,584,710.39ރ. (ފަންސާސް ހަމިލިޔަން، ފައްސަތޭކަ އައްޑިގަ ހަތަރުހާސް، ހަތް ސަތޭކަ ދިހަ ރުފިޔާ ތިރީސް ނުވަ ލާރި) ރުފިޔާ ކަމަށް އެންވައިރަންމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ދަށުން 7.1 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް ޤާއިމުކުރާނެނެއެވެ. އަދި 86 ޓަނުގެ 02 ޑީސެލިނޭޝަން ޕްލާންޓު ބަހެއްޓާނެއެވެ. މިޕްލާންޓްތަކުން ފެން އުފައްދުމަށް 794 ޓަނުގެ ތާނގީއަކާއި ފެން ރައްކާކުރުމަށް 521 ޓަނުގެ ތާނގީއެއް ބަހައްޓާނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން 5.7 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމު ކޮށް، 250 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެއެވެ. މިނިސްޓްރީން ހާމަ ކުރައްވާ ގޮތުގައި މުސްތަޤްބަލުގައިމި ޕްލާންޓް 500 ޓަނަށް އިތުރުކުރެވޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ފެނުގެ ޒަމާނީ ނިޒާމަކާއި ނަރުދަމާގެ ޚިދުމަތް ޤާއިމްވެ 329 ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައިދޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.